ވައިބާ މެސެޖެއްގެ އަޑާ އެކު އައީ ވަރުގަދަ އިންޒާރެކެވެ؛ "ސަމާލުވޭ! ކޮވިޑް ވެކްސިން އިން ޑީއެންއޭ ބަދަލުވޭ!" އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އެ ޖުމްލަ ބާރަށް ކިޔައިލެއްވި އެވެ. އޭނާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
ބިނދިފައި ޑރ. މުހައްމަދު ހޭން ފެށި ތަން ދައްކާލުމަށް ފަހު ވީޑިއޯ ހިނދުކޮޅަކަށް މެދުކަނޑާލީ އެވެ. ޑޮކްޓަރު ދެން ކިޔައިދެއްވީ ހަގީގަތެވެ.
"ކޮވިޑް-19 އަށް ހެދިފައިވާ ވެކްސިނަކުން ވެސް އަދި މިހާތަނަށް ހެދިފައިވާ އެއްވެސް ވެކްސިނަކުން އަދި މިހާތަނަށް ހެދިފައިވާ އެއްވެސް ބޭހަކުން ވެސް އިންސާނެއްގެ ޑީއެންއޭ ބަދަލެއް ނުވާނެ،" ހިނި މަތަކުރައްވަމުން ޑރ. މުހައްމަދު ޔަގީންކަން ދެއްވި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމުކުރި ވީޑިއޯއަކަށް ވާހަކަދައްކަވަމުން ކިޔާލަން ޖެހުނު ހެއްވާ ވާހަކައަކުން ޑޮކްޓަރަށް ކުއްލިއަކަށް އެ ވީ ގޮތް ގިނަ ބަޔަކަށް ވަރަށް މަޖާވެ، ސޯޝަލް މީޑިއާގައި ވީޑިއޯ ވަރަށް ހިނގި އެވެ. ޑރ. މުހައްމަދުގެ ހިނިގަނޑު ފަޅައިގެންދާ އިރު، ބަލާ މީހާއަށް ވެސް ހީނގަނެވޭނެ އެވެ.
އެކަމަކު ޑީއެންއޭ ބަދަލުވުން ފަދަ ކިތަންމެ ހެއްވާ، ހަމަނުޖެހޭ ވާހަކައަކަށް ވިޔަސް ކޮވިޑް-19 އާއި އެ ބަލީގެ ވެކްސިނާ ބެހޭ ގޮތުން ފަތުރާ ދޮގުތައް ބައެއް މީހުން ވަރަށް ފަސޭހަ އިން ގަބޫލުކޮށްލަ އެވެ. ވީޑިއޯގައި ޑރ. މުހައްމަދު އަލީ ވަނީ ދިވެހިން ތެރޭ އެނބުރޭ އެފަދަ އާއްމު ބައެއް ކުށްހީތަކުގެ ހަގީގަތް ކިޔައިދެއްވައިފަ އެވެ.
ޑީއެންއޭގެ ވާހަކައިގެ ކުރިން އޭނާ ވިދާޅުވި ގޮތުގައި ލޮނުމެދު ކައިގެނެއް ކޮވިޑުން ސަލާމަތެއް ނުވާނެ އެވެ. އަދި މައުތު ވޮޝް ބޭނުންކޮށްގެނެއް ކޮވިޑުން ރައްކާތެރިއެއް ވެސް ނުވެވޭނެ އެވެ.
ކޮވިޑުގައި ބޮޑުވަރު ވަނީ މުސްކުޅިންނަށް އެކަނި ނޫން ކަމުގެ ހެކި ވެސް ވީޑިއޯގައި އޭނާ ވިދާޅުވެދެއްވި އެވެ.
"އުމުރުން ޅަ މީހުން ވެސް، ތަންކޮޅެއް ޔަންގް މީހުން ވެސް ހަމަ މި ބަލީގައި ވަރަށް ސީރިއަސް ވެގެން ވެސް އެބަ އެޑްމިޓްކުރަން ޖެހޭ. އަދި ދަރުމަވަންތައިގެ އައިސީޔޫގައި މި ވަގުތު ވެސް ފަރުވާދެމުން އެބަ ދޭ،" އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ޑރ. މުހައްމަދު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް ވުރެ ކޮވިޑް ޖެހުން ރަނގަޅެއް ވެސް ނޫނެވެ.
ވެކްސިން ޖެހިޔަސް "ބަލި ޖެހުމުގެ ޗާންސް އެބަ އޮވޭ. ނަމަވެސް ބަލި ހާލަތު ސީރިއަސް ވެގެން މީހާ އެޑްމިޓްވެގެން ސީރިއަސްވާ ހާލަތަށް ދިޔުމުގެ ޗާންސް 100 ޕަސެންޓަށް އެބަ ދަށްކޮށްލާ. އެހެންވީމަ ވެކްސިން ޖެހުން މާ ރަނގަޅު،" ވީޑިއޯގައި ޑރ. މުހައްމަދު ވިދާޅުވެ އެވެ.
ޑޮކްޓަރު ދެން އިލްތިމާސްކުރެއްވީ ކޮވިޑް-19 އާއި އެ ބަލީގެ ވެކްސިނާ ބޭހާ ބެހޭ މައުލޫމާތު ހޯދައި އެހެން މީހުންނަށް ފޮނުވާނީ ޑަބްލިޔުއެޗްއޯ، ޔުނިސެފް އަދި އެޗްޕީއޭ ފަދަ އިތުބާރުހިފޭ ތަންތަނުގެ ވެބްސައިޓު ބަލައިގެން ކަމެވެ.
"ވައިބާ އިން ނޫނީ ވެއްޖެއްޔާ ވަޓްސްއެޕުން އަންނަ މެސެޖެއް ފޯވަޑްކޮށްލައިގެން އެ ފެތުރޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތު ނޫން ކަމަށް ވެދާނެ. އެހެންކަމުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ވާނެ،" ނިންމާލަމުން ޑޮކްޓަރު ވިދާޅުވެ އެވެ.