މާލެ ސަރަހައްދުގެ ލޮކްޑައުނަށް މިހާރު މަސް ދުވަސް ވެގެން ދަނީ އެވެ. މި ލޮކްޑައުނާ އެކު އަހަރެމެންގެ އާންމު ދިރިއުޅުމުގެ ބައެއް ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދެ އެވެ. އެއް ކަމަކީ އަހަރެމެންގެ ނިދި ނުވަތަ "ސްލީޕް ޝެޑިއުލް" އެވެ. އަންނަމުން މިދާ ބަދަލަށް އަހަރެމެން އަވަހަށް ހޭނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މިހާރުން ފެށިގެން ވެސް އަހަރެމެން މި ބައްޔާ އެކު ދިރިއުޅެން ދަސްކުރަން ޑޮކްޓަރުން އަބަދުމެ އިރުޝާދު ދޭތީ އެވެ.

އެކަމަކު ބަދަލެއް ގެންނަން ވިސްނާއިރު އެންމެ މުހިންމު ކަމަކީ، އެކަމެއް ކުރާނެ އެންމެ ރަނގަޅު ގޮތް އަބަދު ވެސް ހިޔާރުކުރުމެވެ.

އައި ބަދަލުތަކާ އެކު އެތައް ބަޔަކު ތިބީ ނިދީގެ ބުރު އޮޅިފަ އެވެ. ނިދާކަށް ހޭލާކަށް ވަކި ވަގުތެއް ނެތެވެ.

ނިދި ޚަރާބުވީ ކީއްވެ؟

ފުރަތަމަ ވެސް އަމިއްލަ ނަފުސާ މި ސުވާލު ކޮށްލަބަލާށެވެ.

ލޮކްޑައުނާ އެކު އަހަރެމެން ކުރިން އާދައިގެ ދުވަހެއްގައި ކޮށް އުޅުނު ގިނަ ކަންކަން މިހާރު ނުކުރެ އެވެ. މަސައްކަތަށް ދިއުމާއި ބޭރަށް ނިކުމެ އުޅުން ހުއްޓާލައިފި އެވެ. އަދި ކެއުމަށް ވެސް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. މިއީ މީހާގެ ނިންޖަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަންކަމެވެ. އަދި މި ލޮކްޑައުނާއި ރޯދަ މަސް ދިމާވުމުން މިހާރު ދިވެހިން މި ތަޖުރިބާކުރަނީ މުޅިން ތަފާތު ދުވަސްތަކެކެވެ. އާންމުކޮށް ރޯދަ މަހަކީ ދިވެހިން ފަތިސްވަންދެން ހޭލައި ތިބޭ މަހެކެވެ. ނިދާނީ ދުވާލު އެވެ. އަދި މިއީ ކެއުމަށް ވެސް ބޮޑު ބަދަލެއް އަންނަ މަހެކެވެ.

ދިރާސާކުރާ މީހުންނާއި އިލްމުވެރިންގެ ހޯދުންތަކާއި މައުލޫމާތުތައް ޝާއިއުކުރާ ވެބްސައިޓެއް ކަމަށްވާ "ދި ކޮންވަޒޭޝަން" ގައި ލޮކްޑައުނާ އެކު މީހުންގެ ނިންޖަށް އަންނަ ބަދަލާ ބެހޭގޮތުން އާންމުކޮށްފައިވާ އާޓިކަލްއެއްގައި ބުނެފައި ވަނީ އާންމު ދިރިއުޅުމަށް އަންނަ މި ކަހަލަ ބޮޑެތި ބަދަލުތަކާ އެކު އަހަރެމެންގެ ސިކުނޑީގައިވާ "ގަޑި" (ސަކޭޑިއަން ރިދަމް) އަށް ބޮޑު އަސަރެއް ކުރާ ކަމަށެވެ. މިއީ އިންސާނާގެ ނިދި ބައްޓަން ކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އިންޓާނަލް ޕްރޮސެސްއަކަށް ކިޔާ ނަމެކެވެ.

ރެއާއި ދުވާލު އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިނާއި ހޯމޯންސް ކޮންޓްރޯލް ކުރަނީ މި އެވެ.

