ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާނެ އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ދޭން ފެށުމާ އެކު، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ސްކޮޓްލޭންޑްގައި ކުރި ދިރާސާގެ ނުރަސްމީ ނަތީޖާތަކުން ދައްކައިފި އެވެ.
މިއީ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ކްލިނިކަލް ޓްރަޔަލްތަކުގެ ބޭރުން މިހާތަނަށް ލިބުނު އެންމެ ޔަގީން ނަތީޖާ އެވެ.
ރާއްޖޭގައި މިހާރު ދެމުން އަންނަ "ކޮވިޝީލްޑް" އަކީ ވެސް އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ވެކްސިނެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އެ ވެކްސިން އުފައްދައި މާކެޓްކުރާ ނަމެވެ.
ސްކޮޓްލެންޑުގައި އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ވެކްސިންގެ އިތުރުން ފައިޒާ-ބަޔޮންޓެކްގެ ވެކްސިން ވެސް އަންނަނީ ދެމުންނެވެ. މި ދެ ވެކްސިނުން ފެންނަ ނަތީޖާ ވެސް ދިރާސާގައި ވަނީ ބަލައިފަ އެވެ. އެގޮތުން، ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު އަދަދު ވަނީ ބަލައިފަ އެވެ.
އިނގިރޭސި ވިލާތުގައި އޮކްސްފޯޑް ވެކްސިންގެ ދެ ވަނަ ޑޯޒް ދެނީ ތިން މަސް ފަހުންނެވެ.
އަދި މުޅިން ފުރިހަމަނުވާ މި ދިރާސާގެ ކުރީކޮޅުގެ ނަތީޖާ އިން ދައްކާފައިވާ ގޮތުގައި އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު އެއް ހަފުތާ ފަހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތު އެތައް ގުނައެއް ދަށްވަފަ އެވެ. އަދި 4-5 ހަފުތާއާ ހިސާބަށް ދާއިރު މިކަން އިތުރަށް ވަރުގަދަވެ އެވެ. އެކަމަކު މީގެ ފަހުން އަނެއްކާވެސް ދިފާއު ދަށްވެ، ހާލު ބޮޑުވުމުގެ ނުރައްކާ އިތުރުވަމުންދެ އެވެ.
ދިރާސާ ޓީމުން ބުނީ އެއް ޑޯޒް ވެކްސިން ދޭތާ މަސް ދުވަސް ފަހުން ވެކްސިންގެ ބާރު ދަށްވާ ކަމަށް ބުނަން އަދި މާ އަވަހެވެ. އެހެންވެ މިހާރު ކުރިއަށްދާ ދިރާސާގައި އެކަން ބަލަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
ވެކްސިންގެ ހެޔޮ ނަތީޖާ އެންމެ ރަނގަޅަށް ފެންނަމުންދާ އިޒްރޭލުން ވެސް ވަނީ އެތަނުގައި ދޭ ފައިޒާ ވެކްސިނުން ލިބޭ ރައްކާތެރިކަމާ ބެހޭ ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާގައި ވެސް ބުނެފައިވަނީ އެންމެ ޑޯޒަކުން ވެސް 90 ޕަސެންޓާ ހަމަ އަށް ރައްކާތެރިކަން ލިއްބައިދޭ ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމަށެވެ.
ސްކޮޓްލެންޑުގައި ވަނީ ފައިޒާގެ އިތުރުން އޮކްސްފޯޑް ވެކްސިނުން ލިބޭ ރައްކާތެރިކަން ވެސް ބަލައިފަ އެވެ. އިނގިރޭސި ވިލާތަކީ އެ ވެކްސިން އެންމެ ފުރަތަމަ ހުއްދަކޮށް އެންމެ ގިނައިން ދެމުން އަންނަ އެއް ގައުމެވެ.
"މި ދެ ވެކްސިން ވެސް ވަރަށް ފުރިހަމަ އަށް މަސައްކަތްކުރޭ،" މި ދިރާސާކުރާ ޔުނިވަސިޓީ އޮފް އެޑިންބާގްގެ ޕްރޮފެސަރު އަޒީޒް ޝައިޚް ނޫސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.
މި ދިރާސާކުރުމަށް، ކޮވިޑާ ގުޅުން ހުރި ކަންކަމުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރި 8،000 މީހެއްގެ މައުލޫމާތު ބޭނުންކޮށްފައިވެ އެވެ. އަދި މި މީހުންގެ ތެރެއިން ވެކްސިން ދީފައިވާ މީހުންނާއި ނުދޭ މީހުންގެ ހާލަތު ވަޒަންކުރި އެވެ.
މި ހޯދުމުން އެނގުނު ގޮތުގައި އޮކްސްފޯޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިންތާ 28 ދުވަހާއި 34 ދުވަހާ ދެމެދު ޕޮޒިޓިވްވި މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ނިސްބަތް 94 ޕަސެންޓް ދަށްވެފައިވެ އެވެ. އެކަމަކު ފައިޒާ ވެކްސިންގައި މި ނިސްބަތް ހުރީ 84 ޕަސެންޓުގަ އެވެ. އެކަމަކު ފައިޒާ ވެކްސިނުގައި މި ނިސްބަތް ދަށްވެފައި ވަނީ އިނގިރޭސި ވިލާތުގައި އޮކްސްފޯޑް ވެކްސިނަށް ވުރެ ކުރިން ފައިޒާ ވެކްސިން ދީފައި ވާތީ، އެ ވެކްސިންގެ ފުރަތަމަ ޑޯޒަށް ފަހު ހޭދަވި މުއްދަތު ދިގުވުމުން ކަމަށް ވެދާނެ ކަމަށް ބުނެފައިވެ އެވެ. ދިރާސާގައި މިކަން އަދި އިތުރަށް ބަލާނެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް އޮކްސްފޯޑް ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރުކުރަން އެކަށީގެންވާ ޑޭޓާ ނެތް ކަމަށް ބުނެ ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ދުވަސްވީ މީހުންނަށް ވެކްސިން ނުދޭން ނިންމައިފަ އެވެ. ސްކޮޓްލެންޑުގައި ކު މި ދިރާސާގައި ވެސް އޮކްސްފޯޑް ވެކްސިނަށް ވަކިން އެކަމާ ބެހޭ މައުލޫމާތެއް ނުހޯދަ އެވެ. ނަމަވެސް ދެ ވެކްސިން އެއްކޮށް ޖުމްލަ ނަތީޖާ އިން މިހާތަނަށް ދައްކާފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހުން ކޮވިޑް ބަލީގައި އެޑްމިޓްކުރަން ޖެހުނު މިންވަރު ވެސް ވެކްސިނާ އެކު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
ވެކްސިން ދޭން ފެށި ފަހުން މުޅި ދުނިޔޭގައި ވެސް އަންނަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަށްވަމުންނެވެ.