ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ވާހަކަ ފޮތް ސިލްސިލާއެއް ކަމަށްވާ "ޑައިރީ އޮފް އަ ވިމްޕީ ކިޑް"ގެ އެންމެ ފަހުގެ ވާހަކަ ފޮތް އިރާއީ ބުކްޝޮޕުން ރޭ ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
މި މަހުގެ އެކެއްގައި ދުނިޔޭގެ ބާޒާރަށް ނެރުނު ޑައިރީ އޮފް އަ ވިމްޕީ ކިޑް ސިލްސިލާގެ 11 ވަނަ ފޮތް، "ޑައިރީ އޮފް އަ ވިމްޕީ ކިޑް: ޑަބްލް ޑައުން" ރާއްޖޭގައި ވިއްކަން ފެށީ ރޭ 8:00 ގަ އެވެ. މި ފޮތް ގަލޮޅު ސިނަމާލެ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ހުންނަ އިރާއީގެ ފިހާރައިންނާއި ހެންވޭރު ޝަހީދު އަލީ މިސްކިތް ކައިރީގައި ހުންނަ ފިހާރައިން މިހާރު ގަންނަން ލިބޭނެ އެވެ.
"ދިވެހި ކުދިންގެ މެދުގައި ވެސް ވަރަށް މަގުބޫލު މި ފޮތާއި މުޅި މި ސީރީޒް ރާއްޖޭގައި ލިބެން ހުންނާނީ ހަމައެކަނި އިރާއީގެ ފިހާރަތަކުން،" އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެމެރިކާގެ މަޝްހޫރު ކާޓޫނިސްޓް ޖެފް ކިނީގެ މި ފޮތުގައި ކިޔައިދެނީ ކުޑަކުއްޖެއްގެ ޑައިރީގައި ލިޔާ ވާހަކަތަކެވެ. އޭގެ ތެރޭގައި ސްކޫލުގައި ދިމާވާ ކަންކަމާއި އެ ނޫން ވެސް އެ އުމުރުގެ ކުއްޖަކަށް އާއްމު ދިރިއުޅުގައި ކުރިމަތިވާ ގޮންޖެހުންތައް ކިޔައިދެ އެވެ.
މި ސިލްސިލާގެ މަޝްހޫރުކަން ބޮޑުވެ، މިހާރު ވަނީ އޯޑިއޯ ފޮތްތަކުގެ އިތުރަށް ފިލްމެއް ވެސް ހަދައިފަ އެވެ.