ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިސްޓްރިކްޓް ކޯޓު އުފައްދަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަދުލު އިންސާފުގެ ދާއިރާގެ ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ބިލް ފޮނުވާފައިވާ ކަމަށެވެ.
އެ އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މެޖިސްޓްރޭޓުން ވަކިވަކި ކޯޓުތަކަށް އައްޔަން ކުރުމުގެ ބަދަލުގައި ޖުޑީޝަލް ދާއިރާތަކުގައި ވަކި ސާކިޓްތަކެއް ގާއިމްކުރުމަށް ފަހު އެތަންތަނަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުމާއި ކޯޓުތައް ހިންގުމާ ގުޅޭ އެހެން އުސޫލުތައް ހަރުދަނާ ކުރުން ވެސް އެ ބިލްތަކުގައި ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، އޭޖީ އޮފީހުން ބުނި ގޮތުގައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގެ ނިޒާމު އިތުރަށް ތަފްސީލު ކުރުމާއި ފަނޑިޔާރުންގެ ސެކިއުރިޓީގެ ކަންކަމާއި ފަނޑިޔާރު ވިޔަފާރިކުރުމާ ގުޅޭ ކަންކަމާއި މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު އިތުރަށް ތަފްސީލުކުރުން ވެސް އެ ބިލްތަކުގައި ހިމެނެ އެވެ.
މީގެކުރިން ރާއްޖޭގައި ޑިސްޓްރިކްޓް ކޯޓެއް އުފައްދާފައެއް ނުވެ އެވެ.
މިހާރު މާލޭގައި އެކި ބާވަތުގެ މައްސަލަތައް ބެލުމަށް ސުޕީރިއާ ކޯޓުތަކުގެ ދަރަޖައިގެ ފަސް ކޯޓު ހުރެ އެވެ. އެކަމަކު އަތޮޅު ތެރޭގެ ރަށްރަށުގައި ހުންނަނީ ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކެވެ. އަދި ވަކި މިންވަރަށް ވުރެ ބޮޑެތި މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭތީ ޖެހެނީ މާލޭ ކޯޓުތަކަށް ހުށަހަޅާށެވެ.