ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް އުޅޭ ދެބެއިން ގދ. ތިނަދޫން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އެ ރަށު ހުދުރުވާގޭގެ ދެ މީހުން ކަމަށެވެ. އެއީ އުމުރުން 38 އަހަރުގެ ފަޒުލީން މުހައްމަދާއި 30 އަހަރުގެ އަޒުލިފު މުހައްމަދު އެވެ.

އެ މައްސަލައާ ގުޅިގެން އެ ދެބެއިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަޒުލީން 70 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އަޒުލިފުގެ ބަންދުކުރީ 30 ދުވަހަށެވެ.

އެ ދެބެއިން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ތިނަދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެއީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުން އަންނަ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ.

މިދިޔަ ހޯމަ ދުވަހު އެ އޮޕަރޭޝަން ހިންގާފައި ވަނީ އަޕާ ސައުތު ޕޮލިހުގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި ތިނަދޫ ޕޮލިސް ސްޓާޝަނާއި ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. 

މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް، ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ 4.25 ގްރާމް އެ އޮޕަރޭޝަންގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެބެއިންނަކީ ވެސް އެ ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

ފުލުހުން ބުނީ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.