ކަރަންޓީނަށް ބޭނުންކުރާ މުއްދަތުގައި ރިސޯޓްތަކުގެ ކުލި މާފު ވާނެ:މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަަންޓީނުކުރަން ދޫކުރާ ރިސޯޓްތަަކުގެ ކުލި، އެ ރިސޯޓްތައް ދައުލަތުން ބޭނުންކުރާ މުއްދަތުގައި މާފުވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސި އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާ ރިސޯޓްތަކުގެ ކުލި ދިގު މުއްދަތަކަށް މާފްކުރާ ކަމަށް ފެތުރިފައިވާ ވާހަކަ އަކީ ދޮގެއް ކަމަށާއި، ކުލި މާފްކުރާނީ ބޭނުންކުރާ މުއްދަތަށް އެކަނި ކަމަށެވެ. އެ ތަންތަނުގައި މީހުން ބައިތިއްބާ އިރު، ރިސޯޓުން ދޭ ހިދުމަތަށް ކޮޓަރިއަކަށް 750ރ. ގެ ރޭޓުން ފައިސާ ދޭނެ ކަމަށާއި އެއީ ކެއިން ބުއިމާއި ސާފުކޮށް ބެލެހެއްޓުން ފަދަ ހުރިހާ ހިދުމަތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ގިނައިން ތިޔަ ބޭފުޅުންގެ ފަރާތުން ސުވާލު އަންނަނީ، މީހުން އެބަ ކިޔައޭ އެއް އަހަރު ދުވަހަށް ދެ އަހަރު ދުވަހަށް ސަރުކާރުން ކުލި މާފްކޮށްދީގެނޭ، ވަރަށް ބޮޑު [އަދަދެއްގެ] ފައިސާއެކޭ، އެކަހަލަ ގޮތަކަށް ނޫން. ބޭނުންކުރާ ދުވަސްތަކުގެ ކުލި އެ ސަސްޕެންޑްކޮށްފައި މިބުނާ މަގުން ކަންތައް ކުރާ ގޮތަށް މި އެކްރިމެންޓްތައް ހެދިފައި ހުރީ،" މަބްރޫކް ވިދާޅުވި އެވެ.

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ރިސޯޓްތަކަށް ސަރުކާރުން ކުއްޔެއް ނުދައްކާ ކަަމަށް މަބްރޫކް މިރޭ ވެސް ވިދާޅުވި އެވެ. "ކޮޓަރިއަކަށް 750ރ. ގެ މަގުން ފައިސާ ދޭ އިރު، ކުއްޔެއް ނުނަގާ ކަމަށް ވިދާޅުވަނީ ކީއްވެތޯ" ނޫސްވެެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ އެ އަދަދަށް ފައިސާ ދޭ އިރު ކޮޓަރިއެއްގައި ދެ މީހުން ތިބޭ ކަމަށާއި އެއީ އެ މީހުންގެ ކެއިން ބުއިމާއި، އެހެން ހުރިހާ ހިދުމަތަކަށް ދޭ އަގެއް ކަމަށެވެ.

ރާއްޖޭގައި މި ބާވަތުގެ އެހެން ކަންކަމަށް ހިނގާ ހަރަދަށް ބަލާއިރު އެއީ ބޮޑު އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ. އެގޮތުން ހިނގާ ހަރަަދުތަކުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ހޮސްޕިޓަލްތަކުގައި އެޑަމިޓްކުރާ މީހުންނަށް ހޭދަވާ ފައިސާ އާއި ޖަލުގައި ތިބޭ މީހުންނަށް ހޭދަވާ ފައިސާ އެވެ.

"މިސާލަކަށް ހޮސްޕިޓަލެއްގައި ބޭއްވިޔަސްް، މިސާލަކަށް ބަލަންޏާ ޖަލުގައި ބޭއްވިޔަސް، ބޮލަކަށް ހިނގާނެތާ ހަރަދުތަކެއް ދެއްތޯ؟ އެގޮތަށް ބަލާއިރުގައި މިއީ ބޮޑު އެމައުންޓެއް ނޫން، އެއީ 325ރ. ވަރު އެހިނގަނީ ބޮލަކަށް، ކޮޓަރިއެއްގައި ދެމީހުން އޮންނަ ކަމަށް ވެއްޖެއްޔާ،" މަބްރޫކް.

"މިސާލަކަށް ހޮސްޕިޓަލެއްގައި ބޭއްވިޔަސްް، މިސާލަކަށް ބަލަންޏާ ޖަލުގައި ބޭއްވިޔަސް، ބޮލަކަށް ހިނގާނެތާ ހަރަދުތަކެއް ދެއްތޯ؟ އެގޮތަށް ބަލާއިރުގައި މިއީ ބޮޑު އެމައުންޓެއް ނޫން، އެއީ 325ރ. ވަރު އެހިނގަނީ ބޮލަކަށް، ކޮޓަރިއެއްގައި ދެމީހުން އޮންނަ ކަމަށް ވެއްޖެއްޔާ،" މަބްރޫކް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު ކަަރަންޓީނުކޮށްފައި މިހާރު ތިބުމުން ހިނގަމުން ދަނީ ވަރަށް ބޮޑު ހަރަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ވެސް 550 މީހުން އެ ފެސިލިޓީތަކުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި މަގުން އެ 550 މީހުންނަށް ހަރަދުވާ ނަމަ އެއީ ދުވާލަކަށް ޖުމްލަ 178،750ރ. އެވެ.

ރިސޯޓްތައް އެގޮތަށް ބޭނުންކުރަން ސަރުކާރުުން ނިންމި ސަބަބާ ބެހޭ ގޮތުން އޭނާ މިރޭ ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްތައް ބޭނުންކުރުމުގެ ބަދަލުގައި ކަރަންޓީނު ފެސިލިޓީތައް ހަދަން އުޅެފި ނަމަ އެކަަމަށް ހަރަދުވާ ފައިސާ އިތުރު ވެފައި ވަރަށް ގިނަ ވަގުތު ވެސް ބޭނުންވާނެ ކަމަށެވެ.

"ބޭރު ގައުމުތަކުގައި ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އާއްމުކޮށް މިކަން [މީހުން ކަރަންޓީނު ކުރުމުގެ ކަންތަައްތައް] ކުރާނީ ބޮޑެތި ސްކޫލްތަކެއް ނަގައިގެން ނޫނީ ބޮޑެތި ހޯލްތަކެއް ނަގައިގެން. ދެން އެތަންތަނަށް ގަންނަން ޖެހޭނެ ހަމަ ކޮންމެ މީހަކަށް އެނދާ، އެތަންތަނަށް ކަރަންޓް ލުމާ، ފެން ލުމާ މިހެން ގޮސް ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭނެ އޭގެ ތަނެއް ފަންކްޝަނަލް ކުރުމަށް ޓަކައި،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ފަސް މީހުން ވަނީ މުޅިން ރަނގަޅުވެފަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއަކީ މިބަލި އެންމެ ޕީކްވާނެ ދުވަސްތައް ކަމަށް ބެލެވޭތީ އެންމެންވެސް ފަރުވާ ކުޑަ ނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.