ކާފިއުގެ ވަގުތު ބޭރުގައި އުޅުނު މީހުން މިއަދު އިތުރުވެއްޖެ!

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުތް މީހުންގެ އަދަދު އިއްޔެއާ އަޅާބަލާއިރު މިއަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ކަންބޮޑުވެއްޖެ އެވެ.


ދުނިޔޭގައި ކޮންޓްރޯލްނުވެ ފެތުރި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ޖެހުނު ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭގައި އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އިއްޔެ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން އެ ތިން ގަޑިއިރު ކޮންމެ ދުވަހަކު ވެސް ކާފިއު ހިންގާނެ އެވެ.

ވަކި ގޮތަކަށް ކަނޑައަޅަންދެން، ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އުޅުން ވެސް މަނަލެވެ.

ކާފިއުގެ ވަގުތުގައި ފުލުހަކު މަގުމަތި ޕެޓްރޯލްކުރަނީ. --ފޮޓޯ/މިހާރު

އެންއީއޯސީގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ މަގުތަކަށް ނުކުތުން މަނާކޮށްފައި އޮތް ތިން ގަޑިއިރުގެ ތެރޭގައި އިއްޔެ މަޑުކުރުވައި ނަސޭހަތްދޭން ޖެހުނީ 95 މީހަކަށް ކަމަށާއި މިއަދު އެ އަދަދު މަދުވާނެ ކަމަށް ބަލައިގެން ތިއްބައި ކަން ހިންގީ އިދިކޮޅަށް ކަމަށެވެ. ސައިކަލް ދުއްވުމާއި ހިނގާފައި މަގުތަކަށް ނުކުމެ އުޅުނު ކަމަށް ފުލުހުން ދިން ހިސާބުތަކަކީ "ވަރަށް ދެރަ ކަމެއް" ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ އިން މިއަދު 284 މީހުން ހިފެހެއްޓި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލެ އިން އިއްޔެ 11 މީހަކު ހިފެހެއްޓި އިރު މިއަދު 67 މީހަކު މަޑުކުރުވަން ޖެހުނެވެ. ވިލިމާލޭގައި އިއްޔެ ނުވަ މީހުން ނުކުތްއިރު މިއަދު 25 މީހަކު ނުކުތެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ވައިރަސް ފެތުރުނަ ނުދޭން އަޅާ ފިޔަވަޅެއްގެ ގޮތުން، ކާފިއުގެ ވަގުތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތިން ގަޑިއިރު މަދުވެގެން ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. އެކަމަކު، އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެސް އަދަދުތައް އިތުރުވަމުން އަންނަ ކަން މިއަދު ހާމަވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދެއްވަނީ. --މިހާރު ފޮޓޯ

މަބްރޫކްގެ އަނެއް ކަންބޮޑުވުމަކީ މަނާ ގަޑިތަކުގައި މަގުތަކަށް ގިނައިން ދިވެހިން ނުކުތުމެވެ. ކާފިއުގެ ވަގުތުގައި، ދެ ދުވަހުގެ ތެރޭގައި 376 މީހަކު މަގުތަކަށް ނުކުމެފައިވާ އިރު އޭގެތެރެއިން 333 ދިވެހިން ހިމެނެ އެވެ. ބިދޭސީންގެ އަދަދަކީ 43 އެވެ.

"ފުލުހުން ވިދާޅުވަނީ މި ދެ ދުވަހު ދިނީ ނަސޭހަތޭ. މާދަމާ ފިޔަވަޅު އަޅާނަމޭ،" --މަބްރޫކް

ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުންނަ މީހުން ޖޫރިމަނާކުރަން ނިންމާފައި ވަނީ 1،000 ރ. އިންނެވެ.

ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ބޭރަށް ނުނިކުމެ، ގޭގައި މަޑުކުރަން މަބްރޫކް އިލްތިމާސްކުރެއްވި އެވެ.

މާލޭގައި ވަކިވަގުތެއްގައި ނުކުމެ އުޅުން މަނާކުރާ އެންގުމުގައި އިސްތިސްނާކޮށްފައިވަނީ ސަލާމަތީ ހިދުމަތްތަކުގެ ޑިއުޓީކުރާ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ ވެހިކަލާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި ކުނި އުކާލުމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އުޅަނދުތަކާއި އުރީދޫ އާއި ދިރާގާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި ޖީ ބޯޑު ހަރުކުރި ސަރުކާރުގެ ވެހިކަލްތަކާއި ޑިޕްލޮމެޓިކް އުޅަނދުތަކާއި އެމްބިއުލާންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް އޮންނަ މީހުންނާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެޗްޕީއޭގެ ސްޓިކާ ޖަހާފައިވާ އުޅަނދުތަކެވެ.

މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. ޜާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރުގައި މި ވައިރަސް ފެނި ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ރާއްޖެ އިން އައީ ދުރާލައި ތައްޔާރުވަމުންނެވެ. ހެލްތު މިނިސްޓްރީ އިސްވެ އޮވެ އެޗްޕީއޭ އާއި ކަމާބެހޭ އެހެން އިދާރާތަކުން މިކަމާ ދެކޮޅަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއްހެން، ރާއްޖެ އިން މި ވައިރަހަށް ޕޮޒިޓިވް މީހަކު ފެނުނު އިރު ހުރީ އަޅައިފަ އެވެ.

މިހާތަނަށް އާއްމުންގެ ތެރޭގައި ބަލި ނުފެތުރިވާ މައިގަނޑު ސަބަބަކީ ވެސް އެ އެވެ. ކަމާބެހޭ އިދާރާތަކުގެ ހުރިހާ ވިސްނުމަކާއި ފިޔަވަޅުތަކެއް އަމާޒުކޮށްފައި ވަނީ ވެސް އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދިނުމަށެވެ. މިކަމުގައި ތަކުރާރުކޮށް އެދެމުން އަންނަނީ އިޖުތިމާއީ ގައިދުރުކަމާ އެކު އާއްމުންގެ އެއްބާރުލުން ދިނުމަށެވެ.