ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި

ކޮވިޑް-19 ކޮންޓްރޯލްކުރަން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ކަރެކްޝަނަލް ސާވިސް އިން ހަމަޖައްސައިފި އެވެ.


ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ދެ ހަފުތާ އަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އޭގެފަހުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެއިން އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނަށް މި ހާލަތުގައި ވެސް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި އާއިލާތަކުން ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކަނޑައެޅޭ ވަކި އެކައުންޓަކަށް ފައިސާ ފޮނުވުމަށް ފަހު އޭގެ ސްލިޕާއި ފައިސާ ލިބެންވީ މީހާ އާއި ފޮނުވި ފަރާތުގެ މައުލޫމާތު އެނގޭ ގޮތަށް އީމެއިލް ކުރެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މީގެ އިތުރުން ފައިސާ ލިބުނުކަން ކަށަވަރު ކުރުމަށް ފަހު ފައިސާ ލިބުނުކަމުގެ ލިޔުމެއް އެ ފަރާތަށް ކަރެކްޝަންސް އިން ފޮނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކަރެކްޝަންސް އިން އެގޮތަށް ހަމަޖެއްސިއިރު، މާފުށީ ޖަލުގައި އިއްޔެ ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ. ބައެއް ގައިދީން އިއްޔެ ގޮޅިން ނިކުތުމުން ހިނގި އެ ހަމަޖެހުންތަކުގައި ގައިދީއަކާއި ޖަލުގެ ދެ އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލްކޮށް، އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ކަރެކްޝަންސް އިން ބުުނެފައިވެ އެވެ.

އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ކަރެކްޝަންސް އިން ހަމަޖެއްސިއިރު، ކޮވިޑް-19 އާ ގުޅިގެން ގިނަ އިދާރާތަކުގެ ޚިދުމަތްތައް ވެސް ވަނީ އޮންލައިންކޮށް ދޭން ފަށައިފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުގެ މުހިންމު ބައްދަލުވުންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.