އިތުރު ޑޭޓާ އާއި ސްޕީޑާ އެކު، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކަށް އެ ކުންފުނިން ހެޔޮ ބަދަލެއް ގެނައުމުން، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު އެކަމަށް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ދިރާގުން ގެނައި ހެޔޮ ބަދަލުތަކާ ގުޅޭގޮތުން މަލީހް، "މިހާރު" އަށް ދެއްވި ކުރު އިންޓަވިއުގައި ވިދާޅުވީ، އެއީ އެކަށީގެންވާ ލުއިތަކެއް ކަމަށާއި އެކަމަށް ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.
"ކޮވިޑް-19އާ ގުޅިގެން ރައްޔިތުން މާލީ ދަތިކަމެއްގައި އުޅޭ މި ދުވަސްވަރު މި ލިބުނު ލުޔާއެކު އެކަށީގެންވާ ތަސައްލީއެއް ލިބޭނެ ކަމަށް އަޅުގަނޑު ދެކެން. މިއީ ގޭގައި ތިބެ، ކިޔެވުން ފަދަ ކަންކަން ކުރާ ދަރިވަރުންނަށް ވެސް ލިބޭނެ ބޮޑު ލުޔަކަށް ވާނެ،" މަލީހް ވިދާޅުވި އެވެ.
މިއީ ދިރާގުން އަމިއްލަ އިސްނެގުމަށް ގެނައި ބަދަލެއް ކަމަށާއި އާ އަގުތައް ކަނޑައެޅީ ސަރުކާރުން ނޫން ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.
އިންޓަނެޓުގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި ރައީސް އޮފީހަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފޮނުވައިފަ އެވެ.
މަލީހް ކުރިން ވިދާޅުވެފައި ވަނީ އިންޓަނެޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި ޖޫން 19، 2019 ގައި ގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނަށް އެ ނިންމުންތައް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ، ދެން ކުރަން ޖެހޭ އަމަލީ މަސައްކަތްތައް މިނިސްޓްރީން ކުރާނީ ރައީސް އޮފީހުން އެކަމަށް އިރުޝާދު ދިނުމުން ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ. އޭގެ ފަހުން މިކަމާ ގުޅޭ އެއްވެސް ޚަބަރެއް ނެތެވެ.
އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް އެކަމަށް އަމަލީ ސިފައެއް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރެވެ.
ދިރާގުން މިއަދު ގެނައި އާ ބަދަލުތަކާއެކު ހޯމް ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތަކަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިތުރު ޚަރަދަކާ ނުލައި، އިތުރު ޑޭޓާ އާއި ސްޕީޑް ލިބޭނެ އެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާ އެކު، ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި އަވަސް ސްޕީޑު ވެސް ލިބޭނެ އެވެ. މި ބަދަލާ އެކު، ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހު ފީން 21-40 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ އެވެ.