ބާސެލޯނާ (ސެޕްޓެމްބަރު 18) - ބާސެލޯނާގެ ކޯޗުކަމުން ރަސްމީކޮށް ކިކޭ ސެޓިއެން ވަކިކޮށްފައިނުވާތީ އާ ކޯޗު ރޮނާލްޑް ކޫމަން އަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ މަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި 8-2 އިން ބަޔާން މިއުނިކް އަތުން ލަދުވެތި ނަތީޖާ އަކުން ބާސެލޯނާ ބަލިވުމާ އެކު ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ސެޓިއެން މަގާމުން ދުރުކުރަން ބާސެލޯނާ އިން ނިންމި އެވެ. އެކަން ސްޕެއިނުގެ ނޫސްތަކުގައި އިއުލާނުކުރީ ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުއާ ހަވާލާދީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސެޓިއެން ވަކިކުރުމުގެ ކަންތައްތައް ރަސްމީކޮށް އަދިވެސް ބާސެލޯނާ އިން ފުރިހަމަކޮށްފައެއްނުވެ އެވެ. އެ ގޮތުން ސެޓިއެންގެ ކޮންޓްރެކްޓް ނިމުނުކަން އަންގައިދޭން ލަލީގާ އަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވެސް ފުރިހަމަވެފައިނުވެ އެވެ. އެހެންވެ ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި އަދިވެސް ލަލީގާ ހިންގާ އެލްއެފްޕީގައި އޮތީ ސެޓިއެންގެ ނަމެވެ. ސެޓިއެންއާ ހަވާލާދީ ސްޕެއިނުގެ ބައެއް މިޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ބާސެލޯނާގެ ކޮންޓްރެކްޓް ކެންސަލްކުރަން އެއްބަސްވާނީ އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށްވާ ފައިސާ ދޭން ބާސެލޯނާ އިން ރުހުން ދިނުމުންނެވެ.

އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް މި އަހަރުގެ ޖެނުއަރީ މަހު ސެޓިއެން ބާސެލޯނާގެ ކޯޗުކަމަށް ގެނައީ 2022 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އެކަމަކު އެ އެއްބަސްވުމުގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމުން ވަކި ކަންތައްތަކެއް ފުރިހަމަ ނުވެއްޖެނަމަ ސެޓިއެން ވަކިކުރުމުގެ އިހުތިޔާރު ބާސެލޯނާ އަށް އޮވެ އެވެ. އެކަމަކު ފުރަތަމަ ސީޒަނަކީ އެއްކޮށް ފުރިހަމަ ސީޒަނެއްގެ ގޮތުގައި ނުގުނޭނެތީ އެ މާއްދާ އަށް ބަލައި ސެޓިއެން ވަކިނުކުރެވޭނެކަަމަށް އޭނާ ގަބޫލުކުރެ އެވެ.

ސެޓިއެން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ މީޑިއާގައި އޭނާ ވަކިކުރިކަން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އޭނާ ވަކިކުރިކަން އިއުލާނުކުރި ނަމަވެސް އެކަމާ ބެހޭގޮތުން އިއްޔެއާ ހަމައަށް އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށެވެ.

ސެޓިއެން ބުނީ އުސޫލުން ބޭރުން އޭނާ ވަކިކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދާނެ ކަމަށާއި މިކަން ކޯޓާ ހަމައަށް ގެންދަން ވެސް ތައްޔާރަށް ހުރި ކަމަށެވެ. އަދި އިއްޔެ ބާސެލޯނާ އިން އޭނާ އަށް ފޮނުވި ފެކްސް އަށް ބަލާއިރު ވެސް ކޮންޓްރެކްޓް ކެންސަލްކުރާއިރު އޭނާގެ ހައްގު ގެއްލޭ ގޮތަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަން ސެޓިއެން ފާހަގަކުރި އެވެ.

ބާސެލޯނާގެ ކޮންޓްރެކްޓް ކެންސަލްކުރަން ބަދަލެއްގެ ގޮތުގައި އަށް މިލިއަން ޔޫރޯ ދޭން ސެޓިއެން ޑިމާންޑްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސެޓިއެންގެ މި މައްސަލަތަކަށް ހައްލެއް ނުލިބި ބާސެލޯނާއާ ސީޒަން ފަށައިފިނަމަ އެ ޓީމުގެ ރަސްމީ އެއްވެސް ހަރަކާތެއްގައި މިހާރުގެ ކޯޗު ކޫމަން އަށް ބައިވެރިނުވެވޭނެ އެވެ. އަދި ބާސެލޯނާ އިން މެޗުތަކުގައި ކުޅޭއިރު ކޫމަން އަށް ޓީމުގެ ބެންޗުގައި ވެސް ނީނދެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޫމަންގެ ކޯޗުކަމުގައި ބާސެލޯނާ ކުޅުނު އެކުވެރިކަމުގެ ދެ މެޗުން ވަނީ މޮޅުވެފަ އެވެ. މި ފަހަރުގެ ލަލީގާ ސީޒަނުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހަފްތާ ބަންދުގައި ބައްދަލުކުރާނީ ވިޔަރެއާލްއާ އެވެ. އެ މެޗުގެ ކުރިން ސެޓިއެންގެ މައްސަލަ ހައްލުކުރަން ބާސެލޯނާ އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ބާސެލޯނާ އިން ވަނީ އާންމު މެމްބަރުންގެ ސޮޔާ އެކު ކްލަބްގެ މިހާރުގެ ހިންގާ ބޯޑުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށަހަޅައިފަ އެވެ. އާންމު މެމްބަރުންގެ ތެރެއިން 16000 މީހުންގެ ވޯޓާ އެކު އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ފުރަތަަމަ މަރުހަލާ ފުރިހަމަކުރެވޭ ގޮތަށް އޮތްއިރު، މައްސަލަ ހުށަހެޅީ ވެސް 21000 މެމްބަރުންގެ ސޮޔާ އެކު އެވެ. މައްސަލަ ބެލުމަށް ފަހު ބާސެލޯނާ ބޮޑުން އެ ހުރިހާ ސޮޔެއް ސައްހަތޯ ޗެކްކުރާނެ އެވެ. އަދި ހުރިހާ މެމްބަރުންގެ ސޮއި ސައްހަ ކަމަށް ކަނޑައަޅައިފިނަމަ މިހާރުގެ ރައީސް ބާޓޮމެއުގެ ބޯޑުގެ އިތުބާރު ނެތް ކަމަށް ނިންމައި އިލެކްޓޯރިއަލް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މަސް ތެރޭ އާ އިންތިހާބު ބާއްވާނެ އެވެ. މިހާރު ތާވަލުކޮށްފައި އޮތްގޮތުން ބާސެލޯނާގެ އިންތިހާބު އޮންނާނީ އަންނަ މާޗް މަހުގަ އެވެ.