ރަވީ ފާރޫގް ޑައިރެކްޓުކުރާ ބައިސްކޯފުގެ އޮރިޖިނަލް "އެހެނަސް" ގެ ފުރަތަމަ ސީޒަން ނިމުނުއިރު، ނިޔާޒް (މުހައްމަދު ވިޝާލް) އާއި ޝާއިރާ (އައިޝަތު ރިޝްމީ) އުޅެނީ ކައިވެނިކޮށްގެންނެވެ. އެކަމަކު އެ ދެ މީހުން ދިމާވެ، ކައިވެންޏަކާ ހަމަ އަށް ދިޔައީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. އާ ސީޒަނުގައި ފޭނުން އެންމެ ބަލަން ބޭނުންވާނީ މި ކަމެވެ. އަދި ޝާއިރާ އަކީ ކާކުތޯ އެވެ. އެހެންވެ، އިއްޔެ ނެރުނު އާ ސީޒަންގެ ޓްރެއިލާގައި ވެސް ފޭނުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ރިޝްމީ އަށެވެ.
އާ ސީޒަންގެ އިންތިޒާރުގައި ފޭނުން ތިބޭތާ މިހާރު އަހަރެއް ވާން ކައިރި ވަނީ އެވެ. ދެ ވަނަ ސީޒަން ޕްރިމިއާ ކުރަނީ މި މަހު 18 ގައި ކަމަށް ވެސް އިއްޔެ އިއުލާންކުރި އެވެ.
ވާހަކަ ލިޔުންތެރިޔާ އަހްމަދު އިގުބާލް (އައިކިއު) ގެ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ މި ސީރީޒްގައި ރިޝްމީ ކުޅޭ ރޯލުގެ ހަގީގަތް އަދި ސާފުވާން އޮތީ އެވެ. ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ޒުވާން ފިރިހެނެއްގެ ދިރިއުޅުން ދައްކައިދޭ މި ސީރީޒްގައި ކުޅޭ ރޯލާއި ބެހޭގޮތުން މިދިޔަ އަހަރު ރިޝްމީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ލީ ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ އޭނާ އަށް މިހާތަނަށް ކުޅެން ޖެހުނު އެންމެ ޗެލެންޖިން އެއް ރޯލު ކަމަށެވެ.
ޓްރެއިލާގައި ދައްކާލި، ޝީލާ ނަޖީބްގެ މަންޒަރުން ވެސް ފޭނުން ހައިރާންކޮށްލި އެވެ. ފުރަތަމަ ސީޒަންގައި ވެސް ޝީލާގެ ރޯލަށް ވަރަށް ތައުރީފު ލިބުނެވެ. އަދި ކުރީ ސީޒަން ނިމުނުއިރު ނިޔާޒަށް ލިބެމުންދާ އަނިޔާތައް އޭނާގެ މަންމަ (ޝީލާ) އަށް ފަޅާއަރާފައި ވާތީ، އޭނާ މަންމަ ދެން އަޅާނީ ކޮން ފިޔަވަޅެއްތޯ ބަލަން ވެސް ފޭނުން ތިބީ ވަރަށް ބޭނުންވެފަ އެވެ.