ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މަނާކޮށްފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި ރޭގަނޑުގެ އެ ގަޑީގައި ބޭރަށް ނުކުމެ އުޅުން މަނާކުރަން ސަރުކާރުން ނިންމީ އެކަކު އަނެކަކާ ބައްދަލުވާ މިންވަރު މަދުކުރަން ކަަމަށެވެ.

ރޭގަނޑު 10 ން ފަތިހު 5 އަށް ކާފިއު ހިންގާއިރު، އެ ގަޑީގައި އުޅަނދުފަހަރު ދުއްވުން ވެސް މަނާވާނެ ކަމަށް ސާމިޔާ ވިދާޅުވި އެވެ. ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުގައި ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ވެސް އޭނާ ވިދާޅުވި ގޮތުގައި ނުދެވޭނެ އެވެ.

"[ރޭގަނޑު] 10 އަކުން ބަންދުކުރާތީވެ، މިއަށް ތައްޔާރުވުުމުގެ ގޮތުން، ހުރިހާ ވިޔަފާރިތަކެއް 9:30 އިން ފެށިގެން ބަންދުކުރެވޭނެ،" ސާމިޔާ ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ސާމިޔާ ވާހަކަ ދައްކަވަނީ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތުގެ އިތުރުން އެެހެން ގަޑިތަކުގައި ވެސް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ސާމިޔާ ވިދާޅުވާ ގޮތުގައި ބަލި ފެތުރުން އިތުރުވާ ސަބަބަކީ ބައްދަލުވާ މީހުންގެ އަދަދު ގިނަވުން ނުވަތަ "ކޮންޓެކްޓް ބަބުލް" ބޮޑުވުން ކަމަށް ވާތީ އެވެ.

ފުލުހުންގެ ފަރާތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 9:30 ގައި ވިޔަފާރިތައް ބަންދުވުމުން، އެންމެން ވެސް ދާން ޖެހޭ ތަންތަނަށް އަވަހަށް ދާން އެދޭ ކަމަށާއި ބޭރަށް ނުކުމެ އުޅުން މަނާ ގަޑީގައި އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށެވެ. މިރެއިން ފެށިގެން ފުލުހުން އެ ކަންތައް ބަލަން ފަށާނެ ކަމަށާއި މިފަހަރު އުޅނދުތަކަށް ހުއްދަ ވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން ހާއްސަކޮށް، ޓެކްސީ ސެންޓަރުތަކުގައި ދުއްވާ ކިތައް ޓެކްސީއަށްތޯ ހުއްދަ ދޭނީ މަޝްވަރާ ކޮށްފައި އެކަމަށް ގޮތްތަކެއް ނިންމާނަން. އެހެން ނަމަވެސް އަޅުގަނޑުމެން މި ފަހަރު އެއްވެސް ފަރާތަކަށް، ޔޫޓިލިޓީ ނޫނީ އެހެން ހިދުމަތެއް ކުރާކަށް އެއްވެސް ހުއްދައެއް ނުދޭނަން،" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި މާލެ ސިޓީ ޕޮލިސްގެ އިސްވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވާހަކަ ދައްކަވަނީ.

ކާފިއު ގަޑީގައި މާލެ ސަރަހައްދުގައި ދުއްވޭނީ އެޗްއީއޯސީ އާއި ސަލާމަތީބާރުތަކުގެ ވެހިކަލްތަކާއި އެމްބިއުލާންސްތަކަށެވެ. އެކަމަކު އެ ގަޑީގައި ވެސް ތަންތަނަށް ޑިއުޓީ އަށް ދާން ޖެހޭ މީީހުންނަށް އެ މީހުން މަސަައްކަތްކުރާ ތަންތަނުގެ ފާސް ނުފަތަ ޔުނިފޯމާ އެކު ދެވޭނެ އެވެ.

މިއަދު އިއުލާނުކުރި އެހެން އުސޫލުތަކުގެ ތެރޭގައި އޮފީސްތައް ހުޅުވި ނަމަވެސްް އެ ތަންތަނަށް ދާ މީހުންގެ އަދަދު 50 ޕަސެންޓަށް މަދުކުރުމާއި ރަށްރަށުން މާލެ އަށް ދަތުރުކުރާ އުޅަނދުފަހަރުން މީހުން ފައިބާނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ފުލުހުން އެކަން ވެސް ބެލެހެއްޓުން ހިމެނެ އެވެ. އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި މާލެ އިން އެހެން ރަށްރަށަށް ފަސް ދުވަހަށް ދަތުރުކުރެވޭ ގޮތަށް ހެދި އުސޫލު ވެސް މިއަދުން ފެށިގެން ވަނީ އުވާލައިފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން އާ ފިޔަވަޅުތަކެއް އެޅީ އެބަލި ފެތުރޭ މިންވަރު މިހަފުތާގައި ކުއްލިއަކަށް އިތުރުވުމުންނެވެ. އެގޮތުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ އާ ކޭސްްތައް ވަނީ ފެނިފަ އެވެ. ޚާއްސަކޮށް ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ވަނީ އިތުރުވެފަ އެވެ.