ބޮޑު ޗުއްޓީ ދުވަސްވަރު 9،000 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރި

މިދިޔަ އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރު 9،000 އަށް ވުރެ ގިނަ ޕާސްޕޯޓު އެކި މީހުންނަށް ދޫކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.


އެ އިދާރާ އިން "މިހާރު" އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު 9،882 ޕާސްޕޯޓު ދޫކުރި އެވެ. އެއީ ނޮވެމްބަރުގައި 5،353 ޕާސްޕޯޓު އަދި ޑިސެމްބަރު މަހު ދޫކުރި 4،529 ޕާސްޕޯޓެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ޕާސްޕޯޓު ދޫކުރީ ނޮވެމްބަރު މަހު އެވެ.

އިމިގްރޭޝަންގެ މީޑިއާގެ ފަރާތުން މިފްތާހު މުހައްމަދު ވިދާޅުވީ، ޕާސްޕޯޓު ހައްދަން އެދި ހުށަހެޅި މީހުންގެ އަދަދު އިތުރުވި ނަމަވެސް، އެތަނުން ފޯރުކޮށްދިން ހިދުމަތަށް ބުރޫ ނާރާ ކަމަށެވެ. އޭނާ ވިދާޅުވީ، ހެނދުނު 10 ގެ ކުރިން ޕާސްޕޯޓު ހަދަން ހުށަހެޅި މީހުންނާ ހަމަ އެ ދުވަހު ޕާސްޕޯޓު ހަވާލުކުރި ކަމަށެވެ. ޕާސްޕޯޓު ހައްދަން އެދި ހެނދުނު 10 ގެ ފަހުން ހުށަހެޅި މީހުންނާ ޕާސްޕޯޓު ހަވާލުކުރީ ޖެހިގެން އައި ދުވަހު އެވެ. އެއީ އަބަދުވެސް އަމަލުކުރާ އުސޫލެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި، އެއް ދުވަހެއްގައި އެންމެ ގިނައިން މިދިޔަ އަހަރު ޕާސްޕޯޓުގެ ހިދުމަތް ދީފައި ވަނީ ނޮވެމްބަރު ހަތަރެއްގަ އެވެ. އެ ދުވަހު 804 މީހަކަށް ޕާސްޕޯޓުގެ ހިދުމަތް އިމިގްރޭޝަނުން ދިނެވެ.

މިފްތާހު ވިދާޅުވީ، ބޮޑު ޗުއްޓީ ދުވަސްވަރުގައި އެވަރޭޖްކޮށް ދުވާލަކު 304 ޕާސްޕޯޓު ހައްދައިދޭން އެދި އެ ތަނަށް ހުށަހެޅި ކަމަށެވެ. އެވެރެޖްކޮށް ދުވާލަކު ދޫކޮށްފައި ވަނީ 232 ޕާސްޕޯޓެވެ.

މިދިޔަ އަހަރު ޖުމްލަ 47،390 ޕާސްޕޯޓު އިމިގްރޭޝަނުން ދޫކުރި އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މަދުން ޕާސްޕޯޓު ދޫކޮށްފައި ވަނީ މޭ މަހު އެވެ. އެ މަހު ދޫކޮށްފައި ވަނީ 2،384 ޕާސްޕޯޓެވެ.

ޕާސްޕޯޓެކޭ އެއްގޮތަށް ބޮޑު ޗުއްޓީ ދުވަސްވަރު އައިޑީ ކާޑު ހައްދަން އެދި ހުށަހެޅި މީހުންގެ އަދަދު ވެސް އިތުރުވި ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 475 މީހުން އައިޑީކާޑުގެ ހިދުމަތް ހޯދަން ހުށަހެޅި ކަމަށް ޑީއެންއާރުން ބުންޏެވެ.