ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ވިކްޓްރީގެ ހާލަތު ގޯސްވެ ޓީމު ހަމަނުވެގެން ތިން މެޗެއް ދޫކޮށްލާފައިވާތީ، އެ ކްލަބްގެ ކަންތައްތައް ރަނގަޅުކުރަން ވިކްޓްރީ މެނޭޖްމަންޓުން އިސްވެ މަސައްކަތްތަކެއް ކުރަން ކުރިން އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދި މިހާރު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އިލްތިމާސެއްކޮށްފި އެވެ.
ލީގުގައި ވިކްޓްރީ އެންމެ ފަހުން ކުޅެން އޮތް ދެ މެޗު ކަމަށްވާ ށ. ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީމު ހަމަނުކުރެވުނެވެ. ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ވިކްޓްރީ ޓީމު ހަމަނުވި އެވެ. މި ސީޒަނުގައި ކިރިޔަ ކިރިޔާ ޓީމު ހަމަވެގެން ވެސް ބައެއް މެޗުތަކުގައި ވިކްޓްރީ ކުޅެފައި އެބަހުއްޓެވެ. މިއީ ދެ އަހަރު ތެރޭ ޓީމު ހަމަނުވުމުގެ ސަބަބުން ވިކްޓްރީ އަތުން ގެއްލުނު ފަސް ވަނަ މެޗެވެ.
ވިކްޓްރީ ހިންގުމަށް މިދިޔަ ޑިސެމްބަރު މަހު މިހާރުގެ ޗެއާމަން މުހައްމަދު ނާޝިދު (ނާޝް) އާއި ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) ހަވާލުވެ ވަޑައިގެން ކްލަބް ހިންގުމުގެ މޮޑިއުލް ބަދަލުކޮށް ރަނގަޅު ކަންތައްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު މެނޭޖްމަންޓުގެ އެއްބާރުލުމެއް ނުލިބި ގޮތް ހުސްވެ، ވިކްޓްރީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާދަމް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ވިކްޓްރީން މި އަހަރު ކުރީކޮޅުގައި މަސައްކަތް ކޮށްފައިވުމުން އެ ކްލަބަށް އެފްއޭއެމުން ދަތިކުރަމުން އަންނަ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ތުހުމަތުތަކެއް ކޮށްފަ އެވެ. ވިކްޓްރީގެ މައްސަލަތައް ހައްލުކުރުމަށް ދާދި ފަހުން އެ ކްލަބްގެ ލީޑަޝިޕާ އެފްއޭއެމުން ވަނީ ބައްދަލުކޮށްފަ އެވެ.
ސުޒޭން ބުނީ ވިކްޓްރީން ކުރިން ބުނީ 19 އަހަރުން ދަށުގެ ޓީމާ އެކު ބައެއް ކުޅުންތެރިން ގޮސްފައިވާތީ ޓީމު ހަމަނުވާ ކަމަށާއި އެކަމަކު އެ ޓީމު އެނބުރި އައުމުން ވެސް ޓީމު ހަމަނުވާއިރު ދެން އެ ކްލަބުން ދައްކާ ވާހަކައެއް އަދި އަޑުނީވޭ ކަމަށެވެ.
"ވަރަށް ބޮޑަށް ހިތާމަކުރަން. ވިކްޓްރީގެ ޗެއާމަން އަކީ ވެސް ވިކްޓްރީގެ ހޯމްގެ ގޮތުގައި ބެލެވޭ ކެނެރީގޭގެ ބޭފުޅެއް. އޭނާ ހަވާލުވެ ހުރެ މި ހާލަތަށް ވެއްޓިގެން ދިއުން މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ވިކްޓްރީގައި ކޮށްފައި ހުރި މަސައްކަތާއި އެ ކްލަބް ހަލާކު ނުކޮށްލާށޭ. ކްލަބަށް ރަނގަޅު ވާނެ ގޮތެއް ހައްދަވާފައި ނުވަންޏާ ކޮންމެ ބޭފުޅަކު ވެސް ވަޑައިގަންނަވާށޭ،" ސުޒޭން ބުންޏެވެ.
ލީގުގައި މިހާތަނަށް ވިކްޓްރީން ހާޒިރުނުވެ އޮތް މެޗުތަކަށް އެ ޓީމު ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށް ހާޒިރުނުވުމުން އެފްއޭއެމުން ވަނީ ޖޫރިމަނާ އިތުރުކޮށްފަ އެވެ. އެކަން އިއުލާނުކުރަން އެފްއޭއެމުން އާންމުކުރި ބަޔާނުގައި ވިކްޓްރީ ޖޫރިމަނާކުރި އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން ކްލަބްތަކަށް އެ ގޮތަށް ފިޔަވަޅު އަޅާއިރު ޖޫރިމަނާކުރާ އަދަދު ހާމަކޮށްފައިވެ އެވެ.
