ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި މިރޭ އޮންނާނެ އެވެ.
ރާއްޖެ ގަޑިން މިރޭ 7:00 ގައި ވޯޓުލުން ފަށާއިރު މި އިންތިހާބު ކާމިޔާބުކުރުމަށް ރާއްޖޭން ވަނީ ވަރަށް ގިނަ މަސައްކަތްތައް ކޮށް، އެތައް ގައުމެއްގެ ތާއީދު ހޯދައިފަ އެވެ. އިންތިހާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެ އެވެ.
މި އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިންޑިއާ އާއި ސައުދީ އަރަބިއްޔާގެ އިތުރުން ގިނަ ގައުމުތަކަކުން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ދިނުމަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. އެކި ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އާންމު މަޖިލީހުުގެ ރައީސްކަން ކުރާ ގައުމެއްގެ ގޮތުން އެ މަޖިލީހުގައި އެޖެންޑާކުރާނެ މައްސަލަތަކަށް ބަދަލު އަންނަކަން ފާހަގަވެފަ އެވެ. ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ދިވެހިރާއްޖެ އާއި ނޭޕާލާއި ބޫޓާން ފިޔަވައި އެހެން ގައުމުތަކުން މީގެ ކުރިން ވަނީ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ. އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.
ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.