އަރުޖުން ކަޕޫރާއު ރަކުލް ޕްރީތި ސިންގް ދާދި ފަހުން ސޮއިކުރި ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ނަން އަދި އިއުލާންނުކުރާ މި ފިލްމުގެ ޝޫޓިން ފެށުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް މީގެ ޕްރޮޑަކްޝަން ހައުސްތަކުން ހިއްސާކޮށްފައިވެ އެވެ. އަލަށް ޑައިރެކްޝަނަށް ނުކުންނަ ކާޝިވީ ނައިރް ޑައިރެކްޓްކުރާ މި ކްރޮސް ބޯޑާ ލަވް ސްޓޯރީ އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓާއި ޖޯން އަބްރަހަމްގެ ޖޭއޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
ރަކުލް އާއި އަރުޖުންގެ ޖޯޑު އަލަށް ސްކްރީނަށް ގެނެސްދޭ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ރަކުލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "މަރުޖާވާ" އެވެ. އަރުޖުން ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ޕާނިޕަޓް" އިންނެވެ.
ދިވްޔާގެ ވީޑިއޯ ލަވައެއް
ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ޚޯސްލާ ކުމާރު ކުޅެފައިވާ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.
ބުޝަންއާ ކައިވެނިކުރުމުގެ ކުރިން "އަބް ހަމާރާ ހަވާލޭ ވަތަން ސާތިޔޯ" ފަދަ ފިލްމުތައް ކުޅުނު ބަތަލާގެ އާ ވީޑިއޯ ލަވައަކީ މީގެ އަހަރުތަކެއް ކުރިން ލަވަކިޔުންތެރިޔާ ފަލްގްނީ ޕަތަކު ގެނެސްދިން މަގުބޫލު ލަވަ "ޔާދު ޕިޔާ ކީ އާނެ ލަގީ" އާ ވާޝަނެކެވެ. ތަނިޝްގް ބަގްޗީ މިއުޒިކާ ކުޅެލައިގެން އަލަށް ގެނެސްދިން ލަވައިގެ އާ ވާޝަން ކިޔާފައި ވަނީ ނޭހާ ކައްކަރެވެ.
ސަލްމާން ޚާންގެ "ލަކީ: ނޯ ޓައިމް ފޮ ލަވް" ފަދަ ފިލްމުތައް ގެނެސްދިން ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ ޑައިރެކްޓްކޮށްފައިވާ މި ލަވައިގެ ސެޓިން 3010 ވަނަ އަހަރަށް ބިނާކޮށްފައިވާ އިރު، ވީޑިއޯ ލަވައިން ދިވްޔާއާ އެކު ފެންނަ ބަތަލަކީ ފައިސޫ އެވެ.
ޖޯން އަބްރަހަމްގެ އަންނަ އަހަރުގެ ފިލްމު "ސަތިޔަމޭޔް ޖަޔަތޭ 2" ގެ ބަތަލާގެ ރޯލުން ވެސް ދިޔްވާ ފެންނާނެ އެވެ.
މިހާތަނަށް އެންމެ ގިނަ ސިނަމާތަކަށް "ދަބަންގް 3"
އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް މިހާތަނަށް އެ ގައުމުގެ އެންމެ ގިނަ ސިނަމާތަކުގައި އެއްފަހަރާ ދައްކާނެ ފިލްމަކަށް ސަލްމާން ޚާންގެ "ދަބަންގް 3" ވެއްޖެ އެވެ.
އެ ފިލްމުގެ ޓީމާ ހަވާލާދީ މީޑިއާތަކުން ބުނީ ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ ފިލްމު އިންޑިއާގެ 5،400 ސިނަމާގައި އަންނަ މަހުގެ 20 ގައި ރިލީޒްކުރާނެ ކަމަށެވެ. އަދި "ދަބަންގް 3" ހަތަރު ބަހަކުން ނެރޭނެ އެވެ. އެއީ ހިންދީގެ އިތުރުން ތެލެގޫ، ތަމަޅަ އަދި ކަންނާޑާ ބަހުންނެވެ.
މީގެ ކުރިން މިހާތަނަށް އެންމެ ގިނަ ސިނަމާތަކުގައި އެއްފަހަރާ ރިލީޒްކުރި ފިލްމުގެ ރެކޯޑް އޮތީ މިދިޔަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ގެ އަތުގަ އެވެ. އެކި ބަހުރުވަތަކުން ނެރުނު އެ ފިލްމު 4،590 ސިނަމާގައި ރިލީޒްކުރި އެވެ.
"ދަބަންގް 3" އަކީ ސަލްމާން ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލް ކުޅޭ "ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމެވެ. މީގެ ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުކުރާ ސާއީ މަންޖްރޭކަރެވެ.
ޕަރިނީތީ އަށް އަނިޔާވެގެން ފިޒިއޮތެރަޕީ ހަދަނީ
މިހާރު ޝޫޓިން ކުރިއަށްދާ "ސައިނާ" ގެ ސެޓްގައި ބަތަލާ ޕަރިނީތީ ޗޯޕްޅާ އަށް އަނިޔާވެގެން ޝޫޓިން މެދުކަނޑާލައި އޭނާ ފިޒިއޮތަރަޕީ ހަދަން ފަށައިފި އެވެ.
މި ވާހަކަ ޕަރިނީތީ ވަނީ ފޮޓޯ އާއި ވީޑިއޯ އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އަލުން ޝޫޓިން ފެށޭނީ ލިބުނު އަނިޔާ އިން އެއްކޮށް ރަނގަޅުވުމުން ކަމަށެވެ.
"ސައިނާ" އަކީ އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އެވެ. ފިލްމުގެ ޓައިޓްލް ރޯލް ޕަރިނީތީ ކުޅޭ އިރު، އޭނާ ވަނީ ޝޫޓިން ފެށުމުގެ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ބެޑްމިންޓަންގެ ޓްރޭނިންތަކެއް ހަދައިފަ އެވެ.
އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ "ސައިނާ" އަކީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.