ބިދޭސީންނަކީ ކޮންބައެއްކަން ނޭނގެނީސް ހަވާލުވާން ރިޒް ކުންފުނިން އިންކާރުކޮށްފި

މުސާރަ ނުދިނުމުން ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީން އެ ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުން ކަމަށް ބުނެ ރިޒް ކުންފުނިިން ބިދޭސީންނާ ހަވާލުވާން އިންކާރުކޮށްފި އެވެ.


ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތްކުރާ ބިދޭސީންނަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސާރަ ނުދިން މައްސަލައިގައި ބިދޭސީން ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީނުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު ސީލް ކުންފުނިން އެކަމަށް އިންކާރު ކުރެ އެވެ.

ސީލްގެ ވަކީލަކު މިއަދު ވިދާޅުވީ ބިދޭސީން އެ ރަށުގައި ތިބުމާއި ކަރަންޓާއި ފެނަށް އެ ކުންފުނިން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުމާއި ހަމަނުޖެހުމުގައި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ބިދޭސީން އެރަށުން ބާލަން ރިޒް ކުންފުނީގައި އެދިފައިވާނެ ކަމަށެވެ. އަދި ގުޅީފަޅުގައި ބިދޭސީން ބައިތިއްބަން ރިޒް އަށް ތަނެއް ހަމަޖެހުނު ކަމުގެ މައުލޫމާތު ލިބުމުން ބޮޑުފިނޮޅުން އެ ބިދޭސީން ބޭލުމަށްޓަކައި ދޯންޏެއް ސީލް ކުންފުނިން ހަމަޖައްސައިދިން ކަމަށާއި އެކަމަކު އެއީ ރިޒްގެ މުވައްޒަފުންކަން އެނގޭނެ ލިޔުން ހޯދަން ފުލުހުންގެ ކިބައިން ރިޒްކުންފުނިން އެދުމުން ބިދޭސީން ބޭލުން ކުރިއަށް ނުގެންދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން އަޅުގަނޑުމެންނަށް މައުލޫމާތު ދިނީ އެގޮތަށް. އަޅުގަނޑުމެން ބެލީ މިއަދު ހަތަރެއް ޖަހަން ވާއިރަށް މިކަން އެއްކޮށް ނިންމާލެވޭނެ ކަމަށް. އެކަމަކު ދެން ހިިއެއް ނުވޭ މިއަދު އަދިި މާދަމާ ވެސް މިކަން ކުރިއަށް ގެންދެވޭނެ ކަމަކަށް،" ސީލްގެ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީން ރަށުން ބޭލުން ކުރިއަށް ނުގެންދެވުމުން އެ ރަށުގައި ތިބި ސީލްގެ މުވައްޒަފުންނާއި ވަކީލުން ވެސް މިހާރު ވަނީ އެރަށުން ފައިބައިފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އަނެއްކާވެސް އިތުރު ހަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު އޮތުމެވެ.

އެކަމަކު ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓްގެ ވަކީލަކު ވިދާޅުވީ އެރަށުގައި ތިބި ބިދޭސީންނަކީ ބޮޑު ފިނޮޅު ރިސޯޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ތިބި ބައެއް ކަމަށެވެ. އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް އަދި ހުރިހާ ލިޔުންތަކެއް ހަމައަށް ތިބި ބައެއް ކަމަށާއި އެކަމަކު އެހެން ކުންފުންޏެއްގެ ކޯޓާގައި ތިބި މުވައްޒަފުންތަކަކާ ހަވާލުވުމުގެ ކުރިން އެއީ ކޮން ބައެއްގެ މުވައްޒަފުން ކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި އެކަން ސާފުކުރަން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ރިޒްގެ ވަކީލުން ބުންޏެވެ.

ކޯޓާ ހޯދާފައިވާ ކަމަށް ރިޒް ކުންފުނިން ބުނާ ކުންފުންޏަކީ އެނގިފައިވާ ގޮތުގައި ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓް ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ އަހްމަދު އައިހަމް ކިޔާ މީހަކާއި މަހްފޫޒް އިބްރާހިމް ކިޔާ މީހެކެވެ. އެއީ ބޮޑު ފިނޮޅު ތަރައްގީކުރާ ކުންފުންޏާ ގުޅުމެއް ހުރި ކުންފުންޏެއް ނޫން ކަމަށް އެނގިފައިވެ އެވެ.

"އެ މީހުންގެ ލިޔުންތަކެއް ނެތް ބައެކޭ ބުންޏަސް، އިއްޔެ ވެރިފިކޭޝަން ހަދާފައި ބެލިއިރު ހުރިހާ އެންމެންގެ ލިޔުންތައް ވެސް ހަމަ. އަޅުގަނޑުމެން މި ބުނަނީ ބިދޭސީން އެރަށުން ބާލައިގެން އެހެން ތަނަކަށް ގެންދާއިރު އެ މީހުންގެ އަސްލު ވަޒީފާދިން ފަރާތް އެނގެން ޖެހޭނެއޭ އަޅުގަނޑުމެންނަށް. އެއީ އެ މީހުންނަށް ބޭސްފަރުވާ އާއި ކަމެއް ދިމާވެއްޖިއްޔާ ރިޒްއޭ ޒިންމާވާން މި ޖެހެނީ. އެކަހަލަ ގާނޫނީ ނަތީޖާތަކެއް އޭރުން މި ނިކުންނަނީ،" ލޯ ކްރާފްޓްގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މުސާރައަށްވާ ފައިސާ ދުރާލާ ދިން ކަމަށް ސީލް އިން ބުންޏަސް، ދެ ފަރާތުން އެއްބަސްވެފައިވާނީ ކޮންމެ މަހަކު ވެސް މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައި، އެ މަހަކަށް ޖެހޭ މިންވަރު ވަކިން ދައްކާ ގޮތަށެވެ. އެއީ އެކި ދުވަސްވަރު މަސައްކަތްކުރާ މީހުންގެ އަދަދު ތަފާތުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްބަސްވުމުގެ ދަށުން ރިޒްގެ ދައުރަކީ ސައިޓް މެނޭޖްކުރުން ކަމަށް ވެސް އެ ވަކީލް ވިދާޅުވި އެވެ.

"އެކި ދުވަސްވަރު އެކި މިންވަރަށް މި ކުރަނީ. ބައެއް ފަހަރު 200 މީހުން މަސައްކަތް ކުރާނެ. އަނެއް ބައި ފަހަރު 300 މީހުން ވެސް އެބަހުރި ކޮށްފައި. އެގޮތަށް މަސައްކަތްކުރާ އަދަދުން ކޮންމެ މަހަކު ވެސް މުސާރަ ވަކިން ފޮނުވާ ގޮތަށް ސީލްއާ އެކު އެއްބަސްވެފައި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ރިޒްގެ ވަކީލުން ބުނިގޮތުގައި ބިދޭސީން އެރަށުގައި ތިބުމާއި ކެއިންބުއިމަށް މިހާރުު ވެސް ޚަރަދު ކުރަނީ އެ ކުންފުނިންނެވެ. އަދި ހަމަޖެހުންތަކުގައި ރިޒް ކުންފުނީގެ ވަރަށް ގިނަ ލިޔުންތައް ގެއްލިފައިވާތީ އާއި ބިދޭސީންނަކީ އެހެން ކުންފުންޏަކުން ގެނެސްފައި ތިބި ބަޔަކަށް ވާތީ އެ މައުލޫމާތުތައް ސާފުކުރަން ލޭބާ ރިލޭޝަންސް އޮތޯރިޓީގައި ވެސް އިއްޔެ އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.