ސްރީ ލަންކަން އެއާލައިންސްގެ ގަން-ކޮލޮބޯމްގެ ދަތުރުތަކަށް ރިޒަވޭޝަން ހަދަން ފަށައިފި

އައްޑޫ ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ޑިސެމްބަރު މަހު ޝެޑިއުލް ދަތުރުތައް ސްރީ ލަންކަން އެއާލައިންސުން ފަށަން ނިންމުމަކާ އެކު، ރިޒަވޭޝަން ހަދައިދޭން ފަށައިފި އެވެ.


އެ އެއާލައިންސްގެ އެޖެންޓުންނާއި ރާއްޖޭގައި ހުންނަ އެއާލައިންގެ މައި އޮފީހުން މިހާރު ޓިކެޓަށް ރިޒަވޭޝަން ހެދޭނެ އެވެ.

ގަމާއި ކޮލޮމްބޯ އާ ދެމެދު ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާ އިރު، ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރު (5،256.54ރ.) އެވެ.

ސްރީ ލަންކަން އެއާލައިންސްގެ އެޖެންޓަކު ބުނީ ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ބާއްވަން ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު ކަމަށެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ރަސްމީކޮށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ.

އެ އެއާލައިންގެ އޮފީހެއް ވަރަށް އަވަހަށް ފޭދޫގައި ހުޅުވަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިއީ ސްރީ ލަންކަން އެއާލައިންސުން އައްޑު އަށް ޝެޑިއުލް ދަތުރުތަކެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިކަން ހަމަޖެހިގެން މި ދިޔައީ އެ އެއާލައިނުން މަސައްކަތް ކުރާތާ އަހަރުތަކެއް ފަހުންނެވެ.

އަންނަ ޑިސެމްބަރު 1 ގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ސްރީ ލަންކަން އެއާލައިންސް އިން ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައި.

ގައުމީ އެއާލައިން މޯލްޑިވިއަނުން ގަމާއި ކޮލޮމްބޯއާ ދެމެދު 2013 ވަނަ އަހަރު ޝެޑިއުލް ދަތުރުތަކެއް ފެށި އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބޭތީ ގެއްލުންވާ ކަމަށް ބުނެ ދަތުރުތައް ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ ހުއްޓާލައިފަ އެވެ.

މޯލްޑިވިއަނުން މިދިޔަ ބޮޑު އީދު ބަންދު ތެރޭގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ދެ ދަތުރު ބޭއްވި އެވެ. އެ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް އެ އެއާލައިނުން ބުންޏެވެ.