ރާއްޖޭގެ ގުދުރަތީ ރީތިކަން އިހުސާސުވާ ފަދަ މާހައުލަކާ އެކު ފަލަސްތީނުގެ ގާޒާ ސިޓީގައި މިދިޔަ އަހަރު ހުޅުވި "މޯލްޑިވްސް ގާޒާ" ރެސްޓޯރެންޓަށް ވެސް އިޒުރޭލުން ބޮން އަޅައި މިއަދު އެތަން ހަލާކުކޮށްލައިފި އެވެ.
ގާޒާގެ ގޮނޑުދޮށުގައި ހަދައިފައިވާ މި ރެސްޓޯރެންޓަށް ދިން ހަމަލާގައި ތިން މީހަކު ޒަޚަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިން ބުރިއަށް ނަގައިފައި ހުރި މި ރެސްޓޯރެންޓް އެއްކޮށް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.
ދިވެހިންނާއި ދުނިޔޭގެ ސަމާލުކަމަށް މި ރެސްޓޯރެންޓް ލިބުނީ މިދިޔަ އަހަރު މިތަނުގެ ވެރިޔާ ރޮއިޓާސްއަށް ދިން އިންޓިވިއުއަކަށް ފަހު އެވެ.
އެ ރެސްޓޯރެންޓުގެ ވެރިޔާ އިމާދު އަލްބައްޔާ ބުނެފައި ވަނީ އެތަން ހުޅުވީ ދިވެހިރާއްޖެއަކީ ގާޒާގެ ރައްޔިތުންގެ މެދުގައި ވެސް ވަރަށް މަގުބޫލު މަންޒިލަކަށް ވުމުން، ގާޒާގެ ރައްޔިތުންނަށް ރާއްޖޭގެ ޖަޒީރާވަންތަކަން އިހްސާސް ކޮށްލެވޭ ގޮތަށް ކަމަށެވެ.
ދިވެހި ކެއުންތަކާއި ބުއިންތައް އެތަނުން ނުލިބުނަސް، ރާއްޖޭގެ ނަމާ ގުޅުވުމާ އެކު ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. އެ ތަން ހެދީ އެއްފަހަރާ 1200 މީހުނަށް ޚިދުމަތް ދެވޭ ގޮތަށެވެ. ގާޒާގެ މީހުންގެ މެދުގައި މިތަން ވަރަށް މަގުބޫލެވެ.
"ގާޒާގެ މީހުންނަށް ހިޔެއްނުވޭ ރާއްޖެއަށް ދެވޭނެހެން. އެހެންވެ އަހަރެން ބޭނުންވީ ގާޒާއަށް ރާއްޖެ ގެންނަން. ރާއްޖޭގެ ގޮނޑުދޮށްތަކުން ކުރެވޭނެ އިހުސާސް އަހަރެމެން ވެސް އިހުސާސްކޮށްލަން،" އެ އިންޓަވިއުގައި އިމާދު ބުންޏެވެ.
ރެސްޓޯރަންޓަށް ހަމަލާ ދީފައި މި ވަނީ އިޒްރޭލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ދެމުން ގެންދާ ސިލްސިލާގަ އެވެ.
އިމާދު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ވެސް އެ ފަހަރު އިންޓަވިއުތައް ދީފަ އެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި ވެސް މިހާރު އަޑު އުފުލަމުން އަންނަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.
ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ ޔަހޫދީން ވަޒަންވެރިކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު އިޒްރޭލު ފުލުހުން ވަނީ އަގްސާ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބާ އެތަނަށް ވަދެގަނެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.