ހަސީނާއަށް ގުޅުއްވައި، ރައީސް ޝުކުރު އަދާ ކުރައްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ގުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ބަންގްލަދޭޝް އިން ވަނީ އެ ގައުމާއި ނޭޕާލްގައި ތާށިވެފައި ތިބި 71 ދިވެހިން ރާއްޖެ ގެނެސް އަދި ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް ފޮނުވައިފަ އެވެ. އަދި އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި މިއަދު ވަނީ 100 ޓަނުގެ ތަކެތި ވެސް ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެމަނިކުފާނު ޝައިހް ހަސީނާ އަށް ގުޅުއްވައި، ކުރެއްވި މަޝްވަރާތަކުގައި ބޭރުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެސް ދިނުމާއި ބަންގްލަދޭޝް އިން ފޯރުކޮށްދިން އެހީތަކަށް އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައިވާ ކަމަށެވެ.

ރައީސްގެ ޓްވީޓް

ބަންގްލަދޭޝް އިން ރާއްޖެއަށް މިއަދު ހަދިޔާކުރީ ކޯބާތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނު ފަދަ ތަކެއްޗެވެ.

މާލެއިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ވެސް ހިމެނެ އެވެ.