ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޑްރަގު އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން އަދި ތިނަދޫގެ ޕޮލިހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހަތަރު ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގދ. ތިނަދޫ، މިނިވަންއައްސޭރި، އަހުމަދު ހާޝިމް 36، އާއި އެ ރަށު ވެހަފުލާ، އަތޫފު އަހުމަދު، 25، އާއި ވިލާޑީލައިޓް، ނާޖިދު އަބްދުﷲ، 42، ގެ އިތުރުން ގދ. ގައްދޫ، ފުސްފަރާގެ މުހައްމަދު ޝާއިފް ޖަލީލް 18، އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮަޕަރޭޝަނުގައި އެ ތަންތަން ބަލައިފާސްކޮށް 6.3 ގްރާމުގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.