ސުޒޭން ބުނީ އެފްއޭއެމް ބޮލުގައި ވަކި ކަންތައްތަކެއް އެޅުވުމުން ހުރިހާ ކަމެއް ނިމުނީކީ ނޫން ކަމަށާއި އަމިއްލަ ޒިންމާ ނެގުން ވެސް މީގެ އޮންނަ ކަމަށެވެ.
"ޓީމު ހަމަކޮށްލާނެ ވަރު ނެތިއްޔާ ހަމަ އެހެން ބަޔަކާ އެކަން ކުރެވޭނެ ވަރުގެ އެކަމުގެ ޝައުގުވެރިކަން ހުރި ބަޔަކާ ވިކްޓްރީ ހަވާލުކުރަންވީ. ކޮންމެހެން ވާކަށް ނުޖެހޭ ވިކްޓްރީ ހިންގަން ހުންނަން ޖެހޭނީ ވަކި އާއިލާއެއްގެ ވަކި ގެޔެއްގެ މީހަކަަށް. ވިކްޓްރީ އޭގެ ގޮތުގައި ހިނގީމަ ނިމުނީ. މީގެ ކުރިން ވެސް ވިކްޓްރީ އަށް އެކި ނަން ކިޔާ އެކި ޗެއާމަނުން ވަޑައިގެން ވަރަށް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި އޮތީ،" ސުޒޭން ބުންޏެވެ.
ވިކްޓްރީގެ ކޯޗުކަމުން އިސްތިއުފާދިން މުހައްމަދު އާދަމް އާއި ދާދި ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން ވަކިވި މުހައްމަދު ނަޒީހު ވެސް ފާހަގަކުރި އެއް ކަމަކީ ވިކްޓްރީގެ ހާލަތު ރަނގަޅު ކުރަން އަހުމަދު ރިޔާޒް (ގާނާ) ކުރާ މަސައްކަތެވެ. ސުޒޭން ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ކާމިޔާބު ދެ ކްލަބެއް މި ވަގުތު ފުރަތަމަ ޑިިވިޝަނުގައި ނެތެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާއިރު، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަަލައިގައި ނިއު ރޭޑިއަންޓް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ސުޒޭން ބުނީ ނިއު އާއި ވިކްޓްރީގެ ވާހަކަ ދައްކާއިރު އެކި އިހުސާސް ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ ފުޓްބޯޅަ ތާރީހަށް ބަލާއިރު ވިކްޓްރީ އާއި ނިއު ރޭޑިއަންޓްގެ ވާހަަކަ ދައްކައިފިއްޔާ އަޅުގަނޑުމެންނަށް ހިތްހަމަޖެހުމެއް އިހުސާސް ކުރެވިދާނެ. ހަމަ އެހެންމެ ހިތްދަތި ކަމެއް ވެސް އިހުސާސް ކުރެވޭ. ފުޓްބޯޅަ އަށް މި އައި ނިކަމެތި ކަމުގައި ހަަމަގައިމުވެސް ވިކްޓްރީ އާއި ނިއު ރޭޑިއަންޓް އަނަރޫފަ ވެގެން ދިއުން އެއީ ދެރަކަމެއް،" ސުޒޭން ބުންޏެވެ.
ސުޒޭން ވަނީ ވިކްޓްރީ މެނޭޖްމަންޓުގެ ކިބައިން ކަންތައްތައް ރަނގަޅުކުރަން އިލްތިމާސެއްކޮށްފަ އެވެ.
"މިހާރު އޮތް މެނޭޖްމަންޓްގެ ކިބައިން ވަރަށް ބޮޑަށް އެދެން ވިކްޓްރީ އަށް އަވަހަށް ގޮތެއް ހޯދައިދޭން. ޓީމު ވެސް ހަމަވާނެ އެހެން ކަންތައްތައް ވެސް ކުރެވޭނެ ކުޅުންތެރިންނާ ރަނގަޅަށް މުއާމަލާތު ކޮށްގެން މިކަން ކުރަން އުޅުނިއްޔާ. މިއީ އަޅުގަނޑުގެ ވަރަށް ބޮޑު ރިކުއެސްޓެއް،" ސުޒޭން ބުންޏެވެ.
ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ ބައްދަލުކުރާއިރު، ވިކްޓްރީ މާދަމާ ހަވީރު ކުޅޭ މެޗު އޮންނާނީ ނިލަންދޫއާ ދެކޮޅަށެވެ.