ރޭ އޮލިމްޕަހުގައި އެޅުވި "އަނދިރިކަން" ބަލަން ދިޔަ މީހުންނަށް ވުރެ، އެ ފިލްމު ޑައިރެކްޓުކުރި، އެކްޓަރު އަލީ ސީޒަން ބަލަން ދިޔަ މީހުން މާ ގިނައޭ ބުނެފިއްޔާ ގޯހަކަށް ވާނެހެން ހިއެއް ނުވެ އެވެ. މިހެން މި ބުނީ ފިލްމު ބަލަން ގްރޫޕް ހަދާފައި ދިޔަ ބައެއް އަންހެނުން "އަހަރެން މި އައީ ހަމައެކަނި ސީޒަން ދެކިލާށޭ" ބުނެ ސިނަމާ ތެރޭގައި ދެއްކި ވާހަކަތައް އަޑު އިވުނީމަ އެވެ.

ކަން ދިމާކުރި ގޮތުން މި ފިލްމުގެ ލީޑުގައި އުޅޭ އެހެން ތަރިންނަށް ރޭގެ ޕްރިމިއާގައި ބައިވެރިއެއް ނުވެވުނެވެ. އައިޝަތު ރިޝްފާ ހުރީ "ހުވާ" ގެ ޝޫޓިން އަށް ލަންކާގަ އެވެ. ޝިލާ ނަޖީބަށް ވެސް ޕްރިމިއާއަކަށް ނުދެވުނެވެ.

އެހެންވެ، މިފަހަރު ރެޑްކާޕެޓްގެ ނަލަ ހެދުންތައް ވެސް ގެނެސްދެވޭ ގޮތް މި ނުވީތާ އެވެ. އެކަމަކު ފިލްމު ރިވިއު އަދި ކުރިއަށް އެބަ އޮތެވެ.

މި ވަގުތަށް ބޭނުން ވަނީ ރޭގައި މި ފިލްމު ބަލަން ދިޔަ މީހުނަށް ފިލްމު ކަމުދިޔަތޯ ނުވަތަ ނޫންތޯ ބަލައިލުމަށެވެ. އެނގެން ބޭނުން ވަނީ މި ފިލްމު އެޅުވުމުގެ ކުރިން އަހަރެމެން ގެނެސްދިން މި ފިލްމު ބަލަންޖެހޭ "ރީޒަންސް" އަކީ ހަމަ ރަނގަޅު ސަބަބުތަކެއްތޯ އެވެ.