ފިލްމީ ތަރި މަލީހާ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ފިލްމީ ތަރި މަލީހާ (މަލް) ވަހީދު އިއްޔެ ހައްޔަރުކޮށްފި އެވެ.


އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން މަލް އާއި އިތުރު އަންހެނަކު ހައްޔަރުކުރީ މާލޭން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު ހިންގި އޮޕަރޭޝަނެއްގަ އެވެ. މާމިގިލީ ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު މި އެ މީހުންގެ ގެންގުޅުނު ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ވަނީ ފެނިފަ އެވެ.

"ބައިވެރިޔާ" ގެ ލަވައެއް.

މަލް އަކީ 2016 ވަނަ އަހަރު ފިލްމު "ނޭނގި ޔާރު ވަކިވީ" އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ބައިވެރިޔާ"، "ވަފާތެރި ކެހިވެރިޔާ" އަދި "ތިޔަ ލޯތްބާ ދުރަށް" ހިމެނެ އެވެ. މަލް ވަނީ ބައެއް ވީޑިއޯ ލަވަކާއި ޑްރާމާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ފިލްމީ ދާއިރާ އަށް ނުކުތްކާ ކުރީކޮޅު ގިނަ ފުރުސަތުތަކެއް ލިބުނު ބަތަލާ މި ފަހުން ވަނީ ފިލްމީ ދާއިރާ އިން ގެއްލިފަ އެވެ.