އިދިކޮޅުން އެއްބަސްނުވުމުން ގާނޫނުއަސާސީގެ އިސްހާލަށް ވޯޓަށް އެހުން ހޯމަދުވަހުގެ ރޭ ދަންވަރު

ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް މިއަދު ފާސްކުރަން ކުރި މަސައްކަތަށް އިދިކޮޅު މެމްބަރުންގެ އާނބަސް ނުލިބުމުން، އަންނަ ހޯމަދުވަހުގެ ރޭ ދަންވަރު ވޯޓަށް އަހަން، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އިންތިހާބު ބޭއްވެން ނެތުމުން މިހާރު އޮތް ކައުންސިލްތަކުގެ އުމުރު ދަންމާލަން ސަރުކާރުން ހުށައެޅި ގޮތް މުޅި މަޖިލިހުގެ ކޮމިޓީން ރޭ ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެ އަށް ވުރެ އަވަސްކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެއްބަސްވުމުންނެވެ. އެކަމަކު މައިނޯރަޓީ ލީޑަރު، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް އެގޮތަށް އެއްބަސްވެވަޑައެއް ނުގަތެވެ. އެހެންކަމުން ތިން ދުވަސް ފަހުން ވޯޓަށް އެހުމުގެ ގޮތުން ހޯމަދުވަހުގެ ރޭ ޖަލްސާ ފަށަނީ 11 ޖަހާއިރު އެވެ. އަދި ވޯޓަށް އަހާނީ 12 ގެ ފަހުން، އަންގާރަ ދުވަސް ފެށުމުންނެވެ.

މިހާރު އޮތް ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ ޖޫން 3 ގައި ކަމަށް ވާތީ، އޭގެ ކުރިން އެ އިސްލާހު ފާސްކޮށް، ތަސްދީގުކުރަން ޖެހެ އެވެ. އަންގާރަ ވަނީ ޖޫން 2 އަށެވެ.

އިސްލާހު ގެންނަނީ ސުޕްރީމް ކޯޓުން އިއްޔެ ދިން ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށެވެ.

އެ އިސްލާހު މިއަދު ފާސްކުރަން މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި ސަލީމާ ރޭ ނަޝީދު ވަނީ މަޝްވަރާކުރައްވައިފަ އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެިޓީން ރޭ ފާސްކުރި ރިޕޯޓް މިއަދު ތަޅުމަށް ގެންނެވުމަށް ޕީޕީއެމްގެ ބޭފުޅުންނާ ތިން ފަހަރެއްގެ މަތިން ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް އެ މައްސަލަ އަވަހަށް އެޖެންޑާ ކުރަން ޕީޕީއެމްގެ މެމްބަރުން އެއްބަސްނުވާ ކަމަށް ވިދާޅުވި އެވެ.

"މިއީ އެންމެ އެދޭ ގޮތެއް ނޫން. އެކަމަކު ރާއްޖޭގެ ރައްޔިތުން ނިންމާފައި މިއޮތް ގޮތަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް 65 ގޮނޑި ދީފައި އޮތުން. އަދި މި މަޖިލީހުގެ އެހެން އިއްޒަތްތެރި މެމްބަރުންނާ އެކު އަޅުގަނޑުމެންނަށް މި މަސައްކަތްކޮށް ނިންމޭނެ. އަދަދުގެ މައްސަލައެއް މިކަމުގައި އަޅުގަނޑުމެންނަކަށް ނޫޅޭ،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުން ވޯޓް ދީގެންނެވެ. އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާތީ އެއީ ސާފު އަގުލަބިއްޔަތެކެވެ.

ނަޝީދު އެގޮތަށް ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ ގަވައިދުގައި އޮންނަ ތަންކޮޅެއްގައި ހިފައިގެން މަޖިލީހުގެ މަސައްކަތް އެއްވެސް ފަރާތަކަށް ނުހުއްޓުވޭނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން ނަމަވެސް ގާނޫނު އަސާސީއިސްލާހުކުރުން މިއަދު ނިންމަން ޖެހޭ ކަމަށެވެ.

"މަޖިލިސް މެދުކަނޑާލައްވައިގެން ނަމަވެސް އެބަ ޖެހޭ ހައްލެއް ހޯދަން މިކަމުގައި. ހައްލެއް ނުވެއްޖެއްޔާ އަޅުގަނޑުމެން މަޖިލިސް ގަވައިދުގެ މި މާއްދާ ސަސްޕެންޑްކޮށްގެން ނަމަވެސް އަޅުގަނޑުމެންގެ މެޖޯރިޓީ ބޭނުންކޮށްގެން މިކަން ކުރަން ބޭނުންވާ ވާހަކަ އިއްޒަތްތެރި ރައީސަށް ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.

އެކަމަކު ނަޝީދު ވިދާޅުވީ ގަވައިދާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ހޯމަ ދުވަހުގެ ރޭ 11:00 ގައި މަޖިލިހުގެ ޖަލްސާއެއް ބާއްވަން ނިންމަވާފައިވާ ކަމަށެވެ. އޭރުން އެރޭ ދަންވަރު 1:00 ޖަހާއިރު ވޯޓަށް އެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހައިގެން އިން ގޮތެއް މިއީ. އަޅުގަނޑަށް އަބަދުވެސް މި ހިސާބު ފެނޭ. އެހެންވެ އަޅުގަނޑު ދެންނެވީ ރަނުން ރަނަށޭ. އެއީ ވަރަށް ގާތުން ގާތަށް. މީގައި ޕީޕީއެމް އަޅުގަނޑުމެންނާ އެކު ބައިވެރިވެވަޑައިނުގެންނެވިކަން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެބަޔަކު އެބައެއްގެ ފޮށި ބަންނާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

ނިޒާމީ ނުކުތާއެއް ނަންގަވައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ކަންކަން ކުރިއަށް ދަނީ އިދިކޮޅުން އެދުނު ގޮތަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވައި އިޖުރާތްތައް ފުރިހަމަކޮށްގެން މަސައްކަތް ކުރިއަށް ގެންދަވާތީ އެކަމަށް ތާއީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހިސާބުން ޝިޔާމްގެ ވާހަކަ ހުއްޓުވައި ނަޝީދު ވިދާޅުވީ އެ ބިލަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު ވެސް ހަމަވެފައިވާއިރު އެ ބިލް ތަޅުމަށް ގެންނަން ދެކޮޅު ހަދަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ޕީޕީއެމުން އެއްބާރުލުން ނުދިނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލައިފައިވާ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުކުރުމުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިދިކޮޅަށް ފާޑު ވިދާޅުވެފަ އެވެ.

އާ އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރަން ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށައެޅީ މިދިއަ އެޕްރީމް މަހު އެވެ. އެކަމަކު އޭރު އެ އިސްލާހުގެ މަސައްކަތް ނަޝީދު ކުރިއަށް ނުގެންދެވީ މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު އެއްގޮތް ވާތީ ކަމަށް، ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވުމުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ނިންމީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ގާނޫނު އަސާސީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދުވަސްވަރު ގާނޫނު އަސާސީއަށް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ.