ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ކޮއްޔަ ހަސަން މަނިކު، ކޮވިޑް-19ގައި މިއަދު ނިޔާވެއްޖެ އެވެ.

އެންމެންނާ ވެސް މަޖާ މިޒާޖެއްގެ އަދި ފިލްމީ ދާއިރާގެ ވަރަށް ބޮޑު އިހުތިރާމެއް ލިބިފައިވާ ހަސަން، 67، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ހަސަން އެޑްމިޓްކުރީ މި މަހު 15 ގަ އެވެ.

ރާއްޖޭގައި ސްޓޭޖް ޝޯތަކުގެ ފޯރި ގަދަވި 1980ގެ އަހަރުތަކުން ފެށިގެން އޭނާ ނިޔާވުމާ ހަމައަށް ވެސް، މުނިފޫހިފިލުވުމާއި އިސްތިހާރުތަކުގައި ހަސަން ގެންދިޔައީ ހަރަކާތްތެރިވަމުންނެވެ.

ހަސަންގެ ވަކިވުމުގެ ހިތާމައިގައި ވަރަށް ގިނަ ބަޔަކު އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުން އެބަ ގެންދެ އެވެ.

ހުނަރުވެރި ފަންނާނެއް

ކޮއްޔަ ހަސަން އަކީ ވަރަށް ތަފާތު މިޒާޖުގެ ރޯލުތައް ކުޅެފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި 1980ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅު، ގައުމީ ޓީވީ، ޓީވީއެމުން ގެނެސްދިން "ބަހަބަރު" ސިލްސިލާގައި ތަމްސީލްކުރި މަޖާ ބައިތަކާއި، ފިލްމުތަކުގައި ކުޅުނު ރުޅިވެރި މަންޒަރުތަކުގެ އިތުރުން ހިތްހެޔޮ ބަފައިންގެ ރޯލު ވެސް ހިމެނެ އެވެ.

"ބަހަބަރު" ސިލްސިލާއަކީ މިހާރަށް ވެސް މަޖާ އަދި މިހާރު ދިމާވާ ބައެއް ކަންކަން ވެސް ތަމްސީލުކޮށްދީފައިވާ އޭރު ރާއްޖެއިން ނެގެން ތިބި އެންމެ ހުނަރުވެރި ކޮމޭޑިއަނުންގެ އުފެއްދުމެކެވެ.

ކޮއްޔަ ހަސަންގެ ހުނަރާ މެދު ފިލްމީ ދާއިރާގެ ތަޖުރިބާކާރުންގެ ޝައްކެއް ނޯވެ އެވެ. ހާއްސަކޮށް ރުޅިގަދަ ބައިތަކަށް އޭނާގެ ހާއްސަކަން ބޮޑެވެ.

ހަސަން އެންމެ ފަހުން ބޮޑު ފިލްމަކުން ފެނުނީ 2017 ގައި ނުކުތް "ބޮސް" އިންނެވެ.

އޭނާގެ މުހިންމު ރޯލްތަކެއް ހިމެނޭ ގިނަ އަދަދެއްގެ ސިލްސިލާ ފިލްމުތައް ވެސް ތައްޔާރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު "ދޯޕައްޓާ" އާއި "ލޯބިނުލިބުނަސް" ފަދަ ސިލްސިލާތައް ހިމެނެ އެވެ.

ނިއު ރޭޑިއަންޓްގެ މުހިންމު ސަޕޯޓަރެއް

ކޮއްޔަ ހަސަން އާންމުންގެ ތެރޭގައި ދެން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ، ނިއު ރޭޑިއަންޓްގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދަވި 1980 އާއި 1990 އަދި 2000ގެ އަހަރުތަކުގައި ހަސަންގެ ވަރުގަދަ އަޑުން ގެނުވި ޖޯޝް، ނިއުގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ ކަހަލަ އޭރުގެ ބޮޑެތި ކްލަބްތަކުގެ ސަޕޯޓަރުންގެ ހިތުން ވެސް ފިލައިގެން ނުދާނެ އެވެ.

ހަސަންއަކީ ނިއު ނިސްބަތްވި ހެންވޭރުކޮޅުގެ ރައްވެއްސެކެވެ. އެހެންކަމުން އޭރު އޭނާގެ ލެ އާއި ނިއު އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ފޯރިގަދަ މެޗުތައް ކުޅޭ ދުވަސްދުވަހުގެ ޖޯޝްގަނޑު ކައްކާލަން ހަސަން ކޮންމެހެން ވެސް ކުޅިބަލަން ދާން ޖެހޭހާ އޭނާގެ މުހިންމުކަން އޮތީ ބޮޑުވެފަ އެވެ. އަދި ފުޓްބޯޅައިގެ އެ ފޯރި ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން ގެއްލެން ފެށި ދުވަސްތައް ކުރިމަތިވަންދެން ވެސް، ދަނޑަށް ގޮސް މެޗުތައް ބަލަން އޭނާ ސަމާލުކަން ދިނެވެ.

ނިއު އާއި ހަސަންގެ އެ ގާތް ގުޅުމާއި ސަޕޯޓަރެއްގެ ގޮތުން އޭނާގެ މުހިންމު ރޯލް، ހަސަން ނިޔާވުމުން ފުޓްބޯޅައިގެ ޝޯޝަލް ގްރޫޕެއްގައި ކުރީގެ ކުޅިވަރު ތަރި އަދި ފަހުން ކުޅިވަރުގެ ޚިދުމަތްތެރިޔާ އިބްރާހިމް އިސްމާއިލް ލިއުއްވި މެސެޖުން ވެސް އެނގެ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ހަސަން އަކީ ނިއުގެ ކުޅިވަރުގެ ކާމިޔާބީ އެއް ބައެ"ވެ.

"އެއީ ހިތްވަރުގަދަ މީހެއް،" އިބްރާހިމް އިސްމާއިލް ލިއުއްވި އެވެ.