ދަރިފުޅާ ބެހި އިންޒާރުދިން ކަމަށް ތުހުމަތުކުރާ ބައްޕަ ދޫކޮށްލައިފި!

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި ބައްޕަ ދޫކޮށްލައިފި އެވެ.


މަސްތުވެގެން ހުރެ ބައްޕަ ކުރި އަނިޔާތައް ރޮމުން ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކޮށްލުމާ އެކު ވިލިމާލޭގެ ބަޔަކު ނުކުމެ އޭނާ މަގުމައްޗަށް ނެރެ އަނިޔާކުރީ އެވެ. އެކަން ހުއްޓުވައި އޭނާ އަށް ފަރުވާދޭން ވިލިމާލެ ހޮސްޕިޓަލަށް ފުލުހުން ގެންދިއުމުން އާއްމުންގެ ބަޔަކު ވަނީ އެތަނަށް ގާ އުކައި ހޮސްޕިޓަލުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލައިފަ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ ވާހަކަ އިން އާންމުން ރުޅިގަދަވެ، ކުއްޖާގެ ބައްޕަ ފުލުހުންނާ ހަވާލުކުރި ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެ މިހާ ވަނީ ހަމަ އެރޭ ދޫކޮށްލައިފަ އެވެ.

އެކަމަކު، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަންމަ އާއި ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ދީ ތަކުރާރުކޮށް ދަރިފުޅާ ބެހުނު ކަމަށް ތުހުމަތުކުރާ ބައްޕަ ހައްޔަރު ނުކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

ޖިންސީ ގޯނާގެ މިފަދަ ބައެއް ކޭސްތަކުގައި ފިޔަވަޅު އެޅުން ލަސްވުމުގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ. ދިފާއުގައި މުއައްސަސާތަކުން ބުނަމުން އަންނަނީ، ރިޕޯޓްކުރުން ލަސްވުމުން، ހެކި ހޯދައި ވަގުތުން މީހާ ހައްޔަރުކުރުމާއި ތަހުގީގުކޮށް ދައުވާ އުފުލުމުގައި ދަތިތަކެއް ހުންނަ ކަމަށާއި އެ ކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަނީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެ މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި ނަމަ އެ މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަން ޖެހޭނެ ކަމަށެވެ. ކޯޓަށް ހާޒިރުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލައިފި މީހެއްގެ މައްޗަށް 45 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހެ އެވެ. ޖިނާއީ ބޮޑެތި ކުށްތައް ކަމަށް ގާނޫނުގައި ބުނާ ކުށެއް ކުރާ މީހެއްގެ މައްޗަށް ހެކި ހޯދަން މި މުއްދަތު އެކަށީގެން ނުވާ ކަމަށް ފެނިއްޖެ ހިނދެއްގައި ވެސް ދައުވާކުރުމަށް އިތުރު 45 ދުވަހަށް ވުރެ އިތުރަށް ފުރުސަތު ނުލިބޭނެ ކަމަށް ގާނޫނުގައި އޮވެ އެވެ. އެހެންވެ ހެކި ހޯދުން އުނދަގޫ ކޭސްތަކުގައި، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުން އެކަށީގެންވާ ހެކި ނުލިބި ކުށުން ބަރިއްޔަވާން ފުރުސަތު ބޮޑުވެ އެވެ. ހައްޔަރު ނުކޮށް ހުންނަ ނަމަ އެ މީހެއްގެ މައްޗަށް ހެކި ހޯދަން ވަގުތު ލިބެ އެވެ.

ބައްޕަގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކަަމަށް ބުނެ އެ އޯޑިއޯގައި، 12 އަހަރުގެ ކުއްޖާ ކިޔައިދިން ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ ބައްޕަ ފުރަތަމަ އޭނާ އަށް ޖިންސީ ގޯނާކުރީ ފަޅު ގޯއްޗަކަށް ގެންގޮސްގެންނެވެ. އެކަން ސިއްރުކޮށްފައި ބޭއްވުމަށާއި އެހެން ނޫން ނަމަ މަންމަ އާއި އެ ކުއްޖާގެ ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް އޯޑިއޯގައި ބުނެ އެވެ.

މަސްތުވެގެން ހުރެ އެކި ފަހަރު މަތިން ގެއަށް އައިސް މީހުން ނޫޅޭ ވަގުތުގައި، ޖިންސީގޯނާ ކުރި ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ. އެ ވާހަކަތައް އާއިލާގެ އިތުރުން ވެސް އެހެން އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ބިރު ދެއްކި ކަމަށް އެ ކުއްޖާ ބުނެ އެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކާ ގުޅިގެން ނޭނގި ހުއްޓައި ބޮޑުކަމު ދެވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކުއްޖާ ބުނެ އެވެ.

ޖިންސީ އަނިޔާގެ ގިނަ މައްސަލަތަކެއް މި ދުވަސްވަރު ފެންމަތިވެ، އެ ވާހަކަތައް ކިޔައިދެމުން އަންނަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ފަރާތުން ލިބުނު އަނިޔާތައް ފެންމަތިވެ، އެކަމުގައި ހުރި އެތައް އިހުމާލެއް ފަޅާއަރާފައި ވަނިކޮށެވެ.