އެލިއާ އިން ކުރިއަށްގެންދާ "ޔަމަހާ މޮޓޯ ގާޑިއަން" ޕްރޮމޯޝަނުގެ މުއްދަތު އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
އެލިއާ އިން ބުނީ މި މުއްދަތު އިތުރު ކޮށްފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަސްޓަމަރުންނަށް ސައިކަލު ގަތުމުގައި އިތުރު ލުއި ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ. މި ޕްރޮމޯޝަން މިދިޔަ ޖެނުއަރީ މަހު ފަށާފައިވާއިރު މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ޔަމަހާ މޮޓޯ ގާޑިއަން އަކީ އަމާނާ ތަކާފުލްއާ ގުޅިގެން އެލިއާ އިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އެލިއާ އިން ގަންނަ ކޮންމެ ސައިކަލަކާ އެކު އަމާނާ ތަކާފުލްގެ އިންޝުއަރެންސް ހިލޭ ލިބޭނެ އެވެ. މި އިންޝުއަރެންސުން، ވައްކަމާއި އަލިފާނުގެ ހާދިސާތަކާއި އަދި އެނޫންވެސް ގުދުރަތީ ކާރިސާތަކުން ސައިކަލަށް ލިބޭ ގެއްލުން ކަވާ ކޮށްދޭނެ އެވެ.
އަލަށް ސައިކަލް ގަންނަ މީހުންގެ އިތުރުން އެލިއާގެ ކުރީގެ ކަސްޓަމަރުންގެ ތެރެއިން އިންޝުއަރެންސް ޕްލޭން ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ލިބޭނެ ކަމަށް އެލިއާ އިން ބުންޏެވެ. އެގޮތުން، އެ ކުންފުނީގެ ތިން އަހަރު ނުވާ ކަސްޓަމަރުންނަށް އެއްވެސް އިންސްޕެކްޝަނަކާ ނުލައި ޑިސްކައުންޓަކާ އެކު އިންޝުއަރެންސް ޕްލޭން ބަދަލު ކޮށްލެވޭނެ އެވެ.
ފުލް ޕޭމަންޓް ދައްކާ މީހުންގެ އިތުރުން އިންސްޓޯލްމަންޓަށް ސައިކަލު ނަގާ މީހުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. އެލިއާ އިން އިންސްޓޯލްމަންޓަށް ދޫކުރާ ހުރިހާ ސައިކަލެއް ވެސް ލިބޭނީ ފުރަތަމަ ޕޭމަންޓް ދެއްކުމާ އެކު އަމިއްލަ ނަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. އަދި ރިބާގެ އެއްވެސް މުއާމަލާތެއް ސައިކަލް ދޫ ކުރުމުގައި ނުހިނގާނެ ކަމަށް އެ ކުންފުނިން ޔަގީންކަން ދެ އެވެ.
އެލިއާ އިން ވަނީ މި ޕްރޮމޯޝަންގެ ދަށުން ސައިކަލު ގަންނަން ބޭނުންވާ މީހުންނަށް މިއަދު ހާއްސަ އޮފާތަކެއް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން މިއަދު އެ ކުުންފުނީގެ ޝޯރޫމުގައި ކުރިއަށްދާ ހަރަކާތުގައި އައިޑީކާޑު އެކަނި ގެންދިއުމުން ސައިކަލު ގަނެވޭނެ އެވެ. އަދި އެ ކުންފުނިން ވިއްކާ ހެލްމެޓުތައް ވެސް އަގުހެޔޮކޮށް މި ހަރަކާތުގެ ތެރެއިން ލިބެން ހުންނާނެ އެވެ. މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އަށެވެ.