"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟

މި ރަށުގެ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދައްކައި، އެ ކުއްޖާއާ ބެހެން އުޅުނީ އެވެ! އަމިއްލަ ލޭ ހިނގާ ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު ކުރެވި 82 އަހަރުގެ މީހާ ހައްޔަރުކުރީ ތިން އަހަރުގެ ކުއްޖާ އަށް ކުރިމަތިވި ކަންކަމަށް ފިޔަވަޅު ނޭޅި ނިޒާމުގެ ތެރޭގައި މައްސަލަ "ތާށިވެފައި" އޮއްވަ އެވެ.


ތަހުގީގުކޮށް، ޕީޖީން ދައުވާ އުފުލައި ކޯޓުގައި ޝަރީއަތް ވެސް ހިންގި އެވެ. "މުސްކުޅިވުމުން އިހްތިރާމްކޮށް"، އެކަމަކު "ކުދިން ނުރައްކަލަކަށް ހުށަހެޅޭ ގޮތަށް" އިދރާތަކުން އޭނާ ދޫކޮށްލީ އެވެ. ގައިގައި އަތް ނުލާ ނަމަ ނުވަތަ އަނިޔާއެއް ނުލިބޭ ނަމަ ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ވިސްނާ ބަޔަކު މި ރަށުގައި ވެސް ތިބުމަކީ ކަންބޮޑުވުމެކެވެ.

"ދެ އަހަރުގެ ކުއްޖާގެ މައްސަލައިގައި ވެސް އެހެން ހެދީ. ބައްޕީއޭ ބައްޕީއޭ ބުނެ ގައިން ހެކި ނުފެނުނު ނަމަ އަޅައެއް ނުލާނެ. އެ ވަރަކުން އެ މައްސަލައިގައި ވެސް ނޫޅޭނެ. ރިޕޯޓްކުރާ މީހާ ކުށްވެރިވާނީ. ބޮޑުވަރު ނުވަންޏާ މައްސަލައެއް ނޫން ކަމަށް ވިސްނާ މީހުން ވެސް ތިބޭ،" މި ރަށުގެ މީހަކު ބުންޏެވެ.

"ޖިންސީ ނިޔަތެއްގައި ކުއްޖަކާ ދިމާލަށް އެއްޗެއް ބުނެގެން ކަމެއް ކުރަން އުޅެގެން މައްސަލަ ޖެއްސިއަސް ވާ ކަމެއް ވެސް ނޯވޭ. ޖިންސީ ގުނަވަން ކުދިންނަށް ދެއްކި މައްސަލަތަކުގައި ވެސް ފިޔަވަޅެއް ނާޅާ. މާ ބޮޑު ކަމަކަށް ވެސް ނުހަދާ. މި ކަންކަން ބޮޑުވެގެން އެންމެ ބޮޑު އަނިޔާދެނީ."

އެކަމަކު ގާނޫނުގައި އެއީ ދިގު މުއްދަތުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކެވެ.

ރަށެއްގެ މަގުމަތި: ޖިންސީގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވުމެއް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ގާނޫނީ ނިޒާމުގެ ތެރައަށް ނުފޫޒާއި އަޅާނުލުމާއި ލަސްކުރުމާއި ފަރުވާކުޑަކުރުން ވަދެފައި އޮތް މިންވަރުން މި ރަށުގެ ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ކުއްޖަކާ ބެހެން އުޅުނު ކަމަށް ރިޕޯޓްކުރިއަސް ވާނެ ކަމެއް ނޯންނާނެ ކަމަށެވެ. މަލާމަތާއި ފުރައްސާރައާ ކުރިމަތިލާން ޖެހެނީ އެ މައްސަލަ ހުށަހެޅި މީހެކެވެ. އެހެންވެ ރިޕޯޓްކުރުމާ ދެކޮޅު ވިސްނުމުގެ ބާރުގަދަ އެވެ!

"އެ ކަހަލަ ކަމެއް ދިމާވީމަ ބައެއް މީހުން ބުނަން ވެސް ބުނާނެ، އަދި ގައިގައި އަތްލީކީއެއް ނޫނެއް ނޫންހޭ. ތިވަރު ވާކަށް ނުޖެހެއެއް ނޫންހޭ. އަހަރެމެން ކަންތައް ބޮޑުކުރަނީއޭ. --

މި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މިހާތަނަށް މި ރަށުގައި ފެންމަތިވި ގިނަ މައްސަލަތަކުގައި އާއިލާތަކަށް އިންސާފު ލިބިފައެއް ނުވެ އެވެ. ގާނޫނީ ނިޒާމުގެ ތެރޭގައި ތަޅާފޮޅައި އިންސާފު ހޯދުމުގެ ތަކުލީފުގެ ތެރެއަށް ވަންނަން ބޭނުން ނުވަނީ ޔަގީންކަމެއް ވެސް ނޯންނާތީ އެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލަ ހުށަހަޅާފައި ދެން ހަދާނެ ގޮތެއް މި ރަށުގެ ބައެއް މީހުންނަކަށް ނޭނގެ އެވެ.

