ކުރިން މި މަހުގެ ތެރޭގައި ބައިސްކޯފުން ގެނެސްދޭން ތައްޔާރުވަމުން ދިޔަ ސީރީޒް "ހަނާ" އަންނަ މަހަށް ފަސްކޮށްފި އެވެ.

ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހީމް ޑައިރެކްޓްކޮށްފައިވާ 13 އެޕިސޯޑްގެ ސީރީޒް ސްޓްރީމްކުރަން މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ 27 އިން ފެށިގެންނެވެ. އެކަން ވަނީ އޭގެ ޕޯސްޓަރާ އެކު ހިއްސާކޮށްފަ އެވެ.

މީގެ ޓީމުން ބުނެފައިވާ ގޮތުގައި އަންނަ މަހަށް ލަސްކުރި ސަބަބަކީ މަސައްކަތްތައް އިތުރަށް ފުރިހަމަކުރަން ވަގުތު ނެގުމެވެ.

"ހަނާ" އަކީ އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ އަސަރު ގަދަ ލޯބީގެ އެއްޗެކެވެ. މީގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ އައިމިނަތު ނޫރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ހިމެނެ އެވެ. "ހަނާ" ގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން/ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.