މަޓީއާ ސަރުކާރުން މަޝްވަރާ ނުކުރުމަކީ އެތައް ވަޒީފާއެއް ގެއްލުނު ސަބަބު: އިިދިކޮޅު

ޓޫރިޒަމް ދާއިރާގެ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާ އެއް ސަބަބަކީ ޓޫރިޒަމްގެ ދާއިރާގެ އިސް ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ނުކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފިި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާން ކުރި އިގްތިސާދީ ޕެކޭޖް ކަނޑައެޅީ މަޝްވަރާ ނުކޮށް ކަމަށާއި އޭގެ ފައިދާ ޓޫރިޒަމް ދާއިރާގެ ގިނަ ވިޔަފާރިތަކަށް ނުކުރާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެއީ ސަރުކާރުގައި ކޮޅު ފައިންޖެހުން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ހާލަތުގައި ސަރުކާރަށް އެންމެ ބޮޑު އެހީއެއް ދެމުންދަނީ ޓޫރިޒަމް ދާއިރާ އިން ކަމަށެވެ. އަދި އެހީގެ ޕެކޭޖް ކަނޑައެޅުމުގައި މަޓީގެ މަޝްވަރާ ނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެއީ އެ ދާއިރާގެ އެތައް ބައެއްގެ ވަޒީފާ ގެއްލުނު ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް މުވައްޒަފުންނެއް ވަޒީފާ ގެއްލި އަދި ވަޒީފާއިން ލިބޭ މުސާރަ އަށް ބަދަލުތަކެއް އައިސްގެން މިދާ ދިއުން މިކަމުގެ ސިއްރަކަށް ވުން ނުވަތަ އަސްލަކަށް ވެގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

"ޚާއްސަކޮށް މަޓީއާ މި ސަބްޖެކްޓްގައި ވާހަކަ ދައްކަން ބޭނުން ނުވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެއްޖެ ކަން ރައްޔިތުންނަށް އެނގޭނެތީ،" ސައީދު

އޭނާ ވިދާޅުވީ މިހާތަނަށް ސަރުކާރުން އަމަލުކުރި ގޮތުން އެނގެނީ މި ހާލަތަށް އެއްވެސް ވަރަކަށް ތައްޔާރު ނުވާކަން ކަމަށާއި އެތައް ބައެއްގެ އާމްދަނީ އާއި ވަޒީފާތައް ގެއްލެމުން ދާއިރު ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށެވެ. ރިސޯޓްތަކުގައި އެތައް މުވައްޒަފުންތަކެއް ތާށިވުމާއި މާލެ ލޮކްޑައުން ކުރިއިރު، ރަށްރަށުން އައިސް ތިބި މީހުންގެ ކަންކަމާ މެދު ވެސް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް ވިދާޅުވި އެވެ.

"ތިމަންނަމެން އެންމެ ނުރައްކާތެރި ހާލަތަށް ވެސް ރެޑީއޭ ވިދާޅުވިޔަސް، އަޅުގަނޑުމެންނަށް މިއަދު ސާފުކޮށް އެބަ އެނގޭ އަޅުގަނޑުމެން މި ހާލަތަށް ވެސް ރެޑީ ނޫންކަން،" ޝިޔާމް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި މާލީ އިދާރާތަކުން ކަމާބެހޭ ފަރާތްތަކުން ދޭ ލަފާތައް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ސަރުކާރުގެ އިސްވެރިން ދައްކަވާ ވާހަކަތައް ދިމާނުވާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގައި ދައުލަތުގެ އިސްވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޚަރަދުކުރި ގޮތެއް އަޅުގަނޑުމެންނަށް ކިޔައިދޭން އެބަޖެހޭ. ހަތް ޑޮލަރަށް ލިބޭ އެއްޗެހި 3،500 ރުފިޔާ އަށް ހޯދާފައި އެބަހުރި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހަައްމަދު ސައީދު ވިދާޅުވި ގޮތުގއި، ޓޫރިޒަމް ދާއިރާގެ އެތައް ވަޒީފާއެއް ސަލާމަތް ކުރުމަށްޓަކައި މަޓީއާ އެކު މަޝްވަރާ ނުކުރަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުންނެވެ. ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މަޝްވަރާ ކުރަން ވެސް ސަރުކާރުން ބޭނުން ނުވަނީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޚާއްސަކޮށް މަޓީއާ މި ސަބްޖެކްޓްގައި ވާހަކަ ދައްކަން ބޭނުން ނުވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ފެއިލްވެއްޖެ ކަން ރައްޔިތުންނަށް އެނގޭނެތީ،" ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ސަރުކާރުތަކުން ނުކުރާ ކަމަށާއި މަޓީއާ އެކު މަޝްވަރާ ކުރުމުގައި ފެއިލްވުމުގެ ޒިންމާ ސަރުކާރުގެ ކޮންމެވެސް ބަޔަކު ނަގަން ޖެހޭނެ ކަމަށެވެ. މުދަލާއި ތަކެތީގެ އަގު ބޮޑު ނުވާނެ ކަމަށް ސަރުކާރުން ބުނާއިރު، އެތައް ވަޒީފާއެއް ގެއްލިފައިވާ ފަރާތްތަކަށް ފައިސާ ނުދެވެންވީ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.