ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ

މާދަމާ ރެއިން ފެށިގެން ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށްފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑް- 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ، ރޭގަނޑު 8 އިން ފެށިގެން އުޅަނދުތައް ދުއްވުން މަނާ ނަމަވެސް މީހުން ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 10 އިން ފަތިހު 5 އަށް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ރޭގަނޑު 8 އިން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ އެވެ. ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކުރާނެ ކަމަށް ވެސް ބުންޏެވެ. އެ ވެހިކަލެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށް ވެސް ބުންޏެވެ.

ޖުލައި މަހުގެ 1 ން ފެށިގެން ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، މާލެ ސަރަހައްދުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރޭގައި މާސްކް އަޅައިގެން އުޅުން ވަނީ ޖުލައި 30 ވަނަ ދުވަހުން ފެށިގެން މަޖްބޫރުކޮށްފަ އެވެ. އަދި މާސްކް ނާޅައި އުޅޭ ފަރާތްތައް 1،000ރ. އިން ޖޫރިމަނާކުރަން ފެށި އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު 5 އާ ހަމައަށް ބޭރުގައި އުޅުން ވަނީ މި މަހު 4 ވަނަ ދުވަހުން ފެށިގެން މަނާކޮށްފަ އެވެ. ރޭގަނޑު 10 އިން ފެށިގެން ކާފިއު ހިންގާތީ ވިޔަފާރިތައް ވެސް 9:30 ގައި ބަންދުކުރަން ޖެހެ އެވެ. މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތުގެ އިތުރުން އެެހެން ގަޑިތަކުގައި ވެސް ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ރާއްޖެ އިން މިދިޔަ މާޗް 7 ގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް އެ ބަލި ވަނީ 6،660 މީހަކަށް ޖެހިފަ އެވެ. ބަލީގައި ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭން 4،113 މީހުން ރަނގަޅުވި އިރު އެކްޓިވް ކޭސްގެ އަދަދަކީ 2،521 އެވެ.