މި ޕްރޮސެސް އެންމެ ފުރިހަމަ އަށް އޭގެ ޒިންމާ އަދާކުރާނީ ކޮންމެ ދުވަހަކު ގުދުރަތީ އަލި ލިބިގެންނާއި އަދި ބަރާބަރަށް ކައިބޮއެ ހަދާ ނަމަ އެވެ. އެކަމަކު ލޮކްޑައުންއާ އެކު ބޭރަށް ނިކުމެ ނޫޅުމާއި އަދި ކެއުމަށް އައި ބަދަލާ އެކު އަހަރެމެންގެ ނިދި ހަރާބުވީ މި ސަބަބާ ހެދި ކަމަށް ބެލިދާނެ އެވެ.

ހައްލަކީ ކޮބާ؟

1. ނިދަން ވަކި ވަގުތެއް ކަނޑައަޅާށެވެ. ބޮޑަށް ރަނގަޅީ ރޭގަނޑުގެ ވަގުތެވެ. ބަރާބަރު އެ ގަޑިއަށް ނިދައިފައި، ހޭލަން ވެސް ވާނީ ހަމަ ކަނޑައެޅި ވަގުތަށެވެ. އެ ގަޑިއަށް ހޭލުމަށް އެލާމްކޮށްފައި ބާއްވާށެވެ. އިތުރަށް ނިދައިގެން ނުވާނެ އެވެ. ކޮންމެ މީހަކު ވެސް 7-9 ގަޑިއިރުގެ ނިދި ހަމަކުރަން ވާނެ އެވެ. ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް މިއީ ވަރަށް މުހިންމު ކަމެކެވެ.

2. އޮފީސް މަސައްކަތްތައް، ނިދާ ގަޑީގައި ނުކުރައްޗެވެ. ނިދާ ގަޑިޖެހުމުން ފޯނާއި ލެޕްޓޮޕް އަދި ޓީވީ ކަހަލަ، ހުރިހާ އިލެކްޓްރޯނިކް ސާމާނެއް އެއްފަރާތްކޮށްލާށެވެ. ނިދަން އަރާ އޮންނަންވާނީ ކޮޓަރި އަނދިރިކޮށް، މަޑުމައިތިރި މާހައުލަކަށް ބަދަލުކޮށްލައިގެންނެވެ.

3. ވަކި ވަގުތުކޮޅަށް ނިދާލުން ނުވަތަ "ނެޕް" ކުރުން އެއްކޮށް ހުއްޓާލާށެވެ. ނިދަންވާނީ ކަނޑައެޅި ވަގުތުގައި އެކަންޏެވެ. އެކަމަކު ވަރުބަލިވުން ނުވަތަ ނިދަން ކަނޑައެޅި ވަގުތުގައި އެކި ސަބަބުތަކާ ހެދި ހަމަ ނިދި ނުލިބޭ ނަމަ 20 ވަރަކަށް މިނެޓްގެ ކުޑަ "ނެޕް" އެއް ނަގާލުމަކުން މައްސަލައެއް ނެތެވެ. އެކަމަކު މިކަން އާދައަކަށް ނުހަދާށެވެ.

4. މިއީ ރޯދަ މަސް ވީމާ، ކޮފީ ބޯ މީހެއް ނަމަ ރޯދަ ވީއްލާގަޑީގައި ކޮފީއެއް ބޯލާށެވެ. ނުވަތަ ރޯދަ މަސް ނިމެންދެން ކޮފީ ނުބޮއެ ހުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެއީ ކޮފީގައި ހިމެނޭ ކެފީން އަކީ ނިންޖަށް ވަރަށް ބޮޑު އަސަރެއް ކުރާ މާއްދާއަކަށް ވާތީ އެވެ.

5. ކަސްރަތަކީ ވެސް ނިދުމަށް އެހީވާ ކަމެކެވެ. އޮންލައިންކޮށް ފިޓްނެސް ޓްރެއިނަރެއްގެ އެހީ ހޯދައިގެން ގޭގައި ކޮށްލެވިދާނެ ރަނގަޅު ކަސްރަތުތަކެއް ދަސްކުރާށެވެ.

6. އަވި ހޯދަން ވާނެ އެވެ. ގޭގައި ބެލްކަނީއެއް ނުވަތަ އަވި ލިބޭ ކުޑަދޮރެއް ހުންނަ ނަމަ ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް އަވީގައި ހޭދަކުރާށެވެ.