އަހަރުތަކެއް ވަންދެން ފޭނުން ކުރިމަތީ ވަރަށް ލޯބިން އުޅުނު ޖޯޑެއްގެ ގޮތުގައި ފާހަގަވި އެމެރިކާގެ އެކްޓަރު ޖޯނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އަދި އެކްޓްރެސް އެމްބާ ހާޑްގެ ކައިވެނި ރޫޅި، އެ ގުޅުމުގެ ބިތުފަންގި ނެގިއިރު ސާފުވީ، މި އުޅެނީ އަދި އަޑި ނޭނގޭ މާ ނުބައި ކަންތައްގަނޑެއް ހިނގައިގެން ކަމެވެ. މީގެ ހަތަރު އަހަރު ކުރިން ޑެޕް ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅިއިރު، ހާޑް ތުހުމަތުކުރީ ޑެޕް އޭނާ އަށް ގެވެށިއަނިޔާކުރި ކަމަށެވެ. ކޯޓުން ބޭރުން މި މައްސަލަ ނިންމައި، އެ މީހުން ވަރިވީ 2017 ގަ އެވެ. އެކަމަކު އޭގެ އަހަރެއްހާ ދުވަސް ފަހުން، ފެންމަތިވީ އެހެން މައްސަލައެކެވެ.
އެކަމަކު އެ ވާހަކައަ ށް ދިއުމުގެ ކުރިން މި ޚަބަރާ ގުޅޭ އެންމެ ފަހުގެ ތަފުސީލުން ފަށާނަމެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ދަ ސަން" އިން 2018 ވަނަ އަހަރު ޝާއިއުކުރި ލިޔުމެއްގައި ޑެޕް އަށް ނިސްބަތްކޮށް، އޭނާ އަކީ "އަނބިމީހާއަށް އަނިޔާކުރާ މީހެއް" ކަމަށް ލިޔުނެވެ. އެހެންވެ، ޑެޕް މިހާރު ވަނީ އެ ނޫސް ހިންގާ ކުންފުނި "ނިއުސް ގްރޫޕް ނިއުސްޕޭޕާ" އާ ދެކޮޅަށް ދައުވާކޮށްފަ އެވެ. މި މައްސަލާގައި "ސަން" ގެ ހެކިވެރިޔަކީ، ޑެޕްގެ ކުރީގެ އަންހެނުން ހާޑް އެވެ. ހާޑް ވަނީ ޑެޕްއާ ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު، އޭނާ އަށް ޑެޕް ގެވެށިއަނިޔާކުރި ކަމުގެ ތުހުމަތުކޮށްފަ އެވެ.
"ދަ ސަން" އާ ދެކޮޅަށް ޑެޕް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނީ ޑެޕާއި ހާޑްގެ ވަރިއަށް ފަހު، އެ ދެމީހުން އެކަކު އަނެކަކަށް، އަނެކާގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ ތުހުމަތުތައް ތަކުރާރުކޮށް ކޮށްފައި ވަނިކޮށެވެ.
ދެމީހުން ފުރަތަމަ ދިމާވީ 2009 ގައި
ޑެޕާއި ހާޑް ފުރަތަމަ ފަހަރަށް ދިމާވީ އެ ދެތަރިން އެކުގައި ކުޅުނު، 2011 ގައި ރިލީޒްކުރި ފިލްމު "ދި ރަމް ޑައިރީ" ގެ ސެޓުންނެވެ. އެ ފިލްމުގެ މަސައްކަތްތައް ފެށީ 2009 ގަ އެވެ. ޑެޕް ނޫސްވެރިއެއްގެ ރޯލު ކުޅުނު މި ފިލްމުގައި ހާޑް އަކީ އޭނާ ހިތްކިޔާ މަޝްހޫރު ވިޔަފާރިވެރިއެއްގެ އަންހެނުންނެވެ.
