ވެރިކަން ހިންގަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވަނީ ސިޔާސީ ގޮތުން އެއްވެސް ކަހަލަ އަރައިރުމެއް އޮވެގެން ނޫން ކަމަށާއި އަދި އެއީ ވަރަށް ފޫހި، އާދައިގެ ވާހަކައެއް ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ދިމާކޮށް ލޯފާމެއް ކަމަށްވާ ވިޝާމް އެންޑް ކޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ބައެއްގެ ގޮތުގައި ގެނެސްދިން އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ މި ގާނޫނު އަސާސީ ބައްޓަން ވެފައި އޮތީ ބަރުލަމާނީ ނިޒާމަކަށް ފަހިވާ ގޮތަށް ކަމަށެވެ. ނަމަވެސް އެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު އެކަން ހެޑްލައިނަކަށް ނޫސްވެރިން ނުހަދަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"ބައެއް ފަހަރަށް ބައެއް ނޫސްވެރިންނަށް މި ހީވަނީ އެއީ ޕޮލިޓިކަލް ކޮންފްލިކްޓެއްގެ ޕިޗެކޭ. ނޫން، ވަރަށް ފޫހި އާދައިގެ ވާހަކައެއް އެއީ އަބަދުވެސް އަޅުގަނޑު ދައްކާ،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަން ހިންގުމުގެ ނިޒާމާ ބެހޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ގާނޫނު އަސާސީއަށް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް އޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ކުރުމުންނެވެ. އެ ސުވާލުގެ ޖަވާބުގައި ވިދާޅުވީ ގާނޫނު އަސާސީއަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއަށް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް ނެތް ކަމަށާއި ނަމަވެސް ވެރިކަމުގެ ނިޒާމަކަށް އެންމެ ރަނގަޅީ ޕާލަމެންޓްރީ ނިޒާމު ކަމަށް ވިދާޅުވި އެވެ.
"މިގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި. އެންމެ ފަހު ވަަގުތު ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓް އޭރުގައި އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނޭ. މި ގާނޫނު އަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި އަަޅުގަނޑަށް ލިބުނީމާ ދިމާވި ހުރިހާ ދައްޗެއް ދިމާވީ،" އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކުރައްވާ ރައީސްކަމަށް ވަޑައިގެންނެވި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ދިމާވީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް މިހާރުގެ ގާނޫނުއަސާސީ ފައްކާވެފައިވާ ނުވާތީ އެވެ.