ޖުލައި މަހު ޖަޕާންގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސް ގޭމްސްގައި ސްވިމިން އިން ރާއްޖެ ތަމްސީލުކުރަން، އައިޝަތު ސައުސަން އާއި އަލީ އިމްއާން ކޮލިފައިވެއްޖެ އެވެ.

އޮލިމްޕިކްސްއަށް ފެތުންތެރިން ހޮވީ، ޝޯޓް ލިސްޓްކުރި ހަތަރު ފެތުންތެރިންގެ ތެރެއިން ޓްރެއަލްގައި އެންމެ ބޮޑު ކުރި އެރުމެއް ހޯދި ދެ ފެތުންތެރިންނެވެ.

އޮލިމްޕިކްސް އަށް ފޮނުވާ ފެތުންތެރިން ވާންޖެހޭނީ، ދުނިޔޭގެ ސްވިމިން ފެޑެރޭޝަން (ފީނާ) އިން ގަބޫލުކުރާ އިންޓަނޭޝަލް މުބާރާތްތަކެއްގައި ވާދަކޮށް ވަކި ޓައިމިންގައި ނިންމާ ފެތުންތެރިންނަށެވެ. އެ މިންގަނޑަށް ފެތޭ ފެތުންތެރިންގެ ތެރެއިން ސްވިމިން އެސޯސިއޭޝަނުން ވަނީ ހަތަރު ފެތުންތެރިން ޝޯޓް ލިސްޓް ކޮށްފަ އެވެ.

އެއީ ސައުސަން އާއި އިމްއާންގެ އިތުރުން، އައިޝަތު ސާޖިނާ އަދި މުބާލް އައްޒާމް އެވެ. އޭގެ ތެރެއިން ސައުސަން ފިޔަވައި އަނެއް ތިން ފެތުންތެރިން ތިބީ ޓްރެއިނިއަށް ރާއްޖެއިން ބޭރުގަ އެވެ. އޮލިމްޕިކްސްގެ ސްކޮލާޝިޕެއްގެ ދަށުން ސާޖިނާ އިނީ މެލޭޝިއާގަ އެވެ. މުބާލް ހުރީ އޮސްޓްރޭލިއާގަ އެވެ. ފީނާގެ ސްކޮލާޝިޕެއްގެ ދަށުން އިމްއާން ހުރީ ރަޝިއާގަ އެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ "މިހާރު" އަށް، ކުރިން ވިދާޅުވެފައި ވަނީ، މެލޭޝިއާ އާއި އޮސްޓްރޭލިއާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސާޖިނާ އާއި މުބާލްއަށް ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ރަޝިއާގެ ކަޒާންގައި ޓްރޭނިން ހަދަމުން ގެންދާ އިމްއާންގެ ޓްރޭނިންތައް، ކޮވިޑްގެ ހާލަތުގައިވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާކަން އިސްމާއީލް ފާހަގަ ކުރެއްވި އެވެ. ރާއްޖޭގެ ކުޅިވަރު ކުޅޭތަންތަން ބަންދު ކޮށްފައި ވުމުން ސައުސަންގެ ޓްރޭނިންތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

އިމްއާން އާއި ސައުސަން އޮލިމްޕިކްސްގައި ވާދަކުރަން ކޮލިފައިވީ މިދިޔަ މަހު 23 އިން މި މަހު ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޓައިމް ޓްރެއަލްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ފެތުންތެރިންނަށް ވުމުންނެވެ. ޓައިމް ޓްރައަލްގައި ފިރިހެން ކެޓެގަރީގައި އިމްއާން ވަނީ 3140 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މުބާލްއަށް ސްކޯ ކުރެވުނީ 3024 ޕޮއިންޓެވެ. އަންހެން ބައިން ސައުސަން އެއް ވަނަ ހޯދީ 2997 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ސާޖިނާއަށް ސްކޯ ކުރެވުނީ 2905 ޕޮއިންޓެވެ.

އޮލިމްޕިކްސްއަށް ރާއްޖެއަށް ފުރުސަތު ލިބެނީ އެތުލެޓިކްސް އާއި ސްވިންއިންނެވެ. މިފަހަރު އޮލިމްޕިކްސްއަށް އެތުލެޓިކްސްއިން ފޮނުވާނީ އެންމެ ދުވުންތެރިޔެކެވެ. ދުވުންތެރިޔާ ކަނޑައޅާނީ އަންނަ މަހު 18 ގައި ބާއްވާ ޓައިމް ޓްރެއަލްގެ ފަހު ޓެސްޓުންނެވެ. އެ ޖާގައަށް އެތުލެޓިކްސްއިން ވަނީ ހަ ދުވުންތެރިޔަކު ޝޯޓް ލިސްޓް ކޮށްފަ އެވެ. އެއީ އައިޝަތު ހިމްނާ ހަސަން، އައިޝަތު ޝަބާ ސަލީމް، މަރްޔަމް ރޫޔާ އަލީ، ހަސަން ސާއިދު، އިބާދުﷲ އާދަމް އަދި އަހްމަދު ނަޖްދާން އަބްދުﷲ އެވެ.

މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ގޭމްސް، ކޮވިޑް-19ގެ ސަބަބުން މިއަހަރަށް ރީޝެޑިއުލް ކޮށްފައި ވަނީ، ޖުލައި 23 އިން އޯގަސްޓް 8 ގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށެވެ.

ކޮވިޑްގެ ހާލަތު ޖަޕާންގައި އަނެއްކާ ވެސް ގޯސްވާން ފެށުމުން އެ ގައުމުން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ، ޖަޕާނުގައި ކޮވިޑް ޖެހގެން މަރުވާ މީހުންގެ އަދަދު މަދުވިޔަސް، އުނދަގޫ ހާލަތެއްގައި ގޭމްސް ބާއްވަން އުޅޭތީ ޖަޕާންގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑެވެ.

ނަމަވެސް ގޭމްސް ނުބާއްވަން އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން ނިންމައިފައެއް ނުވެ އެވެ.