ނޭޕާލުގައި ދާދި ފަހުން ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ކުޅިވަރު ގައުމީ މަޖިލީހުން ދާދި ފަހުން އެކުލަވާލި ގަވާއިދުގެ ތެރެއިން 20،000 ރުފިޔާ ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޒުވާން ޓީމު ސާފް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މަހުލޫފް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި މި ޓީމަށް މަރުހަބާ ނުކިޔައިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވި ކަމަށާއި އެކަމަކު އެކަން ރަނގަޅަށް ކުރަން މަސައްކަތް ކުރެވިފައިވާ ކަމަށެވެ.
"ރެޑް ކާޕެޓްގައި ކޮންމެ ކުޅިވަރަކުން ވެސް ވެލްކަމް ކުރާނީ ރަން މެޑަލަށް. މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ނެގީމަ ކޮންމެ ކުޅިވަރަކަށް ލިބެނީ 35000 ރުފިޔާ. ކުޅިވަރު ގައުމީ މަޖިލީހުން ވަރަށް ފަހުން ފާސްކުރީ. މިހާރު ގޮސް (ސާފް ޗެމްޕިއަންޝިޕް) ހިފައިގެން އައީމަ ލިބޭނެ 250،000 ރުފިޔާ. މި މުބާރާތުގައި ކުރިން ލިބޭނީ 5000 ރުފިޔާ. މިހާރު މި ބަދަލުކޮށްދީފައި އޮތީ 20000 ރުފިޔާ އަށް. ކޮންމެ ޕްލޭޔަރަކަށް މި މުބާރާތުން ތި ހޯދި ކާމިޔާބީ ސަރުކާރުން އެޕްރިޝިއޭޓްކުރުމުގެ ގޮތުން ޕްލޭޔަރުންނަށް ވެސް އޮފިޝަލުންނަށް ވެސް 20،000 ރުފިޔާ އެބަ ހަމަޖައްސަން،" މަހުލޫފް ވިދާޅުވި އެވެ.
ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ފައިސާގެ އިނާމް ދޭތީ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވާ ކަމަށާއި އެކަމަކު ކުޅިވަރު ކަންތައްތަކަށް އޮތް ފައިސާ އެހެން ކަންތައްތަކަށް ހަރަދުކުރެވޭނެ ގޮތެއް އެ މިނިސްޓްރީގެ މެންޑޭޓުގައި ނޯންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޗައިނާ މެޗުގައި ޑްރޯ ކޮށްލިޔަސް އެއް ލައްކަ ރުފިޔާ (ކޮންމެ ކުޅުންތެރިއަކަށް) ދޭން ބުނީމަ ވެސް ވަރަށް ގޯސްވި. އަޅުގަނޑަކަށް އަޅުގަނޑުމެންގެ ބަޖެޓަކުން ހަރަދެއް ނުކުރެވޭނެ ނޫންތޯ ހެލްތަކަށް. ކިތަންމެ ވަރަކަށް މީހުން ބަލިވެ އޮތަސް އަޅުގަނޑު ކިހިނެއްތޯ ބަޖެޓުން ނަގާފައި އެކަމެއް ކުރަނީ. ރަށެއްގެ ނަރުދަމާގެ މަސައްކަތް ކިހިނެއްތޯ ޔޫތު މިނިސްޓްރީގެ ބަޖެޓުން ކުރަނީ. އަޅުގަނޑުމެންނަށް ދީފައި އޮންނަ ބަޖެޓުގެ މެންޑޭޓަކީ ކުޅިވަރު ކުރިއެރުވުން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާމިޔާބީ ހޯދަން އެތުލީޓުން ކުރާ މަސައްކަތް މިހާރު އެނގޭ ކަމަށާއި އެ ކުޅުންތެރިންގެ އަގުވަޒަންކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ދާދި ފަހުން އައްޑޫ ސިޓީގައި ކުރިއަށްދިޔަ ޔުއެފާ އެސިސްޓް މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ބޫޓާން އަތުން ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވި ކަމަށާއި އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން 19 އަހަރުން ދަށުގެ ޓީމު ސާފް ޗެމްޕިއަންޝިޕަށް ގޮސް ލޯ މެޑަލް ގެނައުމުން ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ރާއްޖޭގެ ސީނިއާ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މި ސަރަހައްދުގެ މުބާރަތްތަކުގައި ރާއްޖެ އަބަދުވެސް ސެމީ ފައިނަލުގައި ކުޅެ އެވެ. އެގޮތުން ރާއްޖެ ވާދަކުރި ދެކުނު އޭޝިއާގެ ފުރަތަމަ މުބާރާތުގައި، 1984 ވަނަ އަހަރު ވެސް ތިން ވަނަ ހޮވި މެޗުގައި ބޫޓާން 1-0 އިން ބަލިކޮށް ރާއްޖޭން ލޯ މެޑަލް ހޯދި އެވެ.