ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖާބިރު ހުށަހަޅުއްވަނީ

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އަންނަަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިރޭ ވިދާޅުވެއްޖެ އެވެ.


ޖާބިރު "މިހާރު" އަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރަން ޖެހޭ ލިޔެކިއުންތަކުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަަމަށާއި ހޯމަ ދުވަހު ހެނދުނު އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެދިވަޑައިގަންނަވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރިޔާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮ ގޮތުގައި ނުހިންގޭކަން ކަށަވަރު ވުމެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކީ ރައީސާއި ވަޒީރުން ޒިންމާދާރު ކުރުމުގެ ފުރުސަތު އެ ނިޒާމުގައި ހަނިކަމުން ކަަމަށް ޖާބިރު ވިދާޅުވި އެވެ.

"މި ނިޒާމުގައި ރައީސް އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމެއް ނުހިނގާ. ގައުމު މި އޮތީ ބަނޑަށް ޖެހިފައި،" ޖާބިރު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމުގެ ފައިދާތަކުގެ ގޮތުގައި ޖާބިރު ދެ ކަމެއް ދެއްކެވި އެވެ. އެއީ ސަރުކާރުގެ އެންމެ އިސްވެެރިޔާ (ބޮޑުވަޒީރު) އަދި އެހެން ވަޒީރުން ވެސް ވަޑައިގެން ރައްޔިތުންގެ މަންދޫބުންގެ ތެރޭގައި އަތުޖެހޭ ހިސާބުގައި ތިއްބެވުމެވެ. ދެވަނަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާނެތީ އެ ބޭފުޅުން ވެސް ޒިންމާދާރުވާނެ ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު އަބަދުވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށް

"ބަރުލަމާނީ ނިޒާމަކީ ވަރަށް ކާމިޔާބު ނިޒާމެއް. ސީޝެލްސް، މޮރިޝަސް އަދި ބޮޑެތި ގައުމުތަކަށް ބަލަންޏާ ޔޫކޭ، ޖާމަނީ، އިޓަލީ މިހެން ގޮސް ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމެއްގައި އެ ނިޒާމު އެ ގެންދަނީ ކާމިޔާބު ކަމާ އެކު ހިންގަމުން،" ޖާބިރު ވިދާޅުވި އެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމު އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަމަށް ވިދާޅުވެ، ޖާބިރު މިސާލު ޖެއްސެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު ގޮތެވެ. އޭނާ ވިދާޅުވީ އެއީ ރާއްޖޭގައި ބަރުލަމާނީ ސިފަތައް ގިނަވެފައި ނަޝީދަށް އޭރު މަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައި ނުގަތުމުން ކަންހިނގި ގޮތް ކަމަށެވެ.

"ކިރިޔާ ވެސް މި ނިޒާމުގައި ރަނގަޅަށް ހިންގެވުނު ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން. އެ މަނިކުފާނު ވެސް ހިންގެވީ މަޖިލިސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރައްވައި، އެކި އެކި ކަންތައްތައް ކުރައްވައިގެން. އެހެންވީމާ މި ނިޒާމު ރާއްްޖޭގައި މާބޮޑަށް ވެސް ފެއިލް ވެއްޖެ،" ޖާބިރު ވިދާޅުވި އެވެ.

ކިރިޔާވެސް މި ނިޒާމުގައި ރަނގަޅަށް ހިންގެވުނު ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން. އެ މަނިކުފާނު ވެސް ހިންގެވީ މަޖިލިސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރައްވައި އެކި އެކި ކަންތައްތައް ކުރައްވައިގެން. އެހެންވީމާ މި ނިޒާމު ރާއްްޖޭގައި މާބޮޑަށް ވެސް ފެއިލް ވެއްޖެ--- ޖާބިރު

ޖާބިރު ވިދާޅުވި ގޮތުގައި، ވެރިކަމުގެ ނިޒާމަށް ބަަދަލު ގެންނަން އޭނާ ހުށަހަޅުއްވަަނީ މަޖިލީހުގެ އެހެން މެމްބަރުންނާ ވެސް ވާހަކަ ދައްކަވައި ލޮބީ ކުރެއްވުމަށް ފަހު އެވެ. އެ މެމްބަރުންގެ ތާއީދު މިކަމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީތޯ ނުވަތަ މަޖިލީހުން އެކަން ނިންމޭނެތޯ އެއީ ބަހުސެއް ކަމަށާއި އެކަންް ނިިންމަވާނީ ގާނޫނީ މާހިރުންނާއި މަޖިލީހުން ކަަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ހުރިހާ މެމްބަރުން ވެސް މިކަމަށް ތާއީދު ކުރައްވާނެކަން. އަނެއްކާ ރިފަރެންޑަމް ބާއްވައިފިއްޔާ ރައްްޔިތުންގެ 90 ޕަސެންޓް ވޯޓު މިކަމަށް ލިބޭނޭ އަޅުގަނޑު ދަންނަވާނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން ވަރަށް ކުރިއްސުރެ ތާއީދު ކުރި ކަމެކެވެ. އެކަމަކު ފަހުން އެކަމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ އެމްޑީގެ ރައީސް އަދި މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ދިމާކޮށް ވިޝާމް އެންޑް ކޯ ނަމަަކަށް ކިޔާ ލޯފާމަކުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އަށް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް ނެތް ކަމަށާއި ނަމަވެސް ވެރިކަން ކުރަން ހަމަ އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ގާނޫނުއަސާސީ ބިނާވެފައި އޮތީ ވެސް އެ ނިޒާމަށް ފަހިވާ ގޮތަށް ކަމަށް މި މަހުގެ ހަތެއްގައި ދެއްވި އެ އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި. އެންމެ ފަހު ވަަގުތު ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓް އޭރު އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނޭ. މި ގާނޫނުއަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި އަަޅުގަނޑަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް ދިމާވީ،" އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރައްވާ ރައީސްކަމަށް ވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.

ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފަހުން ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނުމަށް ވުރެ މުހިއްމު ކަންތައްތައް އެބަހުރި ކަމަށެވެ.

އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތު ކުރެ އެވެ.