ސްމާޓްފޯނުގެ ވިޔަފާރީގެ ވާދަވެރިކަމާ އެކު އެންމެ ބޮޑަށް އިސްކަންދޭ އެއް ކަމަކީ ފޯނުގެ ޗާޖްކުރެވޭ ގޮތެވެ. ފަހަކަށް އައިސް، ބޮޑެތި ކުންފުނިތަކުން އަމާޒު ހިފާފައި އޮތީ ވަޔަލެސް ޗާޖިންއަށެވެ. ޗާޖިން އަށް ގެންގުޅެން ޖެހޭ އެޑޮޕްޓަރު މިހާރު މާޒީވެއްޖެ ކަމަށް ބުނާ ކުންފުނިތައް އަންނަނީ އިތުރުވަމުންނެވެ.
އެކަމަކު އަދި ޗާޖްކުރެވޭ ގޮތް ތަފާތު ވިޔަސް މީގައި އަސްލު ބޮޑު ކާމީޔާބީއަކަށް ވާނީ ޑިވައިސްއެއް ޗާޖްކުރަން ނަގާ ވަގުތު ވީހާ ވެސް ބޮޑަށް ކުޑަވުމެވެ.
ޗައިނާގެ ޝޯމީ އިން މިކަމާ ގުޅުވައިގެން މިހާރު ދީފައި އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އެ ކުންފުނިން ބުނި ގޮތުގައި 200 ވޯޓް (4000 އެމްޕެރެ އަވާގެ ބެޓެރި) ގެ "ހައިޕަޗާޖް" ސިސްޓަމަކުން މިހާރު އެންމެ އަށް މިނިޓުން ފޯނު ފުލްކޮށް ޗާޖްކޮށްލެވޭނެ އެވެ. ވައިފައި ގޮތަށް މަސައްކަތްކުރާ ޝޯމީގެ ވަޔަލެސް ޗާޖިން "މައި އެއާ ޗާޖް" ޓެކްނޮލޮޖީ އަކީ އެ ކުންފުނިން މިދިޔަ އަހަރު ތިލަކުރި ވާހަކައެކެވެ.
ނުވަޗަ 120 ވޯޓްގެ ވަޔަލެސް ޗާރަޖަކާ އެކު 15 މިނިޓްގެ ތެރޭގައި ފުލްކޮށް ޗާޖްކޮށްލެވޭނެ އެވެ. މި ވާހަކަ ޝޯމީން ޓްވިޓާގައި އާންމުކުރީ ވީޑިއޯއަކާ ވެސް އެކީގަ އެވެ.
އެންމެ އަށް މިނިޓުން ފޯނު ފުލްކޮށް ޗާޖްކޮށްލެވޭ ނަމަ އެއީ މިހާރުގެ ރެކޯޑަކަށް ވާނެ އެވެ.
ހަލުވި ޗާޖިން އަށް މަސައްކަތްކުރާ ކުންފުނިތަކަށް ބަލާ އިރު މި ރޭހުގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އަނެއް ކުންފުންޏަކީ އޮޕޯ އެވެ.