އެއާޕޯޓްތަކަށް ގެންނަ މުދަލުން ވެސް ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

އައްޑު އާއި ކުޅުދުއްފުށީ ޕޯޓުގެ އިތުރުން ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކަށް ގެންނަ މުދަލުން ވެސް 50 ޕަސެންޓަށް ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މީގެ ތެރޭގައި ދުންފަތާއި އެނަޖީ ޑްރިންކްތައް ވަނީ އިސްތިސްނާކޮށްފަ އެވެ.


އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލަކީ ބައެއް ބާވަތުގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ އަށް ބަދަލު ގެންނަން ހުށަހެޅި ބިލެކެވެ. އެކަމަކު ކޮމެޓީ މަރުހަލާގައި ބިލަށް ބަދަލު ގެނެސް ނިންމީ އައްޑު އާއި ކުޅުދުއްފުށީ ކަނޑުގެ ބަނދަރަށް ގެންނަ މުދަލުން 50 ޕަސެންޓަށް ޑިއުޓީ ކުޑަކުރުމަށެވެ. އެގޮތަށް ހެދުމުން ދުންފަތާއި އެނަޖީ ޑްރިންކްތަކަށް ޑިއުޓީ ލުއި ލިބޭތީ ފަހުން ބައެއް މެމްބަރުން ވަނީ އެ ދެ ބާވަތުން ޑިއުޓީ ލުއި ނުލިބޭ ގޮތް ހަދަން ހުށަހަޅުއްވައިފަ އެވެ.

އިސްލާހުތަކާ އެކު، މަޖިލީހުން މިއަދު ބިލް ފާސްކުރީ އައްޑު އާއި ކުޅުދުއްފުށީ ކަނޑުގެ ބަނދަރުގެ އިތުރުން ސަރަހައްދީ އެއާޕޯޓްތަކަށް ގެންނަ މުދަލުން ވެސް 50 ޕަސެންޓް ޑިއުޓީ ކުޑަ ކުރުމަށެވެ. އެކަމަކު އެ މުދަލެއް ބާލާ ސަރަހައްދުގައި އެ މުދާ ގުދަން ކުރުމަކީ ޑިއުޓީ އަށް ލުއި ދިނުމުގައި ޝަރުތެކެވެ. އެގޮތަށް ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

އެހެން ނަމަވެސް، ދުންފަތުގެ ބާވަތްތަކާއި އެނަޖީ ޑްރިންކްސް އާއި ބަނގުރަލާއި އޫރު މަހުގެ ބާވަތްތަކަށް ޑިއުޓީގެ ލުއި ނުދޭން ވަނީ ފާސްކޮށްފަ އެވެ. އަދި އެނާޖީ ޑްރިންކްސްގެ ބާވަތްތަކުގެ ނަގާ ޑިއުޓީ ބޮޑުކޮށް، ލީޓަރަކުން 60ރ. ނެގުމަށާއި ދުންފަތުން ނަގާ ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީގެ ތެރެއިން ތިން ޕަސެންޓް ޕަބްލިކް ހެލްތު ފަންޑަށް ޖަމާ ކުރަންޖެހޭ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކާރާއި ވޭނާއި ޖިޕް ފަދަ އުޅަނދުތަކުގެ ތެރެއިން އާ އުޅަނދުތަކުގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަ ކުރުމަށާއި އަދި ބޭނުން ކޮށްފައި ހުރި އެފަދަ އުޅަނދުތަކުގެ ޑިއުޓީ 200 ޕަސެންޓްގައި ބޭއްވުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.

ޑިއުޓީ އަށް އިތުރަށް ގެނައި ބަދަލުތަކުގެ ތެރޭގައި ލަގްޒަރީ ކޮސްމެޓިކްސްގެ ބާވަތްތަކުގެ ޑިއުޓީ 20 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަ ކުރުމާއި ސެންޓުގެ ޑިއުޓީ 10 ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ވެހިކަލްތަކުގެ ބެޓެރި ފިޔަވައި އެހެން ބާވަތުގެ ބެޓެރީގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުން ހިމެނެ އެވެ.