އަޅުގަނޑަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް: ނަޝީދު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާތީ، ސަރުކާރާ ދޭތެރޭ ކެތް ކުރެވޭނީ ވަކި ވަރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ބެހޭގޮތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް މިއަދު ޖަލްސާގައި ބަހުސް ކުރިއިރު، ބައެއް މެމްބަރުން ސަރުކާރުގެ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވި އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މެމްބަރުން ފާޅު ކުރައްވަމުން ގެންދެވި ކަންބޮޑުވުންތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ މެމްބަރުންގެ ކެތްތެރިކަން ކޮޅުން ލައިގެންދާ މަންޒަރު އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ސަރުކާރުން ނާޅާ ނަމަ، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ނިންމުމުގެ ބާރު މަޖިލީހަށް އެބައޮތް ކަން ފާހަގަ ކުރައްވައި، އެކަމަކު މިވަގުތު އެއީ މަޖިލީހުގެ އަމާޒު ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބީމާ އެއީ އެތައް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއް ކަން،" ނަޝީދު

"އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަރަށް ގިނަ ބަޔަކު މާލޭގައި ތާށިވެ، ހާލުގައި އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަންކަން މެމްބަރުން ތަކުރާރުކޮށް ފާހަގަ ކުރައްވާއިރު، ސަރުކާރުން ފިޔަވަޅު ނާޅައި ތިބެންޖެހޭ ސަބަބެއް ސާފުނުވާ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބީމާ އެއީ އެތައް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއް ކަން،" ނަޝީދު ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ، ސަރުކާރު ކިތަންމެ އިހްލާސްތެރިޔަސް، ސަރުކާރުގެ ތެރޭގައި ތިއްބެވި ބަައެއް ވަޒީރުންގެ އަމަލުތަކުގެ ސަބަބުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެ ވަޒީރުން މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އޭނާ ގޮވައިލެއްވި އެވެ.

"ޚާއްސަކޮށް މި ދަނޑިވަޅަކީ ހޯމް މިނިސްޓްރީ އަށް ވަރަށް ބޮޑު ބަދަލު ގެންނަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ ވީހާ ވެސް އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާ ވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް،" ހަލީމް ވިދާޅުވި އެވެ.

މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ރަށްރަށުގެ އެތައް ބަޔަކު މާލޭގައި ތާށިވެފައި ތިބެން ޖެހުމާއި ކޮވިޑް-19 އަށް އެކަށީގެންވާ ބާރުމިނުގައި ޓެސްޓް ނުކުރެވުމުގެ އިތުރުން ކަރަންޓީން ކުރުމުގެ އިންތިޒާމްތަކާ މެދު އެވެ. ރައްޔިތުންނަށް ފުރިހަމައަށް މައުލޫމާތު ނުދޭތީ ވެސް ބައެއް މެމްބަރުން ފާޑުވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ދައުލަތުގެ އިސްވެރިންނާއި މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތައް ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅުން ލަސްވުމުން އެކަމުގެ ކަންބޮޑުވުން ވެސް މިއަދުގެ ޖަލްސާގައި ނަޝީދު ފާޅުކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ މި މަސް ނިމުމަކާ ގާތުގައި ވަނިކޮށް، މި މަހުގެ މުސާރަ ވެސް ކުޑަކުރަން ހުށަހެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެގޮތަށް އަމަލު ކުރުމުން ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.

"ޚާއްސަކޮށް މި ދަނޑިވަޅަކީ ހޯމް މިނިސްޓްރީ އަށް ވަރަށް ބޮޑު ބަދަލު ގެންނަންޖެހޭ ވަގުތެއް ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ ވީހާ ވެސް އަވަހަކަށް ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، އިމްރާން އަބްދުﷲ ބޭރުކޮށް، އަޅުގަނޑުމެންނަށް ވީހާ ވެސް އަވަހަކަށް ރަނގަޅު ހޯމް މިނިސްޓަރެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް،" ހަލީމް

"މެއި މަހު ތިމަންނަ އަށް ލިބޭ މުސާރަ ކުޑަވާ ވާހަކަ ތިމަންނަ އަށް މި އެނގެނީ މެއި މަހުގެ ފަހުކޮޅުގައި ކަމަށްވީމަ އޭނައަކަށް އެކަމުގައި ދެކޮޅެއް ނުޖެއްސޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މުސާރަތައް ކުޑަކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމީ މަޖިލީހުގެ އިދާރާއަށް ލިބިފައިނުވާ ސިޓީއެއްގެ މައްޗަށް ބިނާކޮށެވެ. މަޖިލީހުގެ އިދާރާއަށް ލިބުނު ސިޓީ އާއި ކޮމިޓީގެ ނިންމުން ބިނާކުރި ސިޓީގައި ތަފާތުތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގައި އެކަންކަން އިތުރަށް ސާފުކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.