މަލް ދޫކޮށްލި މައްސަލަ ހައި ކޯޓުން ބާތިލުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.


މަސްތުވާތަކެތީގެ މައްސަލައެއްގައި މަލް ހައްޔަރުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 27 ގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން މަސްތުވާތަކެތީގެ ދައުވާ އުފުލާފައި ވަނީ އިތުރު އަންހެނާ އެކު، އދ. މާމިގިއްޔަށް ކުރި ދަތުރެއްގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

މި މައްސަލައާ ގުޅިގެން، މާމިގިލީ ބަނދަރުމަތިން މަލް އާއި އޭނާއާ އެކު ދަތުކުރި މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު، އެ ދެ މީހުންގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. އެގޮތުން، މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވުމުން، މަލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާ އެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.

ނަމަވެސް މި ދައުވާ އަށް މަލް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އިންކާރުކޮށްފަ އެވެ.

މަލް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި ދޫކޮށްލީ އޭނާއާ އެކު ހައްޔަރުކުރި އަނެއް މީހާ ވެސް ދޫކޮށްލާފައިވާތީ ކަމަށް ބުނެ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން ހައިކޯޓަށް ދިއުމުން، ކްރިމިނިލް ކޯޓްގެ ނިންމުން މިއަދު ބާތިލްކުރީ އެވެ.

ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ މަލް ހައްޔަރުކޮށްފައި ވަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގަ ކަމަށާއި އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ބަންދުގެ މަޖިލީހަށް ހެކި ވެސް ހުށަހަޅާފައިވާކަން އެނގެން އޮތް ކަމަށެވެ.

އެހެންކަމުން އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ދޫވެފައި ހުރުމަކީ މުޖުތަމައަށް ނުރައްކާ ކުރާނެ ކަމެއް ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.

އެހެންވެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށް، ބަންދުގައި ބެހެއްޓުމަށް ދައުލަތުން އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، ހައި ކޯޓުން ކަނޑައެޅި ކަންކަމަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމެވުމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ދައުވާކޮށްފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބަނގުލަރުގެ މައްސަލައެއްގައި ވެސް މަލް ހައްޔަރުކުރި އެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކުޑަކަމުދާ އެއްޗެހި ދޭން އިންކާރު ކުރުމުން ވެސް އޭނާގެ މައްޗަށް ދައުވާކުރި އެވެ.

ގދ. ގައްދު އަށް އުފަން މަލް އަކީ 2016 ވަނަ އަހަރު ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވަފާތެރި ކެހެވެރިޔާ" އާއި "ތިޔަ ލޯތްބާ ދުރަށް" ހިމެނެ އެވެ.