"މައްސަލައެއް ހުށަހަޅާފައި ދެން ހަދާނެ ގޮތެއް، ނިޒާމުގެ ތެރެއިން އެކަން ބަލާ ގޮތެއް އަދި އަޅާނެ ފިޔަވަޅުތައް ވެސް ނޭނގެ. މައްސަލަ ހުށަހަޅައިފި ނަމަ ސްލިޕްކޮޅެއް ލިބެން ޖެހޭ ކަން ވެސް އެނގުނީ ވަރަށް ފަހުން،" މި ރަށުގެ މީހަކު ބުންޏެވެ.

ނިޒާމު ހިނގާ ގޮތް އޭނާ އަށް ވިސްނެނީ މިހެންނެވެ؛ ފިޔަވަޅު ނާޅައިގެން އުފެދޭ ހިތްހަމަނުޖެހުމެއްގައި ވެސް ކުށްވެރިވެ ޖަލަށް ލާނީ އެ ހިތްހަމަނުޖެހުނު މީހެކެވެ. އޭރުން ވެސް ކުށްވެރިޔާ ހުންނާނީ މިނިވަންކަމާ އެކުގަ އެވެ. ކުށް ތަކުރާރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ކަނޑުހުޅުދޫގައި ދެ މީހަކު ހިނގާފައި ދަނީ. --ފޮޓޯ/މިހާރު

މުސްލިމާ ހަސަން ވެސް އެ ވާހަކަ އަށް ތާއީދުކޮށް، އޭނާ އަށް ދިމާވި ހާދިސާ ހަނދާންކޮށްދިނެވެ. ދެ އަހަރުގެ ކުއްޖާއާ ބެހުނު މުނިކާފަގެ ފަރާތުން އޭނާގެ ދަރިފުޅަށް ކުރިމަތިވި ޖިންސީގޯނާ އަށް ފިޔަވަޅު ނޭޅި ވަނިކޮށް، ދެ ވަނަ ފަހަރަށް ވެސް އެ ކުއްޖާ ބިރާ ކުރިމަތިލާން ޖެހުނެވެ.

"ހަގީގަތުގައި ނަފްސާނީ ގޮތުން ބިރުގަނޭ އަޅުގަނޑުމެން އެ މީހުން ކައިރިއަށް ދާން. ހިތަށް އަރަނީ މިއީ އެހާ ވަރުގެ މައްސަލައަކަށް ނުވާތީއޭ އެ މީހުން ފަރުވާކުޑަ ކުރަނީ،" މުސްލިމާ ބުންޏެވެ.

އިދާރާތަކުގެ އަޅާނުލުމާއި ބައެއް މީހުންގެ މި ވިސްނުމާ ހެދި މުސްލިމާ އަށް ވެސް އެތައް އުނދަގުލެއް ކުރިމަތިވި އެވެ. އަމިއްލަ ދަރިފުޅު ނުވަތަ އަވަށްޓެރިންގެ ކުދިންނަށް އޮތް ބިރަށް ހައްލެއް ހޯދަން އޭނާ ކުރާ މަސައްކަތުގައި އޭނާ ލަދުގަންނަން ޖެހުނު ފަހަރު އައި ކަމަށް ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެ ރަށެއްގައި ތިބޭ ފުލުހުން ނުވަތަ ޖެންޑާގެ އެހީތެރިކަން ނުލިބޭ ކަމަށް ބުންޏަސް ކުށްވެރިވަނީ އެހެން ބުނާ މީހެކެވެ.

އެހެން މީހަކު ބުނީ ކުޑަކުދިންނަށް ދިމާވާ އެފަދަ މައްސަލަތަކުގައި އާންމުން ސީރިއަސްވާ މިންވަރު ވެސް ކުޑަ ކަމަށެވެ.

"އެ ކަހަލަ ކަމެއް ދިމާވީމަ ބައެއް މީހުން ބުނަން ވެސް ބުނާނެ، އަދި ގައިގައި އަތްލީކީއެއް ނޫނެއް ނޫންހޭ. ތިވަރު ވާކަށް ނުޖެހެއެއް ނޫންހޭ. އަހަރެމެން ކަންތައް ބޮޑުކުރަނީއޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެމީހާ ބުންޏެވެ.

ކަނޑުހުޅުދޫން ވެސް ބަދަލު ކުރަން ޖެހިފައި އޮތް އެއް ވިސްނުމަކީ މި އެވެ!