ގްރީން ސްޓްރީޓަށް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމަކީ ކޯޗިން ކެރިއަރުގެ ފެށުމެއް ކަމަށާއި މުސްތަގުބަލާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

ސޮބާ ވަނީ މިދިޔަ ސީޒަނުގެ އަށް މަސް ދުވަހު ނިއު އަށް ކޯޗުކޮށްދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސޮބާ ވަނީ އޭއެފްސީ ކަޕްގެ މުހިއްމު މެޗުތަކާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު އަށް އިރުޝާދުދީފަ އެވެ. ސޮބާ ނިއުގެ ކޯޗުކަމުން ވަކިކުރީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފައިނަލުން މާޒިޔާ އަތުން ބަލިވުމުންނެވެ. ކޯޗިން ކެރިއަރު އަލުން ފަށައި ސޮބާ ވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ގްރީން ސްޓްރީޓަށް ކާމިޔާބު ކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ.

"މިދިޔަ އަހަރު ނިއުއާ އެކު ކުރި މަސައްކަތަކީ ވެސް އަޅުގަނޑަށް ކާމިޔާބެއް. ގްރީން ސްޓްރީޓާ އެކު މި ހޯދި ކާމިޔާބީއާ އެކު އަޅުގަނޑުގެ ކޯޗިން ކެރިއަރު މި ފެށުނީ. އަޅުގަނޑަށް އެންމެ ފުރަތަމަ އިރުޝާދުދިން ވިކްޓަރީ ސްޕޯޓްސް ކްލަބްގެ މާއްޓޭ ކޯޗާއި ސުޒޭން ކޯޗު އަދި ޔޫތު ލެވެލްގައި ވެސް އެހީވެދިން ސާންތީ އާއި މޯހަން ކޯޗަށް ވެސް ޝުކުރު އަދާކުރަން. އަދި އެންމެ ހާއްސަކޮށް އާއިލާ އިން ދިން ހިތްވަރު ފާހަގަކުރަން،" ސޮބާ ބުންޏެވެ.

"ކުޅުންތެރިޔެއްގެ ގޮތުގައި ހުރިހާ ކާމިޔާބީއެއް ލިބިއްޖެ. އެންމެ ބޮޑަށް ބޭނުންވަނީ އެކަން ކޯޗެއްގެ ގޮތުގައި ވެސް ހާސިލްކުރަން."

ސޮބާ ބުނީ ގްރީން ސްޓްރީޓާ އެކު އޭނާ ކަނޑައެޅި ޓާގެޓް ހާސިލްވީ މެނޭޖްމަންޓާއި ކުޅުންތެރިން ދިން ހިތްވަރުން ކަމަށެވެ.

"ހަވާލުވި ގޮތަށް ފުރަތަމަ ވެސް މަސައްކަތް ފެށީ މި ޓީމު ފުރަތަމަ ޑިވިޝަނަށް ގެންނަން. މި ޓީމުގައި އެބަތިބި ފުރަތަމަ ޑިވިޝަންގައި ކުޅުނު ގިނަ ކުޅުންތެރިން. އަޅުގަނޑަކީ ފުރަތަމަ ޑިވިޝަންގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައި މެނޭޖްމަންޓްގައި ވެސް ތަޖުރިބާ ކޮށްފައި ހުރި މީހެއް. މެނޭޖްމަންޓަށް ޝުކުރު އަދާކުރަން. ފުރަތަމަ ޓާގެޓް ހާސިލްކުރެވުނީ،" ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓް ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ސޮބާ (މ) އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގްރީން ސްޓްރީޓް ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ސޮބާ (މ) އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ އަންނަ ސީޒަނުގައި ގްރީން ސްޓްރީޓްގެ ކޯޗެއްގެ ގޮތުގައި ހުރުމާ މެދު އެ ޓީމުގެ މެނޭޖްމަންޓާ އެކު މަޝްވަރާކުރާނެ ކަމަށާއި ފުރަތަމަ ޑިވިޝަނަށް މި ޓީމު އިތުރަށް ވަރުގަދަ ކުރަން ޖެހޭނެ ކަމަށެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ފުރަތަމަ ޑިވިޝަނަށް އައި ޓީމުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ޓީސީ ވަނީ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. މި ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ލީގުގައި ފުރަތަމަ ފަހަރަށް ވާދަކޮށް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފަ އެވެ.

"މިހާރު އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާ މި ކްލަބްތައް މެނޭޖް ނުކުރެވިގެން އުޅޭތަން. އަޅުގަނޑުމެންނަށް ފެނިއްޖެ މާޒިޔާ މިދިޔަ އަހަރުތަކުން ފެށިގެން ހަރުދަނާ މެނޭޖްމަންޓަކާ އެކު އަރައިގެން އައިތަން. މިހާރު ޓީސީ ދެން ޔުނައިޓެޑް ވިކްޓަރީ ވެސް މި ފެންނަނީ އެގޮތަށް. މިއީ މެނޭޖްމަންޓް ރަނގަޅު ޓީމުތައް. ރަނގަޅަށް މެނޭޖްކޮށްގެން ކުރިއެރުމެއް އޮތީ. އެއްގޮތަކަށް ވެސް މިއީ ބޮޑެތި ޓީމުތަކަށް ބުނެވޭ ދެރަ ބަހެއް ނޫން،" ސޮބާ ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ސޮބާ ހޯދި ފުރަތަމަ ކާމިޔާބީއާ ގުޅިގެން ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ވަނީ އޭނާ އަށް މަރުހަބާ ކިޔައިފަ އެވެ. ވިކްޓަރީގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ބުނީ ކާމިޔާބު ކޯޗަކަށް ވުމުގެ ގާބިލުކަން ސޮބާގެ އެބަހުރި ކަަމަށެވެ.