ކޮލަމްބޯ (އެޕްރީލް 7) - ސްރީ ލަންކާގައި ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ސްޓޭޖް މަތީގައި ހިންގި ހަމަނުޖެހުންގަނޑަކާ ގުޅިގެން ރީތީގެ ރާނީގެ ބޮލަށް އަނިޔާވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

ރީތީގެ ރާނީ ޕުޝްޕިކާ ޑި ސިލްވާ އަށް "މިސިޒް ސްރީ ލަންކާ" ގެ މަގާމު ލިބުނު އިވެންޓް އާދިއްތަ ދުވަހުގެ ރޭ ވަނީ ނޭޝަނަލް ޓީވީން ދައްކައިފަ އެވެ. އޭނާ އެ މަގާމަށް ހޮވުނުތާ އިރުކޮޅެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ރީތީގެ ރާނީ ކެރޮލިން ޖޫރީ ވަނީ ޑި ސިލްވާގެ ބޮލުގައި އެޅުވި ތާޖް އަތުލައިފަ އެވެ. ސްޓޭޖްގައި ވާހަކަ ދައްކަމުން ޖޫރީ ބުނީ މިސިޒް ސްރީ ލަންކާގެ މަގާމު ޑި ސިލްވާ އަށް ނުލިބޭނެ ކަމަށާއި އޭނާ އަކީ ވަރިކޮށްފައި ހުރި މީހެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މިސިޒް ސްރީ ލަންކާގެ މަގާމަށް ހޮވޭ މީހާ އަކީ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އޭގެ ފަހުން ޖޫރީ ވަނީ ރީތީގެ ރާނީގެ ތާޖް ދެވަނަ އަށް ދިޔަ ފަރާތުގެ ބޮލުގައި އަޅުވައިފަ އެވެ. އެ ވަގުތު ޑި ސިލްވާ ވަނީ ސްޓޭޖް ފައިބައިގެން ގޮސްފަ އެވެ.

އެކަމަކު ރީތީގެ ރާނީގެ ތާޖް މިހާރު ވަނީ ޑި ސިލްވާ އަށް އަލުން ހަވާލުކޮށްފަ އެވެ. މުބާރާތް އިންތިޒާމްކުރި ފަރާތުން ބުނެފައި ވަނީ ޑި ސިލްވާ ސެޕަރޭޓްވެފައިވީ ނަމަވެސް ވަރިވެފައި ނުވާ ކަމަށެވެ.

މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ޑި ސިލްވާގެ ކިބައިން މައާފަށް އެދިފަ އެވެ.

ފޭސްބުކް މެސެޖެއްގައި ޑި ސިލްވާ ބުނެފައި ވަނީ ތާޖް އަތުލަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލަށް ލިބުނު ގެއްލުމަކަށް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ. ޑި ސިލްވާ ބުނީ އޭނާއާ މެދު ކަންތައް ކުރި އިހާނެތި ގޮތާ މެދު ގާނޫނީ ގޮތުން މައްސަލަ ޖައްސާނެ ކަމަށެވެ.

"އަޅުގަނޑު ކަހަލަ އެކަނިވެރި މައިންގެ ވަރަށް ގިނަ މީހުން ލަންކާގައި އުޅޭ. ރީތީގެ ރާނީގެ މި ތާޖް ހަދިޔާ ކުރަނީ އެފަދަ އެކަނިވެރި މައިންނަށް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑި ސިލްވާ ބުންޏެވެ.

މިސިޒް ސްރީ ލަންކާ ވޯލްޑްގެ ނޭޝަނަލް ޑިރެކްޓަރު ޗަންދިމާލް ޖަޔަސިންހަ ވިދާޅުވީ ރީތީގެ ރާނީގެ ތާޖް ޑި ސިލްވާއާ އަންގާރަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.

"ސްޓޭޖުގައި ކެރޮލީން ޖޫރީ އަމަލުކުރި ގޮތާ މެދު ވަރަށް ހިތްހަމަނުޖެހޭ. މިސިޒް ވޯލްޑުން މިހާރު ވަނީ އެކަން ހިނގި ގޮތް ތަހުގީގު ކުރަން ފަށާފައި،" ޖަޔަސިންހަ ވިދާޅުވި އެވެ.

"މިސިޒް ވޯލްޑް" ގެ މަގާމު މިހާރު އޮންނަ ޖޫރީ އާއި ޖަޔަސިންހައާ ފުލުހުން މިހާރު ވަނީ ސުވާލުކޮށްފަ އެވެ.

މިސިޒް ސްރީ ލަންކާ ވޯލްޑް ކޮންޓެސްޓަކީ ލަންކާގައި ބާއްވާ ކުލަގަދަ މުބާރާތެކެވެ. ރަސްމިއްޔާތުގެ މެހެމާނުންގެ ތެރޭގައި ބޮޑުވަޒީރުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.