މޯލްޑިވިއަނުން ބަންގްލާދޭޝްގެ 5،000 އަށް ވުރެ ގިނަ މީހުން ގެންގޮސްފި

ރާއްޖޭގައި އުޅޭ ބަންގްލާދޭޝް މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން، ކޮވިޑް-19 ފެތުރެން ފެށި ފަހުން މޯލްޑިވިއަނުން ބަންގްލާދޭޝް އަށް ގެންގޮސްފައިވާ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.


ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، އެ އެއާލައިން އިން ބަންގްލަދޭޝްއަށް 30 ރިޕަޓްރިއޭޝަން ފްލައިޓު މިހާތަނަށް ބާއްވާފައިވާ ކަމަށެވެ. އެ ދަތުރުތަކުގައި ބަންގްލާދޭޝްގެ 5،733 މީހަކު ގެންގޮސްފައިވާ ކަމަށް ޓްވީޓްގައިވެ އެވެ.

މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކުރުމުން ވަރަށް ގިނަ ބިދޭސީންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރި އެވެ. ވަޒީފާ ގެއްލި ހާލުގައި ޖެހުމުން އެނބުރި ގައުމަށް ދާން ބޭނުންވި ބިދޭސީން ގިނަ އެވެ.

ރާއްޖޭގައި މިހާތަނަށް 5،785 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 2،019 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މި ބަލި ޖެހުނު 22 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި ބަންގްލަދޭޝް ހަ މީހުން ހިމެނެ އެވެ.