ވިކްޓިމް ބޭނުން ނަމަ ކޮމިޓީ އަށް ހާޒިރުކުރަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ ބިދޭސީ އަންހެންމީހާ ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް އޭނާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.


މި މައްސަލަ ކުރިއަށް ގެންދިޔައީ ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ނުހިމަނަ އެވެ. އެއީ، ޖިންސީގޯނާ އަށް ތުހުމަތުކުރެވޭ މައްސަލައިގައި، އޭނާގެ ނުފޫޒު އޮވެދާނެ ކަމަށް ކުރާ ތުހުމަތުތަކާ ހެދި އެވެ.

ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ޒިޔާދު ރިޔާސަތު ބެލެހެއްޓެވި ކޮމިޓީގައި، މެމްބަރުން ވަނީ މި މައްސަލައިގައި ފުލުހުންގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމުގެ ތުހުމަތުތަކާ މެދު ކަންބޮޑުވުން ފާޅުުކުރައްވައިފަ އެވެ. އެއީ، މިފަދަ މައްސަލަތަކުގައި ފުލުހުންގެ އަމަލުތައް ހުންނަން ވާނެ ގޮތެއް ނޫން ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރުން އިއްތިފާގުވީ، ޖިންސީ ގޯނާގެ ތުހުމަތުގެ މި މައްސަލައިގައި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތާއި ޝިކާރަކަށްވި ކަމަށް ބުނާ އަންހެންމީހާގެ ހައްގުތައް ކަށަވަރު ވެފައިވޭތޯ ބަލައި، ކަމާބެހޭ އިދާރާތައް ޒިންމާދާރު ކުރުވުމަށެވެ. މި މަސައްކަތުގައި، ކަން ހިނގައިދިޔަ ގޮތް ކޮމިޓީއާ ވިކްޓިމް ހިއްސާކުރަން ބޭނުން ނަމަ، އޭނާ އަށް ގުޅޭނެ ގޮތެއް ހޯދައި ކޮމިޓީ އަށް ހާޒިރުކުރަން ވެސް ފާސްކުރި އެވެ.

މީގެ އިތުރުން، ސީން އަށް ދިޔަ ފުލުހުންނާއި ސްޓޭޝަން އިންޗާޖު ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރަން ނިންމި އެވެ. އަދި ފުލުހުން އަމަލުކުރި ގޮތް ގާތުން ބަލައިދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އަރިހުން އެދުމަށާއި މި ކޭސްއާ ގުޅިގެން ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވައިދޭން އެދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޓީއެއް ފޮނުވަން ފާސްކުރި އެވެ.

ޖިންސީ ގޯނާ ކަމަށް ތުހުމަތު ކުރާ މި މައްސަލައިގައި، ކޮމިޓީގެ މުގައްރިރު ޖީހާންގެ ފޮޓޯ އާއްމުކޮށް، އޭނާއާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާތީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މި ހާދިސާގެ ވާހަކަތައް ފުރަތަމަ ފަތުރަން ފެށީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އަންހެން ހަތަރު މެމްބަރުންގެ ފޮޓޯއާ އެކު އަބުރަށް ހުތުރުވާ ގޮތަށް ކަމަށާއި އެއީ މިފަދަ މައްސަލަތަކުގައި ކުށެއް ނެތް މީހުންނަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ރޮޒައިނާ ސިފަކުރެއްވި އެވެ.

"މިގޮތަށް އަމަލުކުރީމަ ކަމާ ނުބެހޭ ބަޔަކު މީގެ ތެރެއަށް ވައްދައިގެން އެ މީހުންގެ އިއްޒަތާއި އަބުރަށް ވެސް ގެއްލުންވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖިންސީ ގޯނާގެ މި މައްސަލައާ ގުޅިގެން ޖެންޑާ ކޮމިޓީގެ މުގައްރިރުގެ ނުފޫޒު ކޮމިޓީ އަށް އޮންނާނެ ކަމަށް ކުރާ ތުހުމަތުގައި ވެސް ހަގީގަތެއް ނެތެވެ. މައްސަލަ ބަލަން ޖީހާން ތާއީދާއި އެއްބާރުލުން ފުރިހަމަ އަށް އޮތް ކަަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ކޮމިޓީގެ މުގައްރިރު ކޮށްގެން އުޅޭ މައްސަލައެއް ނޫން. މުގައްރިރުގެ ފޮޓޯ ޖަހައިގެން ސޯޝަލް މީޑިއާ އަށް ބަލާލާއިރު ހީވަނީ މި އުޅެނީ ޖީހާން ކަމެއް ކޮށްގެން ހެން. އެކަމަކު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މި މައްސަލައިގެ ތެރޭގައި އެއްވެސް ހުރަހެއް ޖީހާންގެ ފަރާތަކުން ފެނިފައެއް ނުވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ސަފާރީއަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބައިތިއްބަން އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ އެ ދެ މީހުން ދޫކޮށްލުމުން ފުލުހުންނަށް މި މައްސަލައިގައި ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އުމުރުން 27 އަހަރުގެ އަންހެންމީހާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރަމުން ދަނިކޮށް "މިހާރު" އަށް މިއަދު ދިން އިންޓަވިއުގައި އޭނާ ބުނީ އެއީ ރޭޕްގެ އަމަލެއް ނޫން ކަަމަށެވެ. އެކަމަކު ޖިންސީ ގުނަވަންތަކުގައި އަތްލި ކަމަށާއި އެކަމުގައި ފުލުހުންގެ ތަހުގީގާ މެދު ވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.