ޖެނުއަރީ މަހުން ފެށިގެން ރެމިޓެންސް ޓެކްސް ނަގާކަށް ނުޖެހޭނެ: މީރާ

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، ބިދޭސީން އަތުން ނަގަމުން އަންނަ ރެމިޓެންސް ޓެކްސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ފެށިގެން ނަގަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.


މިދިޔަ ހަފުތާގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސް ހިމެނެ އެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ނަގަމުން އައީ ތިން ޕަސެންޓެވެ.

މީރާއިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަންނަ ޖެނުއަރީ މަސް ފެށުމާ އެކު ރެމިޓެންސް ޓެކްސް ނެގުން ނިމުމަކަށް އަންނާނެ ކަމަށާއި އެހެންވެ މި މަހުގެ ރެމިޓެންސް ޓެކްސް ބަޔާން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅައި، އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ. އެކަމަކު ރެމިޓެންސް ޓެކްސްގެ ރެކޯޑްތައް މަދުވެގެން ފަސް އަހަރަށް ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

ރެމިޓެންސް ޓެކްސް ނަގަން ފެށީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން 2016 ވަނަ އަހަރު އެވެ. އެ ޓެކްސް ނެގުމަށް މަގުފަހި ކުރުމަށްޓަކައި ހުރިހާ ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރަން ވެސް އޭރު އެ އިސްލާހުގައި ލާޒިމްކުރި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ އެކު، އުވާލާ ޓެކްސްތަކުގެ ތެރޭގައި ރެމިޓެންސް ޓެކްސްގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސާއި ބޭންކް ޕްރޮފިޓް ޓެކްސާއި ލޭންޑް ސޭލްސް ޓެކްސް އައި ޕެޓްރޯލިއަމް ޓެކްސް ހިމެނެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ކަމަށް ވިޔަސް، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭ އާމްދަނީ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެ ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި 60،000ރ. ނުވަތަ އެއަށް ވުރެ މަތީގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.