ޔާމީން ދޫކޮށްލަން ޖެހޭކަން ނަޝީދުގެ ވާހަކަފުޅުން އެނގޭ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ވަނީ އިންސާފުން ނޫންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުން އެނގޭ ކަމަށް ބުނެ ޔާމީން މިނިވަން ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.


އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުން ދޭހަވަނީ ޔާމީން ދޫކޮށްލަން ގޮވާލައި އެ ދެ ޕާޓީން ކުރިއްސުރެ ދައްކަމުން އައި ވާހަކަ މި ސަރުކާރާއި އެމްޑީޕީން ވެސްް ގަބޫލުކުރާކަން ކަމަށެވެ. ނަޝީދުގެ އެ ވާހަކަފުޅަކީ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ގަބޫލުކުރާ ގޮތް ކަމަށް ޔާމީންގެ ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

އެމްއެމްޕީއާރުގެ ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލުމާ ދެކޮޅުކަން ނަޝީދު ހާމަކުރެއްވީ، އެ މަނިކުފާނު މިއަދު ލިޔުއްވި ނޯޓެއްގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ނޯޓުގައި ނަޝީދު ވިދާޅުވީ، ޔާމީންގެ އަމަލުތަކާއި ހިޔާލުފުޅުތަކާއި އުސޫލުތަކަށް ވެސް އެ މަނިކުފާނުގެ ތާއީދެއް ނެތް ކަމަށެވެ. އެކަމަކު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީން އެކަނި ޖަލަށް ލުމުގެ މާ ބޮޑު އިންސާފެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް،" ނަޝީދުގެ އަތްޕުޅުން ލިޔުއްވި ނޯޓުގައި ވެ އެވެ.

"މަރު ކޮމިޝަންގެ މައްސަލަ ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނ ކުރަން."

ނަޝީދު މި ނޯޓު ލިޔުއްވީ ޔާމީންގެ 61 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ރޭ ކުރެއްވި ޓުވީޓުތަކެއް ނަޝީދު ރީ-ޓުވީޓް ކުރެއްވުމަށް ފަހު އެކަން ދިފާއު ކުރައްވައި ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގެ ގޮތުގަ އެވެ.

ޔާމީނާ ދެކޮޅަށް އުފުލި ދައުވާއަކީ ސިޔާސީ، ޒާތީ ދަައުވާއެއް ކަމަށް ނަޝީދު އިއުތިރާފް ވެވަޑައިގަންނަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

"...އެހެން ކަމުންް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުން ދެމުން ގެންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލައި އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލަމެވެ،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.