ވަރިވާން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ހާޑް ބުނެފައިިވާ ގޮތުން އެ ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2011 ގެ ފަހުކޮޅު ނުވަތަ 2012 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. ޑެޕް ގިނަ ދުވަސްތަކެއް ވަންދެން (14 އަހަރު ވަންދެން) ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބައިވެރިޔާ ވެނީސާ ޕެރެޑިސްއާ ވަކިވީ ވެސް 2012 ވަނަ އަހަރު އެވެ. ޑެޕްގެ ދެ ކުދިންނަކީ ވެސް، އޭނާގެ ކުދިންނެވެ. ހާޑް ވެސް އޭރު އޭނާ ގުޅިގެން އުޅުނު ބައިވެރިޔާ ދޫކޮށްލީ ހަމަ އެހާކަށްހާ ހިސާބުގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ހާޑްގެ އަތުގައި އޮތް އަނގޮޓިއެއް އޮންނަތަން ފެންނަ ފޮޓޯއާ އެކު އެ ދެތަރިން އެންގޭޖުވި ކަމަށް 2014 ވަނަ އަހަރު ޕީޕަލް މެގަޒިން އިން ރިޕޯޓްކުރި އެވެ. އަދި ޑެއިލީ މެއިލް އަށް ދިން އިންޓަވިއުއެއްގައި ޑެޕް ވަނީ އެ ޚަބަރު ކަށަވަރު ވެސް ކޮށްދީފަ އެވެ.
އޭގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އެ ދެތަރިން ކައިވެނިކުރި އެވެ. އެއީ ލޮން އެންޖަލަސްގައި ހުރި އެމީހުންގެ ގޭގައި އާއިލާއާ އެކު ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.
މާ ގިނަ ދުވަސްތަކެއް ނުވެ ވަރިވި
ކައިވެންޏަށް އަހަރެއް ވާން ކައިރިވިތަނާއި ޑެޕް ގާތުން ވަރިވުމަށް ހާޑް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އަދި ޑެޕްއާ ދެކޮޅަށް ރެސްޓްރެއިނިން އޯޑަރެއް ނެރެ ދިނުމަށް ވެސް ކޯޓުގައި އެދުނެވެ. ހާޑް ތުހުމަތުކުރީ އެމީހުން އެކުގައި އުޅުނު ދުވަސްވަރު ޑެޕް އޭނާއަށް ޖިސްމާނީ އަނިޔާކުރާ ކަމަށާއި އަދި އޭނާ އެކަންކޮށްފައި ވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށެވެ. އަދި އޭނާ ވަރިވާން ހުށަހެޅިތާ ކައިރީގައި ޑެޕް އޭނާގެ މޫނު މަތީގައި ފޯނުން ޖެހި ކަމަށާއި އަދި އޭގެ ސަބަބުން އޭނާގެ މޫނުގައި ލައްގަނޑެއް ލާފައިވާ ކަމަށެވެ. އެކަމަކު ފުލުހުން ވަނީ މިކަން ދޮގުކޮށްފަ އެވެ.
ޑެޕް ވަނީ މި ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. އަދި ހާޑް މި ހުރިހާ ސަކަރާތެއް އެ ޖަހަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ޑެޕް ތުހުމަތުކުރެ އެވެ.
ވަރީގެ މައްސަލައާ އެކު ހުށަހެޅި، ގެވެށި އަނިޔާކުރާ ކަމަށް ތުހުމަތުކޮށް ނެރެދިނުމަށް އެދުނު ރެސްޓްރެއިނިން އޯޑަރު، ހާޑް ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ. އަދި ސްޕައުސަލް ސަޕޯޓްގެ ގޮތުގައި ޑެޕްގެ ފަރާތުން ކޮންމެ މަހަކު 50،000 ޑޮލަރު ހޯދަން އެދި ހުށަހެޅި މައްސަލަ ވެސް އަނބުރާ ގެންދިޔަ އެވެ. އަދި ދެމީހުން އެކީގައި ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި އެކަކު އަނެކަކަށް ކުރި ތުހުމަތުތަކީ ދޮގެއް ކަމަށާއި އޭގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ބުންޏެވެ.
ވަރީގެ ބަދަލުގެ ގޮތުގައި ހާޑް އަށް ވަނީ 7 މިލިއަން ޑޮލަރު ލިބިފަ އެވެ. ޕީޕަލް މެގަޒިން އިން ރިޕޯޓްކުރި ގޮތުގައި ހާޑް ވަނީ މި ފައިސާ އެއްކޮށް ޗެރިޓީއަށް ދީފަ އެވެ.
ވަރީގެ ހުރިހާ ކަމެއް ނިމުނީ 2017 ގަ އެވެ.
