ތަހުގީގަށް މީހުން ބަންދުކުރާ ދޫނިދޫ ޖަލުގައި، މީހުންނަށް އަނިޔާ ކުރަން ގެންދާ ކަަމަށް ކުރިން މަޝްހޫރުވެފައިވާ "އަލްކަޓްރާސް" ގޮޅި އާއި އެހެން ބައެއް ގޮޅިތައް ބަންދުކޮށް އެތަންތަން ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ ހޯމް މިނސްޓަރު އިމްރާން އަބްދުﷲ އެވެ. ހޯމް މިނިސްޓްރީން ބުނީ ދޫނިދޫގެ ބައެއް ޖަލު ގޮޅިތައް ތަޅާލަނީ އެ ތަންތަން ބޭނުން ނުކުރަން ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވާތީ އާއި އެ ރަށުގައި ރަނގަޅު ފެންވަރުގެ ޖަލެއް އަޅަން ޖާގަ ހެދުމުގެ ގޮތުން ކަމަށެވެ.

ދޫނިދޫ ގޮޅިތައް ތަޅައިލުމުގެ މަސައްކަތް އިމްރާން ފައްޓަަވައިދެއްވަނިކޮށް ނަގާފައިވާ ފޮޓޯތަކާ އެކު އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާންވީ އަލްކަޓްރާސް ނިމުމަކަށް އައީ ކަމަށާއި މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ.

އެމެރިކާގެ އަސްކަރީ ޖަލެއް ހުންނަ ރަށެއް ކަމަށްވާ އަލްކަޓްރާޒް އަށް ނިސްބަތްކޮށް ނަން ދީފައިވާ މި ގޮޅިތަކަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ލާއިންސާނީ އަނިޔާ ދިނުމަށް މީހުން ހައްޔަރުކުރާ ތަން ކަމަށް އޮންނަނީ މަޝްހޫރުވެފަ އެވެ.

ދޫނިދޫގައި ހުރި ބައެއް ޖަލު ގޮޅިތައް ތަޅާލަން ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސް ވެރިން
ދޫނިދޫގައި ހުރި ބައެއް ޖަލު ގޮޅިތައް ތަޅާލަން ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސް ވެރިން

ޖަލު އޮޑިޓް ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ފަހު މިދިޔަ އޭޕްރީލް މަހު ވަނީ 290 ސޮފްހާގެ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށް ވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ތަންތަނަކީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ އެހެން ބައެއް ތަންތަނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް، ލާއިންސާނީ އަނިޔާ އާއި އިންސާނީ އިންސާނިއްޔަތާ ހިލާފު އަދަބާއި އިންސާނީ ކަރާމަތަށް ގެއްލުންވާ ގޮތަށް ކުރާ ކަންތައްތައް ބަލަން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ ގިނަ ތަންތަނާއި ދައުލަތުން ބަލަހައްޓާ މީހުންނާއި ކުދިން ތިބޭ ތަންތަނަށް ޒިޔާރަތް ކުރައްވައި، މި މަހުގެ 17 އިން 24 އަށް ހޯއްދެވި މައުލޫމާތު މީޑިއާއާ ހިއްސާކުރައްވަމުން މެލްޒާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ޖާގައިގެ ދަތިކަން ބޮޑު ކަމަށެވެ.