ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އިދިކޮޅުގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގެންފި

ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، އިދިކޮޅު ކޯލިޝަންގެ ލޯޔަރުންގެ ޓީމާ ގުޅިވަޑައިގެންފި އެވެ.


ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލި މިނިވަންކަމާއި އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ވަކިފަރާތަކަށް ނުޖެހި އިންސާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުއީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް ވިދާޅުވެ މި މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވި ޝުޖާއު ވަނީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ފުލުހަށް ހާޒިރުކުރެއްވިއިރު އޭނާގެ ވަކީލަކަށް ވަޑައިގެންފަ އެވެ.

ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ފުލުހަށް ހާޒިރުކުރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ސައިކަލު ބުރު ބޭއްވި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށް 1،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

ޝުޖާއުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ވެސް، އަބްދުއްރަހީމްގެ ލޯޔަރަކަށް ވަޑައިގެންނެވި އެވެ.

އިދިކޮޅު ކޯލިޝަންގައި ގާނޫނީ ވަކީލުންގެ ޑިޕާޓްމަންޓެއް އުފައްދައި އެ ފަރާތުން ވަނީ، ސަރުކާރު ޒިންމާދާރުކުރުމަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމައިފަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވުމާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށެވެ.

އެ ކެމްޕެއިންތަކުގައި ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ނަޖީބުގެ މައްސަލަ ވެސް ޖޭއެސްސީން ބަލައި އޭނާ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމި އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކުރުމުގެ އެއް ދުވަސް ކުރިން ނަޖީބު ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.