މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިން ޖެހުން: ފައްޔާޒް

ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިއުލާންކުރި އިގްތިސާދީ އެހީގެ ޕެކޭޖް ކަނޑައެޅީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ މަޝްވަރާ ނުކޮށް ކަމަށް ބުނެ އެ ޖަމިއްޔާ އިިން ނެރުނު ބަޔާނަކީ ސަރުކާރުގެ ގައިގައި ކޮޅުފަައިންް ޖެހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ޕެކޭޖްތައް ނެރުނީ މަޓީއާ ވާހަކަ ނުދައްކާ ކަަމަށް ބުނި ނަމަވެސް އެ ޖަމިއްޔާއާ މަޝްވަރާކުރި ކަމަށެވެ. ސަަރުކާރުގެ ޕެކޭޖްތައް ތައާރްފްކުރީ ވެސްް އެ މަޝްވަރާތަކުގައި މަޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ދެއްވި ލަފާ ވެސް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހީކޮށްގެން މިހިރީ ހަމަ އެބޭފުޅުން ވިދާޅުވި ގޮތަށް، ގާތްގަނޑަކަށް އެއާ ކައިރިކުރާ ކޮމްޕްރޮމައިޒްއެއްގައި ކަމަށް އަޅުގަނޑުމެންނަށް އެކަން ކުރެވުނީ. އެހެން ނަމަވެސް އިއްޔެ މި އެނގުނީ އަދި މުޅިން އެހެންނެއް ނޫންކަން އެކަން ވެގެން މި ދިޔައީ،" މަޓީން އިއްޔެ ނެރުނު ބަޔާނަށް އިޝާރާތްކުރަމުން ފައްޔާޒް ވިދާޅުވި އެވެ.

"އެއާ ގުޅިގެން އަނެއްކާ އެބޭފުޅުންގެ އިތުރު ސިޓީއެއް އައީ ނޫނެކޭ ހުރިހާ އެންމެންނަށް ދޭން ވާނޭ ރިލީފް އިނގޭތޯ. ކަނޑާ މީހުންނާ ހުރިހާ މީހުން ހިމެނޭ ގޮތަށް ދެން އޭގެ މާނައަކީ. އައިމާ އަޅުގަނޑު ދެންނެވީ ނޫނެކޭ. އެގޮތަކަށް ނުވާނޭ. އެހެން ނަމަވެސްް ދެކުއާޓާ އަޅުގަނޑުމެންނަށް ޑިފާ ކޮށްދެވިދާނެއޭ. އަދި އެ ދެން އަންނަ އަހަރުގެ ތެރެއަށް ބަހާލައިގެން ދައްކާ ގޮތަށް ހެދިދާނޭ. އެހިސާބުގައި ވާހަކަ އޮތީ،" -ފައްޔާޒް

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގައި ހުރި ފައިސާ އިން ކުރެވޭނެ އެންމެ ރަނގަޅު ގޮތަކަށް ރިލީފް ޕެކޭޖްތަކުގެ މަސަައްކަތް ކުރެވޭތޯ ކަމަށާއި ސަރުކާރަށް ވާން އޮތް ނަމަ ކޮންމެ ރައްޔިތަކަށް 10،000ރ. ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މަޓީން އެ ނެރުނު ބަޔާނަކީ މި ވަގުތު މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުމޭ އަޅުގަނޑު ދަންނަވާނީ،" ފައްޔާޒް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާ ހެދި ސަރުކާރުން ވަނީ 2.4 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް އިއުލާންކޮށް، ވިޔަފާރިތަކަށް ލޯނު ދޫކުރަން ނިންމައިފަ އެވެ. އެގޮތުން ރިސޯޓްތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް، ޝަރުތުތަކަކާ އެކު ލޯނު ދޫކުރާނެކަން ސަރުކާރުން އޮތީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން މަޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ކަމަށް ވެފައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެ ދާއިރާ އިން ކަމަށް ވާއިރު، ސަރުކާރުގެ އެހީގެ ޕެކޭޖް ކަނޑައަޅާފައި ވަނީ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓްވެ، ވަޒީފާތައް ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުނަސް، އެދެވޭ ފިޔަވަޅުތަކެއް މިހާތަނަށް ނުފެންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފައްޔާޒް ވިދާޅުވީ މަޓީން އެދުނީ ރިސޯޓްތަކުގެ ކުލީގެ ތެރެއިން ތިން ކުއާޓަރެއްގެ ކުލި ލަސްކޮށްދޭން ކަމަށާއި އޭގެ ބަދަލުގައި 10،000ރ. އިން ދަށުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އިން ނުކަނޑާ ގޮތަށް ހުށަހެޅި ކަަމަށެވެ. އެކަމަކު ސަރުކާރުން ބުނީ އޭރު ހުށަހެޅީ އެއް ކުއާޓަރުގެ ކުލި ލަސްކޮށްދޭން ކަމަށާއި އެހިސާބުން މަޓީން އެދުނީ މުސާރަ ކަނޑާ ކުންފުނިތަކަށް ވެސް ލުއިދޭން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އެއާ ގުޅިގެން އަނެއްކާ އެބޭފުޅުންގެ އިތުރު ސިޓީއެއް އައީ ނޫނެކޭ ހުރިހާ އެންމެންނަށް ދޭން ވާނޭ ރިލީފް އިނގޭތޯ. ކަނޑާ މީހުންނާއި ހުރިހާ އެންމެން ހިމެނޭ ގޮތަށް ދެން އޭގެ މާނައަކީ. އައިމާ އަޅުގަނޑު ދެންނެވީ ނޫނެކޭ. އެގޮތަކަށް ނުވާނޭ. އެހެން ނަމަވެސްް ދެ ކުއާޓާ އަޅުގަނޑުމެންނަށް ޑިފާ ކޮށްދެވިދާނެއޭ. އަދި އެ ދެން އަންނަ އަހަރުގެ ތެރެއަށް ބަހާލައިގެން ދައްކާ ގޮތަށް ހެދިދާނޭ. އެހިސާބުގައި ވާހަކަ އޮތީ،" އޭނާ ވިދާޅުވި އެވެ.