އަނެއްކާ ވެސް އަނިޔާކުރި ތުހުމަތު
ވަރިއަށް އެއް އަހަރު ވާން ކައިރިވެފައި ވަނިކޮށް، "ވޮޝިންޓަން ޕޯސްޓް" އަށް ހާޑް ލިޔުނު އޯޕް-އެޑެއްގައި ހާޑް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް އޭނާވި ކަމަށް ބުނެފަ އެވެ. އެކަމަކު ވަކި މީހެއްގެ ނަމެއް ފާހަގައެއް ނުކުރެ އެވެ. އެ ލިޔުމުގައި އޭނާ ދެއްކީ އަންހެނުންނަށް ކުރިމަތިވާ ތަފާތު ގެވެށި އަނިޔާގެ މައްސަލަތަކުގެ ވާހަކަތަކެވެ.
ޖެހިގެން އައި އަހަރު ޑެޕް ވަނީ "ވޮޝިންގްޓަން ޕޯސްޓް" ޝާއިއުކުރި މި ލިޔުމާ ދެކޮޅަށް ވެސް ދައުވާކުރުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭނާ އުފުލީ އަބުރުގެ ދައުވާ އެވެ. ބަދަލުގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށެވެ.
މި މައްސަލަގަނޑު އަދި އިތުރަށް ކެކިގަތީ މި އަހަރު ކުރީކޮޅު، ލީކުވި ޑެޕް އާއި ހާޑްގެ ފޯނު ކޯލުތަކަކުންނެވެ. އެ ފޯން ކޯލްގައި ހާޑް ވަނީ ޑެޕްގެ ގައިގައި ޖެހި ކަމަށް އެއްބަސްވެފަ އެވެ. އަދި ހާޑްގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދާ އަނިޔާއަށް ކެތްނުވާ ކަމަށް ވެސް ޑެޕް ބުނެ އެވެ. މިއާ އެކު މި މައްސަލަގަނޑު އެއްކޮށް، އަނެއް އަތަށް އެނބުރި ގަތެވެ.
ކޯޓު ކޭސް ކުރިއަށް
"ދަ ސަން" އިން 2018 ވަނަ އަހަރު ޑެޕް އަށް ނިސްބަތްކޮށް، އޭނާ އަކީ "އަނބިމީހާއަށް އަނިޔާކުރާ މީހެއް" ކަމަށް ލިޔުނު މައްސަލާގައި، އެ ނޫސް ހިނގާ ކުންފުނި "ނިއުސް ގްރޫޕް ނިއުސްޕޭޕާ" އާ ދެކޮޅަށް ދައުވާކުރަން ކޯޓަށް މައްސަލައިގެ އަޑުއެހުންތައް ފެށީ މި މަހު އެވެ. ޑެޕް ދައުވާ ކުރަނީ އެ ކުންފުނީގެ އިތުރުން "ސަން" ގެ އެގްޒެކެޓީވް އެޑިޓަރު ޑެން ވުޓްޓޮންއާ ދެކޮޅަށެވެ.
ޑެޕްގެ ދިފާއުގައި އޭނާގެ ކުރީގެ ލޯބިވެރިން ކަމަށްވާ ވެނީސާ ޕެރެޑިސް އާއި ވިނޯނާ ރައިޑާ ވަނީ ހެކި ބަސް ދޭން ނިންމައިފަ އެވެ. ޑެޕްގެ ފަރާތުން ދުވަހަކު ވެސް އަނިޔާ ލިބިފައި ނުވާ ކަމަށް އެ ދެމީހުން ބުނެ އެވެ.
މި މަހު އަޑުއެހުންތައް ފެށި މި މައްސަލަ ތިން ހަފުތާއަށް ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. ހާޑްއާ ދެކޮޅަށް ޑެޕް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޑެޕްގެ އެނދަށް ހާޑް ގަސްތުގައި ބޮޑުކަމު ދިއުމާއި ޑެޕްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުކުރި އެވެ. މި ތުހުމަތުތަކަށް ހާޑް އިންކާރުކުރެ އެވެ. އަދި ޑެޕް ވަނީ ކައިވެނިކޮށްގެން އުޅުނުއިރު، އީލޯން މަސްކް އަދި ޖޭމްސް ފްރެންކްއާ އެކު ހާޑް ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. މި ތުހުމަތުތަކަށް ވެސް އޭނާ އިންކާރުކުރެ އެވެ.
މި މައްސަލަގަނޑާ އެކު ދެ ތަރިންގެ ފިލްމީ ކެރިއަރު ވަނީ ގަޑުބަޑު ވެފަ އެވެ. ލިބުނު ބައެއް ފިލްމުތައް ވެސް ވަނީ އަތުލައިފަ އެވެ.